31 ޖުލައި 2021 - 11:20 0
31 ޖުލައި 2021 - 11:20 0
މެންޗެސްޓާ (ޖުލައި 31) - އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް ގަންނަން މެންޗެސްޓާ ސިޓީން 100 މިލިއަން ޕައުންޑް (140 މިިލިއަން ޑޮލަރު) ހުށަހަޅައިފި އެވެ.
ޕްރިމިއާ ލީގުގެ ކްލަބަކުން މިހާތަނަށް އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ހޯދީ 2016 ވަނަ އަހަރު އެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުން 89 މިިލިއަން ޕައުންޑް (123 މިލިއަން ޑޮލަރު) ދީފައި ޔުވެންޓަސް އިން ޕައުލް ޕޮގްބާ ގަތް ޑީލެވެ. ގްރީލިޝް، 100 މިލިއަން ޕައުންޑަަށް ކްލަބް ބަދަލުކޮށްފިނަމަ މިއީ ޕްރިމިއާ ލީގުގައި އެންމެ އަގުބޮޑުކޮށް ހިނގާނެ ޑީލެވެ.
އުމުރުން 25 އަހަރުގެ ގްރީލިޝް އަށް ބޮޑު ބިޑެއް ކުރުމުގެ ކުރިން ސިޓީން ވަނީ ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ގަންނަން ވެސް 100 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. އެކަމަކު ޓޮޓެންހަމް އިން ކޭން ވިއްކާލަން ކިޔާ އަގު 150 މިލިއަން ޕައުންޑަށް ވުރެ ކުޑަ ނުކުރަން ނިންމާފައިވާތީ އެ ޓްރާންސްފާ އޮތީ މަޑުޖެހިފަ އެވެ.
ގްރީލިޝް އަކީ މިދިޔަ ދެ އަހަރަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި އެއް ކުޅުންތެރިޔާ އެވެ. މި ފަހަރުގެ ޔޫރޯގައި ވާދަކުރި އިނގިރޭސި ޓީމުގައި ގްރީލިޝް ހިމެނުނު ނަމަވެސް އޭނާ އަށް އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ.
މެންޗެސްޓާ ސިޓީގެ ފޯޑެން (ވ) ކައިރިން ގްރީލިޝް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
އެސްޓަން ވިލާގެ އެކަޑަމީން ތަމްރީންވި ގްރީލިޝް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން 2013-2014 ވަނަ އަހަރުގެ ސީޒަނުގައި ނޮޓްސް ކައުންޓީ އަށް ކުޅެފަ އެވެ.
ޒުވާން އުމުރުގައި އެސްޓަން ވިލާ ސީނިއާ ޓީމަށް ވެސް ކުޅެން ފެށި ގްރީލިޝް ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 295 މެޗުން 43 ގޯލު ޖަހައި 59 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ސިޓީން ގްރީލިޝް ގަންނަން ބިޑްކޮށްފައި މިވަނީ އަންނަ ހަފްތާގައި އޭނާ އެސްޓަން ވިލާގެ ޕްރީ ސީޒަން ޕްރެކްޓިހުގައި ބައިވެރިވާން ނިންމާފައިވަނިކޮށެވެ. އެސްޓަން ވިލާ އިން ސިޓީގެ ބިޑު ބަލައިގަނެފިނަމަ ގްރީލިޝް ސިޓީއާ ގުޅުމުގެ ކަންތައްތައް ލަސްވެގެން ހަފްތާއެއްގެ ތެރޭގައި ނިމޭނެ އެވެ.
ޓްރާންސްފާ މާކެޓްގެ އެހެން ހަބަރުތަކަށް ބަލާއިރު، އާސެނަލުން ވަނީ ބްރައިޓަންގެ އިނގިރޭސި ޑިފެންޑަރު ބެން ވައިޓްގެ ސޮއި ހޯދައިފަ އެވެ. އުމުރުން 23 އަހަރުގެ ވައިޓް އާސެނަލަށް ސޮއިކުރީ 50 މިލިއަން ޕައުންޑަށް ފަސް އަހަރުގެ އެއްބަސްވުމެއްގަ އެވެ. ލިވަޕޫލްގެ ކަނާތު ފުލްބެކް ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން 2025 އާ ހަމައަށް އާ ކޮށްފަ އެވެ.
Comment