Advertisement

ވެކްސިންގެ އަދަދު ހާމަނުކުރަނީ އިތުރު ޝިޕްމަންޓެއް ލިބޭތީ

29 ޖުލައި 2021 - 15:25 4

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް: ސަރުކާރުގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމުން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައި-- ފޮޓޯ: އެޗްޕީއޭ


ވެކްސިންގެ އަދަދު ހާމަނުކުރަނީ އިތުރު ޝިޕްމަންޓެއް ލިބޭތީ

29 ޖުލައި 2021 - 15:25 4

ސިންގަޕޫރުގެ އެސްޓްރާޒެނިކާ އަށް ފައިސާ ދެއްކި 70,000 ޑޯޒުގެ ތެރެއިން މިހާތަނަށް ރާއްޖެ ލިބުނު ވެކްސިންގެ އަދަދު ހާމަނުކުރަނީ އިތުރު ޝިޕްމަންޓުތަކެއް ވަރަށް އަވަހަށް ފައިނަލްވާނެތީ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށީ އިންޑިއާއިން ހަދިޔާކުރި 200،000 ޑޯޒުންނެވެ. ޗައިނާއިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ.

އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

މީގެ ތެރެއިން މި ފަހުން ރާއްޖެ އަށް ލިބުނީ އެސްޓްރާޒެނެކާ ވެކްސިނެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ހާމަ އެއް ނުކުރެ އެވެ.

ވެކްސިންގެ ތަފްސީލްތަކާ ގުޅޭ ގޮތުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިވަގުތަށް ލިބިފައި ހުރި ޑޯޒުގެ ތަފްސީލް ދެވެން ނެތީ އިތުރު ވެކްސިން ޑޯޒް ތަކަކާއި ޝިޕްމެންޓް ތަކެއް ފައިނަލައިޒް ވަމުން އަންނާތީ ކަމަށެވެ.

"މިވަގުތު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުޖަހާ ތިބި ފަރާތްތަކަށް އެސްޓްރާޒެނެކާއިން ފުރިހަމަ ކުރެވޭ ވަރަށް އަދި އޭގެ އިތުރަށް ފުރަތަމަ ޑޯޒްވެސް ނުޖަހާ ތިބި ފަރާތްތަކަށް ޖެހޭ ވަރަށް ވެކްސިން ލިބިފަ ހުރީ," ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމުމެވެ. އާބާދީގެ އެންމެންނަށް ޖެހޭ ވަރަށް ރާއްޖެ އަށް ވެކްސިން ކަށަވަރުވެފައި ވުމަކީ ނަސީބެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

ކޮވިޑްގެ އެންމެ ފަހުގެ ރާޅުގައި ދުވާލަކު ޕޮޒިޓިވް ރޭޓް ހާހަކަށް އަރައިގެން ދިޔައިރު ބަލީގައި ވަރަށް ގިނަ މީހުން މަރުވި އެވެ. އޭގެތެރެއިން 80 ޕަސެންޓް މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުންނެވެ.