Advertisement

މުބާލާއި ސާޖިނާ އަށް އޮލިމްޕިކްސްގެ ތަޖުރިބާ އެއް

28 ޖުލައި 2021 - 14:01 0

މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ މުބާލް (ކ) އާއި ސާޖިނާ (މ).-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން


މުބާލާއި ސާޖިނާ އަށް އޮލިމްޕިކްސްގެ ތަޖުރިބާ އެއް

28 ޖުލައި 2021 - 14:01 0

މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރަން ކަނޑައެޅި ފެތުންތެރިން ބަދަލުކުރަން ޖެހުނީ ގޭމްސް ފެށެން މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ ފީނާ އިން ކަނޑައެޅި އުސޫލުތަކެއްގެ ސަބަބުންނެވެ. އެ ނިންމުމާ މެދު ތަފާތު ސަބަބުތަކާ ހުރެ، ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު، ބައިނަލްއަގުވާމީ މައި ޖަމިއްޔާ އިން ބަސް އިއްވުމުން އޭގެއާ ދެކޮޅަށް އެއްޗެއް ބުނުމެއް ނެތި އޮލިމްޕިކްސްގައި ބައިވެރިވާން ލިބިފައި އޮތް ފުރުސަތުގެ ބޭނުންހިފައި ކުރިއަށް ދިޔައީ އެވެ.

މިދިޔަ މެއި މަހު ފަހުކޮޅު ސްވިމިން އެސޯސިއޭޝަނުން އެންމެ ފުރަތަމަ އިއުލާނުކުރީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނެ ދެ ފެތުންތެރިއަކީ އައިޝަތު ޝައުސަން އާއި އަލީ އިމްއާން ކަމަށެވެ.

އެކަމަކު، ފީނާ އިން އުސޫލަށް ގެނައި ބަދަލުތަކާ އެއްގޮތަށް އަމަލުކުރަން ފަށައި ރޭންކިން އާއި އެހެނިހެން ކަންތައްތަކަކަށް ބެލުމަށް ފަހު ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ދިނީ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމަށެވެ. އޮލިމްޕިކްސްގައި ފަށާނެ ފެތުންތެރިން ކަށަވަރުވީ މިދިޔަ މަހު ފަހު ކޮޅު އެވެ.

ކުޑަ މުއްދަތެއްގެ ތެރޭގައި އާދަޔާހިލާފު ރަނގަޅަށް އޮލިމްޕިކްސް އަށް ތައްޔާރުވެވޭނެ ގޮތެއް ނޯންނާނެ އެވެ.

މި ދެ އެތުލީޓުންނަށް މިދިޔަ ދެ އަހަރު ރާއްޖޭން ބޭރުގައި ތަމްރީން ހަދަން ހުރިއިރު ވެސް އެންމެ ރަނގަޅަށް ޓްރެއިނިން ކުރިއަށް ނުގެންދެވުނީ ކޮވިޑް-19ގެ ސަބަބުންނެވެ. ތަމްރީންތައް ގެންދެވުނު ވަރަކުން ކުރިއަށް ގެންގޮސް މި ފަހަރުގެ އޮލިމްޕިކްސްގައި ގައުމު ތަމްސީލްކުރަން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފައި މުބާލާއި ސާޖިނާ ވަނީ ދުނިޔޭގައި ބޭއްވޭ އެންމެ ތާރީހީ ކުޅިވަރު ހަރަކާތުގައި ފުރަތަމަ ފަހަރަށް ފަތައިފަ އެވެ. ދެ އެތުލީޓުން ވާދަކުރާނެ އިވެންޓް ވެސް ކަނޑައެޅީ ފީނާ އިންނެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ފިރިހެނުންގެ 100 މީޓަރު ފެތުމުގެ ފްރީސްޓައިލް އިވެންޓްގައި ވާދަކޮށް މުބާލް ހީޓުގެ ހަ ވަނަ ހޯދި އެވެ. ރަނގަޅު ވާދައެއް ކުރި މުބާލްގެ ޓައިމިން އަކީ 58.37 ސިކުންތެވެ. ހީޓުގެ އެއް ވަނަ ހޯދި ނޭޕާލްގެ އެލެގްޒަންޑާ ޝާހުގެ ޓައިމިން އަކީ 53.41 ސިކުންތެވެ. ހަތް ވަނަ އަށް ދިޔަ ސޮލަމަން އައިލެންޑްގެ އެޑްގާ ރިޗާޑްސަން އަށް އިވެންޓް ފުރިހަމަ ކުރެވުނު ޓައިމިން އަކީ 1:00.13 އެވެ.

އޮލިމްޕިކްސްގައި ސާޖިނާ ވާދަކޮށްފައިވަނީ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގަ އެވެ. ސާޖިނާ އަށް ހަ ވަނަ ލިބުނުއިރު، އޭނާ އަށް އިވެންޓް ފުރިހަމަކުރެވުނީ 1:33.59 ސިކުންތުންނެވެ. މި ހީޓުގެ އެއް ވަނަ ހޯދި ހެއިޓީގެ އެމިލިއާ ފެއިތު އިވެންޓް ނިންމި ޓައިމިން އަކީ 1:14.82 އެވެ. މި ހީޓްގައި ވާދަކުރަން ޝެޑިއުލްކޮށްފައިވާ ގިނީގެ އެތުލީޓު ޓޫރޭ މަރިއާމާ އިވެންޓްގައި ބައިވެރިނުވެ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ހޯދީ މުބާލްގެ އިތުރުން ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) އެވެ.

އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދި ރާއްޖެ އަށް ނިސްބަތްވާ ފުރަތަމަ އަންހެން ކުޅުންތެރިއަކީ ނަބާ އެވެ. މި ފަހަރުގެ ގޭމްސްގައި ނަބާގެ އިވެންޓް ވަނީ ނިމިފަ އެވެ. ދުނިޔޭގެ ރޭންކިންގައި ނަބާ އަށް ވުރެ މަތީ ވަނަތަކެއްގައި އޮތް ދެ ކުޅުންތެރިންނާ ވާދަކޮށް ބަލިވި ނަމަވެސް ނަބާ އަށް ރަނގަޅު ތަޖުރިބާއެއް ވަނީ ލިބިފަ އެވެ.

އޮލިމްޕިކްސްގައި ދެން ރާއްޖެ އަށް އޮތީ އެންމެ އިވެންޓެކެވެ. އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބައިވެރިވާ އިވެންޓެވެ. މިއީ ސާއިދު އޮލިމްޕިކްސްގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. ސާއިދު ވަނީ 2016 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ރިއޯ އޮލިމްޕިކްސްގައި ވާދަކޮށް ރާއްޖޭގެ އެތުލީޓަކު އޮލިމްޕިކްސްއެއްގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ ހާސިލްކޮށްފަ އެވެ.