Advertisement

ޗައިނާއިން އިތުރު ހަތަރު ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކުރަނީ

25 ޖުލައި 2021 - 16:15 2

އަމަން ހަލީމް

އަމަން ހަލީމް

ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިން: އިތުރު ހަތަރު ލައްކަ ޑޯޒް ހަދިޔާކުރުމުން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދިން ވެކްސިންގެ އަދަދު ހަ ލައްކައަށް އަރާނެ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ޗައިނާއިން އިތުރު ހަތަރު ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކުރަނީ

25 ޖުލައި 2021 - 16:15 2

ރާއްޖޭގައި ދިރިއުޅޭ އާބާދީއަށް ވެކްސިން ފޯރުކޮށްދޭން ކުރާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން އިތުރު ހަތަރު ލައްކަ ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބާ ގުޅޭގޮތުން "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ޗައިނާއިން ވެކްސިން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވީ ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ރައީސް ޝީ ޖިން ޕިންއަށް ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ކަމަށެވެ.

މި ފޯނު ކޯލަށް ފަހު ރައީސް ސޯލިހު ކުރެއްވި ޓްވީޓްގައި ޗައިނާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތަކަށް ޝުކުރު އަދާކުރެއްވި ނަމަވެސް، ޗައިނާއިން އެއްވެސް ކަހަލަ އެހީއެއް ދޭން ނިންމާފައިވާ ކަމަށް ހިއްސާކުރައްވަފައެއް ނުވެ އެވެ.

ވެކްސިން ދޭނެ ކަމުގެ ޔަގީންކަން އެރުވި ނަމަވެސް، ވެކްސިން ލިބޭނެ ސީދާ ތާރީހަކާއި ފޯރުކޮށްދޭ ވެކްސިންގެ ބާވަތައް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދާދި އަވަހަށް ރާއްޖެއަށް މި ވެކްސިން ޑޯޒްތައް ލިބިގެން ދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޗައިނާއިން ވަނީ މީގެ ކުރިންވެސް ރާއްޖެއަށް ދެ ލައްކަ ޑޯޒްގެ ސިނޮފާމް ވެކްސިން ފޯރުކޮށްދީފަ އެވެ. އަދި ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ ތާށިކަން އައިސްގެން އުޅުން ދުވަސްވަރު ވެސް ޖަހަމުން ގެންދިޔާއީ ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދިން ސިނޮފާމް ވެކްސިނެވެ.

ޗައިނާއިން މި ހަތަރު ލައްކަ ޑޯޒް ހަދިޔާކުރުމުން އެ ގައުމުން ފޯރުކޮށްދިން ވެކްސިންގެ އަދަދު ހަ ލައްކައަށް އިތުރުވާނެ އެވެ. އަދި އެއް ގައުމަކުން ރާއްޖެއަށް ވެކްސިންގެ އެންމެ ބޮޑު އެހީއެއް ފޯރުކޮށްދިން ގައުމަކަށް ވާނީ ވެސް ޗައިނާ އެވެ.