Advertisement

އިލްޔާސް ދިން މައުލޫމާތާއި ހަމަލާއާ ގުޅުމެއް ނެތް: ފުލުހުން

24 ޖުލައި 2021 - 22:54 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

އިލްޔާސް ލަބީބް ރައީސް މުހައްމަދު ނަޝީދާއެކު--


އިލްޔާސް ދިން މައުލޫމާތާއި ހަމަލާއާ ގުޅުމެއް ނެތް: ފުލުހުން

24 ޖުލައި 2021 - 22:54 0

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދެއްވި މައުލޫމާތާ، މޭ 6 ގެ ހަމަލާއާ ގުޅުމެއް ނެތް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނީލޯފަރު މަގުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާ އިން ނަޝީދުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވިއިރު، އެ ހަމަލާއާ ގުޅޭ ގޮތުން، ކަންބޮޑުވުން އިތުރުވީ ޑިފެންސް މިނިސްޓަރު މާރިޔާ އާއި އިލްޔާސްއާ ދެމެދު ދެކެވުނު ކަމަށް ފެންމަތިވި ވާހަކަތަކުންނެވެ.

ރާއްޖޭގެ އިސްވެރިންގެ ތެެރެއިން އެންމެ ހައި ރިސްކް ބޭފުޅާ އަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ސިފައިންނާއި ފުލުހުންނަށް ވެސް ލިބިފައި ނުވާ ކަމަށް ހާމަކުރި ފަހުން، އިލްޔާސްގެ ފަރާތުން އެފަދަ މައުލޫމާތެއް ލިބުނު ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާއްމު މީހެއްގެ ފަރާތުން އިލްޔާސް ލަބީބަށް މައުލޫމާތު ލިބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ޑޮލަރު ހަރަދުކޮށްގެން ބަޔަކާ ހަވާލުކޮށްފައިވާ ކަމެވެ. އެ މައުލޫމާތު ނަޝީދުގެ އިތުރުން މިނިސްޓަރު މާރިޔާއާ ހިއްސާކުރެއްވި އިލްޔާސް ވެސް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު މާރިޔާ ވެސް ވަނީ ހަމަލާއެއްގެ މައުލޫމާތު އުޅޭކަން އިލްޔާސް އެންގެވި ކަމަށާއި ލަފާ ދެއްވީ ފުލުހުންނަށް ރިޕޯޓްކުރަން ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އިލްޔާސް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް ލިބިވަޑައިގަތް މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރާކަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހަމަލާގެ ތަހުގީގުގައި އިލްޔާސް ދިން މައުލޫމާތުތަކަށް ބެލިއިރު އެފަދަ ހެއްކެއް ނުފެންނަ ކަމަށެވެ.

"މިހާތަނަށް ސީދާ ގޮތުން އެ މައުލޫމާތާއި މި މައްސަލާގައި މި ހަމަލާ ދިން މީހުންގެ އަމަލާ ސީދާ ގޮތުން ގުޅުވޭނެ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ފެނިފައި ނުވާކަން އަޅުގަނޑު ފާހަގަ ކޮށްލަން،" ރިޔާޒް ވިދާޅުވި އެވެ.

ރިިޔާޒް ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން މަޖީދީ މަގުގައި ބޮން ގޮއްވާލީ ފަންޑުކޮށްގެންކަން ބެލެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެ ހަމަލާ ދިނުމަށް ބޭނުންވާ ސައިކަލު ފަދަ ތަކެތި ގަތުމުގެ އިތުރުން ހަމަލާ ދިނީތީވެ އިނާމެއްގެ ގޮތުން ފައިސާ ދީފައިވާކަން މިހާތަނަށް ބެލެވެން ނެތް ކަމަށެވެ.

ހަމަލާ ދިނުމުގައި ފަންޑު ކޮށްފައިވޭތޯ ބެލުމަށް ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހުންނާއި އެ މީހުންނާ ގުޅުން ހުރި މީހުންގެ މާލީ މުއާމަލާތްތައް ބަލާފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ ރޯދަ މަހު ދިން ހަމަލާއަށްފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ރޭޒާ ފުއް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.