Advertisement

ތިން ގަޑިއިރު ތެރޭ ޗައިނާއަށް އެއް އަހަރުގެ ވާރޭ ވެހިއްޖެ

22 ޖުލައި 2021 - 10:49 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގައި ފެންބޮޑުވެ ކާރުތައް ޖަމާވެފައި.-- ފޮޓޯ: އޭއެފްޕީ


ތިން ގަޑިއިރު ތެރޭ ޗައިނާއަށް އެއް އަހަރުގެ ވާރޭ ވެހިއްޖެ

22 ޖުލައި 2021 - 10:49 2

ޝެންގްޝައު، ޗައިނާ (ޖުލައި 22) - ޗައިނާގެ ޝެންގްޝައު ސިޓީ އަށް ތިން ގަޑިއިރު ތެރޭގައި އެއް އަހަރުގެ ވާރޭ ވެހި ފެންބޮޑުވުމުން މަރުވި މީހުންގެ އަދަދު 33 އަށް އަރައިފި އެވެ.

އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުން ސިޓީގެ ކާނުތައް ފުރި ފެންބޮޑުވިއިރު، ކައިރި ހިސާބުތަކުގެ ކޯރުތައް ވެސް ބަންޑުންވި އެވެ. ވަށައިގެންވާ ސަރަހައްދަށް އަދިވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވެ އެވެ.

އެ ސިޓީގެ އެތައް ހާސް މީހުންނަށް އަސަރުކޮށްފައި ވާއިރު، ރޭލު ޓަނަލްތަކާއި މަގުތަކާއި ދަނޑުބިންތައް ވެސް އޮތީ ފެނު އަޑީގަ އެވެ. ރޭލު ތެރޭގައި ތާށިވެ ބައެއް މީހުން ގެނބިގެން މަރުވެފައި ވެ އެވެ.

ފެންގަނޑު ހިނދެން ފަށާފައި ވާއިރު، ގިނަ އަދަދެއްގެ ކާރާއި އެއްގަމު އުޅަނދު އެއް ތަނަކަށް ޖަމާވެ ފުނިޖެހިފައިވާ މަންޒަރު ފޮޓޯތަކުން ފެނެ އެވެ. އެ ތަންތަން ސާފުކުރަން މިހާރު ވަނީ ފަށާފަ އެވެ.

ޝެންގްޝައު ވަށައިގެންވާ ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާނެ ކަމަށް ބެލެވޭތީ ވަނީ ރަތް އެލާޓް ނެރިފަ އެވެ.

ތަޖުރިބާކާރުން ބުނެފައި ވަނީ ކުއްލިއަކަށް މޫސުން ގޯސްވުން ފަދަ ކަންކަން ދިމާވަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަމަށެވެ. އެގޮތުން ޗައިނާއަކީ އާއްމުކޮށް ފެންބޮޑުވާ ގައުމެއް ނަމަވެސް، މިހާރަކަށް އައިސް ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވެ، ލިބޭ ގެއްލުން ބޮޑެވެ.

މޫސުމާ ބެހޭ ފަރާތްތަކުން ބުނީ ތިން ދުވަސް ތެރޭ އެއް އަހަރުގެ ވާރޭ ވެހެން މެދުވެރިވީ ތޫފާން އިންފާގެ ސަބަބުން ކަމަށެވެ. މި ތޫފާން ޗައިނާއަށް އަރާފައި ނުވި ނަމަވެސް، ހިނާން ޕްރޮވިންސް ކައިރިއަށް ވިލާތައް ޖަމާވުމުން ކުއްލިއަކަށް ވާރޭވެހެން މެދުވެރިވީ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.