Advertisement

ވެން ހާލް ނެދަލެންޑްސްގެ ކޯޗުކަމާ އަލުން ހަވާލުވަނީ: ރިޕޯޓް

22 ޖުލައި 2021 - 10:06 0


ވެން ހާލް ނެދަލެންޑްސްގެ ކޯޗުކަމާ އަލުން ހަވާލުވަނީ: ރިޕޯޓް

22 ޖުލައި 2021 - 10:06 0

އަމްސްޓެޑަމް (ޖުލައި 22) - ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވާން އެ ގައުމުގެ ތަޖުރިބާކާރު ކޯޗު ލުއީ ވެން ހާލް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 69 އަހަރުގެ ވެން ހާލް ވަނީ 2000 އިން 2002 އާއި 2012 އިން 2014 އަށް ނެދަލެންޑްސްގެ ކޯޗުކަން ކޮށްފަ އެވެ. ނެދަލެންޑްސްގެ ކޯޗުގެ މަގާމު ހުސްވީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ނެދަލެންޑްސްގެ ކޯޗުކަން ފްރޭންކް ޑި ބޮއާ ދޫކޮށްލަން ނިންމުމުންނެވެ.

ނެދަލެންޑްސްގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑީ ޓެލެގްރާފް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެން ހާލް ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވާނީ 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ އަންނަ އަހަރު ނޮވެމްބަރާއި ޑިސެމްބަރު މަހު ގަތަރުގައި ބާއްވަން ތާވަލުކޮށްފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެވެ.

ނެދަލެންޑްސްގެ ކޯޗުގެ މަގާމަށް ވެން ހާލް ހަމަޖައްސަން ކުރާ މަސައްކަތަށް އެ ޓީމުގެ ކެޕްޓަން އަދި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްއާ އެކު ސީނިއާ އެހެން ކުޅުންތެރިންތަކެއް ހުރަސްއަޅާ ކަމަށް ދެކެވެނީ ހަގީގަތާ ހިލާފުވާހަކައެއް ކަމަށް ބުނެ، ވެން ޑައިކް ވަނީ އިނގިރޭސި މީޑިއާއެއް ކަމަށްވާ "މިރާ" އަށް ފާޑުކިޔައިފަ އެވެ.

ވެން ހާލް އެންމެ ފަހުން ކޯޗިންގެ މަސައްކަތް ކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑްގަ އެވެ. އެ ޓީމުން 2016 ވަނަ އަހަރު ވަކިކުރި ފަހުން ވެން ހާލް ޓީމަކާ ހަވާލެއް ނުވެ އެވެ. އެކަމަކު، ފްރީލާންސްކޮށް ބައެއް ޓީމުތަކަށް ކޯޗިން ސެޝަންތަކެއް ނަގާފައިވެ އެވެ.

ވެން ހާލް އެންމެ ފުރަތަމަ ނެދަލެންޑްސްގެ ކޯޗުކަމުގައި ހުރެފައި މަގާމުން އިސްތިއުފާ ދޭން ނިންމީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުންނެވެ. އެ ފަހަރު ނެދަލެންޑްސް އަށް ވޯލްޑް ކަޕްގެ ޖާގައެއް ގެއްލުނުއިރު، އެއީ 1986 ވަނަ އަހަރަށް ފަހު ނެދަލެންޑްސް ނުލައި ވޯލްޑް ކަޕެއް ކުރިއަށްދިޔަ ފުރަތަމަ ފަހަރެވެ.

ދެ ވަނަ ފަހަރަށް ނެދަލެންޑްސްއާ ހަވާލުވެ، ވެން ހާލް ވަނީ އެ ޓީމު 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ. ސެމީ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ކޮސްޓަ ރިކާ އަތުން ކުއާޓާ ފައިނަލުގައި ނެދަލެންޑްސް ޕެނަލްޓީ ޖަހައިގެން މޮޅުވުމުގައި ވެން ހާލް ފަހު ވަގުތު ކުރި ބަދަލެއް އިސް ދައުރެއް އަދާކުރި އެވެ.

ފަހު ވަގުތު ޕެނަލްޓީއާ ދިމާކޮށް ވެން ހާލް ވަނީ ގޯލްކީޕަރު ޓިމް ކްރުލް ކުޅެން އަރުވައިފަ އެވެ. ކޮސްޓަ ރިިކާ އިން ފޮނުވާލި ޕެނަލްޓީއެއް ހުއްޓުވައި ކްރުލް ވަނީ ނެދަލެންޑްސް މޮޅުކޮށްދޭން އެހީތެރިވެފަ އެވެ. އެކަމަކު، ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ވީ ބައްޔެވެ.

ނެދަލެންޑްސްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ވަރަށް އަވަހަށް ރަސްމީކޮށް ވެން ހާލް އެ ޓީމާ ހަވާލުވާނެ އެވެ.