Advertisement

ޑީލެއް ނެތް، ޔާމީންގެ މަސައްކަތް ޕީޕީއެމް/ޕީއެންސީއާ އެކު: އަދުރޭ

20 ޖުލައި 2021 - 00:05 0

އަމަން ހަލީމް

އަމަން ހަލީމް

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)-- ފޮޓޯ:


ޑީލެއް ނެތް، ޔާމީންގެ މަސައްކަތް ޕީޕީއެމް/ޕީއެންސީއާ އެކު: އަދުރޭ

20 ޖުލައި 2021 - 00:05 0

ވާދަވެރިން ކޮންމެ ވާހަކައެއް ދެއްކިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ ޕީޕީއެމް/ޕީއެންސީގެ ތެރެއިން ކަމަށާއި ޑީލެއް ނުހައްދަވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޔާމީންއާ ގުޅިގެން ސިޔާސީ މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

ޕީޕީއެމް ޖަގަހައިގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދެ ޕާޓީން ބޭއްވި ހާއްސަ ހަފުލާއެއްގައި އަދުރޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށް އިދިކޮޅުން ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ.

އަދި ސަރުކާރުން ގައުމު ތަރައްގީ ކުރުމުގެ ނަމުގައި ގައުމުގެ މިނިވަންކަން ވިއްކާލައިފި ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވައިފަ އެވެ.

އެގޮތުން އަދުރޭ ވިދާޅުވީ ގައުމު ތަރައްގީކުރުމުގެ ނަމުގައި ސަރުކާރާއި ސަރުކާރު ކުންފުނިތައް މެދުވެރުކޮށް ދައުލަތުގެ ހަޒާނާ ހުސްކޮށްލައިފި ކަމަށެވެ. އަދި އަނބުރާ ވެރިކަމަށް އައިސް ގައުމު ކޮޅަށް ޖަހަން އުނދާގޫވާ ހާލަތަށް ގައުމުގެ ހާލަތު ގޮސްފައިވާއިރު، މިހާރު ސަރުކާރުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކަކީ ގައުމު "ވިއްކާލަން" ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުވިދާޅުވުމުގެ އިތުރަށް، އަދުރޭ ވަނީ މިހާރު ޕާޓިއެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނގެތި ދާއިރާ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަދި ތިމަރަފުށީ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފަ އެވެ.

އަދި ސީދާ ދެ މެމްބަރުންގެ ނަން ވިދާޅުވި ނުވި ނަމަވެސް، ފެންނަނީ ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތައް ނަންގަވައިގެން މަޖިލިހުގައި ހަނު ތިއްބަވާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

މިރޭ އިދިކޮޅުން ބޭއްވި ހަފްލާއަކީ މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް އާއި ކުރީގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)ގެ އިތުރުން ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) ޕީޕީއެމްއަށް ސޮއިކުރުމަށް ބޭއްވި ހަފްލާއެކެވެ.