Advertisement

ސްޕޮންސަރެއް ނެތް، ހާލަތު ގޯސް، ބަންގްލަދޭޝްގައި ސާފް ނުބޭއްވިދާނެ

18 ޖުލައި 2021 - 09:00 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ރާއްޖޭގެ ކުޅުންތެރިން 2018 ވަނަ އަހަރުގެ ސާފް ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ސްޕޮންސަރެއް ނެތް، ހާލަތު ގޯސް، ބަންގްލަދޭޝްގައި ސާފް ނުބޭއްވިދާނެ

18 ޖުލައި 2021 - 09:00 0

ސާފް ޗެމްޕިއަންޝިޕަށް ސްޕޮންސަރަކު ހަމަނުޖެހުމާއި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ކުޑަވެއްޖެ އެވެ.

މި މަހު އެއް ވަނަ ދުވަހު ބޭއްވުނު ސާކް ޖެނެރަލް ސެކްރެޓަރީންގެ ބައްދަލުވުމެއްގައި ގައުމުތަކުން އެއްބަސްވީ މި މަހު 15 ވަނަ ދުވަހު ބައްދަލުކޮށް ގޮތްތަކެއް އިތުރަށް ފައިނަލް ކުރުމެވެ. ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކުރެވުނީ އަންނަ މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ސާފް ކުޅެވޭތޯ ބެލުމަށެެވެ. އެކަމަކު، އަންނަ މަހު އޭއެފްސީ ކަޕް ދެކުނު އޭސިއާ ގްރޫޕްގެ މެޗުތައް އޮތުމުން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ޝެޑިއުލް ތަން ދެނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.

އެކަމަކު، ބަންގްލަދޭޝްގައި ކޮވިޑް-19ގެ ކޭސްތައް އިންތިހާ އަށް އިތުރުވަމުންދާތީ އާއި އޭގެ އިތުރުން މިހާތަނަށް ސާފް މުބާރާތަށް ސްޕޮންސަރެއް ހޯދަން ކުރާ މަސައްކަތުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބޭތީ ބަންގްލަދޭޝަށް ވަނީ މުބާރާތް ނުބޭއްވިދާނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިފަ އެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނާއި ސާފްގެ ރައީސް ކާޒީ ސަލާހުއްދީން އެ ގައުމުގެ މީޑިއާ އަށް ވިދާޅުވީ މި ވަގުތު ހާލަތު އޮތްގޮތުން އެއްވެސް މީހަކަށް ވަކި ކަމެއް ކުރެވޭނެ ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށެވެ. ކޮވިޑް-19ގެ ސަަބަބުން ލޮކްޑައުން ކުރުމާއި އެހެނިހެން ކުއްލި ފިޔަވަޅުތައް އަންނާތީ ސާފް ބޭއްވުމުގެ އެކި އެކި ކަންކަން ހުރީ ރަނގަޅަށް ހަމަނުޖެހިކަން ސަލާހުއްދީން ވަނީ ފާހަގަކުރައްވައިފަ އެވެ.

"ސެޕްޓެމްބަރުގައި ކުޅެންޏާ ބޫޓާނަށް ބައިވެރިއެއް ނުވެވޭ. އެ މީހުންނަށް ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް އެބަހުރި. އެ މީހުން އެ ދަނީ އޭގެ އަށް ލުޔެއް އޮތްތޯ އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކަމުން. ދެން އަހަރެމެންނާ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާން ނިންމި މީހުން އަންގަނީ ހާލަތު ބަދަލު ވަންދެން އެ މީހުންގެ ޖަވާބަކަށް އިންތިޒާރު ކުރަން. އެހެންވީމަ ވަކި ކަމެއް ވަކި ގޮތެކޭ ނުބުނެވޭނެ،" ސަލާހުއްދީން ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ދެ ފަހަރު 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމް ގަޔާއި 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވީ ސާފް ސުޒުކީ ކަޕްގެ ނަމުގަ އެވެ. އެއީ ސުޒުކީ ސްޕޮންސަޝިޕްގެ ދަށުންނެވެ. ކުރިއަށް އޮތް ސާފްގެ ސްޕޮންސަކުރަން ވެސް ތަފާތު ފަރާތްތަކާ މަޝްވަރާތައް ކުރެވެ އެވެ.

މި ދަނޑިވަޅަށް ބަލާއިރު މުބާރާތް ބޭއްވޭނެ ކަމުގެ އެއްވެސް ޔަގީންކަން ނުދެވޭނެ ކަމަށް ސަލާހުއްދީން ވަނީ ވިދާޅުވެފަ އެވެ. އަދި ޑާކާ ނޫނީ ސިލްހެޓްގައި ކުޅެން ޖެހުނަސް ބަންގްލަދޭޝަށް މި އަހަރު މުބާރާތް ބޭއްވޭނީ ސެޕްޓެމްބަރުގައި ކުޅެގެން ކަމަށް ސަލާހުއްދީން ވިދާޅުވި އެވެ.

"އޮގަސްޓާއި ސެޕްޓެމްބަރު، މި ދެ މަސް ތެރޭގައި އަހަރެމެންނަށް ސާފް ނުބޭއްވިއްޖިއްޔާ މި އަހަރު މި ގައުމުގައި (ބަންގްލަދޭޝްގައި) ސާފް ނުކުޅެވޭނެ. ކޮންމެ ގޮތެއް ވިޔަސް މި މަސް ނިމުމުގެ ކުރިން ފައިނަލް ގޮތެއް ނިންމަން ޖެހޭ،" ސަލާހުއްދީން ވިދާޅުވި އެވެ.

ސާފް އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވީ ބަންގްލަދޭޝްގައި ބޭއްވިއިރު، އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރާއްޖޭންނެވެ. މި ފަހަރުގެ މުބާރާތް ސެޕްޓެމްބަރު މަހު ކުޅެފިނަމަ ބޫޓާނަށް ނުކުޅެވޭއިރު، ކުރިއަށް އޮތް މުބާރާތުގައި ޔަގީނުން ވެސް ޕާކިސްތާން ނުފެންނާނެ އެވެ. އެއީ އެ ގައުމު އޮތީ ފީފާގެ ސަސްޕެންޝަނެއްގައި ކަމަށްވާތީ އެވެ.

މި ފަހަރުގެ ސާފް އެންމެ ފުރަތަމަ ބާއްވަން ފުރުސަތު ދިނީ ޕާކިސްތާންގަ އެވެ. އެކަމަކު ފަހުން ބަންގްލަދޭޝަށް ބަދަލުކުރީ އެވެ. މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި މުބާރާތް މި އަހަރަށް ފަސްކުރިއިރު، މިހާރު އޮތްގޮތުން ބަންގްލަދޭޝް ނޫން ގައުމެއްގައި މުބާރާތް ކުޅެން ޖެހިދާނެ އެވެ.

ނޭޕާލުގައި ސެޕްޓެމްބަރު މަހު ސާފް ބޭއްވިދާނެ

ބަންގްލަދޭޝްގައި ސާފް ބޭއްވުމުގެ ފުރުސަތު ހަނިވެފައިވާއިރު، މުބާރާތް ހޯސްޓްކުރަން ޝައުގުވެރިވާ ގައުމުތަކުން އެ ވާހަކަތައް އަންނަނީ ދައްކަމުންނެވެ. އެ ގޮތުން ނޭޕާލުން ވަނީ ސާފް ބާއްވަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ ވަނީ އެ ގައުމުގައި ސާފް ބޭއްވުމަށް ސަރުކާރުގެ ސަޕޯޓް ފުރިހަމަ އަށް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އޯލީ ވަނީ ނޭޕާލުގެ ސްޕޯޓްސް ކައުންސިލާއި ފުޓްބޯޅަ ފެޑެރޭޝަން (އަންފާ) ކިބައިން ސާފް ބޭއްވޭތޯ ކުރަން ޖެހޭ މަސައްކަތްތައް އެ ވުޒާރާތަކުން ކުރަން އަންގައިފަ އެވެ.

އަންފާގެ ރައީސް ކަރްމާ ޝެރިން ވިދާޅުވީ މާލީ ގޮތުން ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު އޯލީ ދެއްވާފައިވާ ކަމަަށާއި މުބާރާތް ބޭއްވިއްޖެނަމަ މިއީ ނޭޕާލް ފުޓްބޯޅަ އަށް ރަނގަޅު ކަންްތައްތަކެއް ހާސިލްކުރެވޭނެ ފަހަރެއް ކަމަށެވެ.

"ސާފް ބޭއްވުމުގެ ތައްޔާރީތައް އަހަރެމެން ފަށާނީ ލިޔުމަކުން އަހަރެމެންނަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބިއްޖެކަމަށް ސާފް ފެޑެރޭޝަނުން އެންގުމުން. ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ ސެޕްޓެމްބަރު މަހު (ނޭޕާލްގައި) ސާފް ބޭއްވޭނެ،" ޝެރިން ވިދާޅުވި އެވެ.

ނޭޕާލުގައި މުބާރާތް ހޯސްޓްކުރާނަމަ ބޫޓާނަށް ވެސް މި ފަހަރުގެ މުބާރާތުގައި ކުޅެވުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އެއީ ނޭޕާލަށް ދަތުރުކުރަން ބޫޓާން ސަރުކާރުން ހުއްދަދޭނެ ކަމަށް ބެލެވޭތީ އެވެ.

ނޭޕާލުގައި އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2013 ވަނަ އަހަރު އެވެ. ނޭޕާލުން ވަނީ އޭގެ ފަހުން އެ ގައުމުގެ ރަސްމީ ދަނޑު ކަމަށްވާ ދަސްތަރު ސްޓޭޑިއަމް ރަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްފަ އެވެ. އަދި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް ވެސް އެ ތަނުގައި ކުރިއަށް ގެންދިޔަ އެވެ.

އޭގެ ފަހުން މި އަހަރު ކުރީކޮޅުގައި ވަނީ ތުރީ ނޭޝަންސް ކަޕްގެ ނަމުގައި މުބާރާތެއް ކުޅެފަ އެވެ. ނޭޕާލްގެ އިތުރުން ދެން އެ މުބާރާތުގައި ކުޅުނީ ކިރްގިސްތާން 23 އަހަރުން ދަށުގެ ޓީމާއި ބަންގްލަދޭޝް އެވެ. އެ މުބާރާތް ކާމިޔާބުކުރީ ބަންގްލަދޭޝް ބަލިކޮށް ނޭޕާލުންނެވެ.