Advertisement

ރުގްޔާގެ ފަރުވާ ދޭ މީހުންގެ ފެންވަރާއި ތައުލީމު ބަޔާންކޮށް އުސޫލެއް ހަދަނީ

14 ޖުލައި 2021 - 11:19 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު: ވިދާޅުވީ ދެން ރުގްޔާ ކުރުވޭނީ މިނިސްޓްރީގެ ހުއްދަ ނަގައިގެން ކަމަށް -- ފޮޓޯ: ފައިލް


ރުގްޔާގެ ފަރުވާ ދޭ މީހުންގެ ފެންވަރާއި ތައުލީމު ބަޔާންކޮށް އުސޫލެއް ހަދަނީ

14 ޖުލައި 2021 - 11:19 0

ރުގްޔާ ކުރުމުގެ ނަމުގައި ނާޖާއިޒް ފައިދާ ނަގަމުންދާތީ އެ ފަރުވާ ދެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން އުސޫލެއް ހަދަން ފަށައިފި އެވެ.

ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމުގެ އުސޫލާ ގުޅޭ ގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އުސޫލެއް ހެދުމުގެ ބޭނުމަކީ ވަކި ފެންވަރެއްގެ، ވަކި ބެކްގްރައުންޑެއްގެ ބަޔަކަށް ރުގްޔާ ކުރުމުގެ ހުއްދަ ދިނުން ކަމަށެވެ.

"ރައްޔިތުންގެ މެދުގައި ވަރަށް ކަންބޮޑުވުން އޮތް ކަމެއް މިއީ ކޮންމެ ފަދަ މީހަކަށް ވެސް ރުގްޔާ ކުރެވޭތީ. ހަމަ މިވެނި ވަރަކަށް ލާރި ނަގައިގެން ކޮންމެ މީހަކު ވެސް ރުގްޔާ ކުރަންވީ. އަޅުގަނޑުމެން މި ހަދާ އުސޫލުގައި އޮންނާނެ ހުއްދަ ދެވޭ މީހާގެ ޝަރުތުތަކާއި ކޮން ފެންވަރެއްގެ މީހަކަށްކަން މި ހުއްދަ ދެނީ،" ޑރ. ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޝަރުއީ ގޮތުން ރުގްޔާ ކުރަން އެނގޭނީ ދީނީ ބެކްގްރައުންޑެއްގެ މީހަކަށް ކަމަށެވެ. ނަމަވެސް މިހާރު ރުގްޔާ ކުރުމުގެ މަސައްކަތުގައި ކަމުގެ އިލްމު ނުދަންނަ މީހުން ވެސް ހަރަކާތްތެރިވާ ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.

"ރުގްޔާ ކުރަން އުޅޭ މީހުންގެ ބެކްގްރައުންޑަށް ބައެއް ފަހަރު ބަލާލީމަ އެއްވެސް ވަރަކަށް ކިޔަވާފަ ހުރި ތިބި މީހުންކަން ފާހަގައެއް ނުވޭ. ޝަރުއީ ރުގްޔާ މި ކިޔަނީ ޝަރީއަތުގައި އައިސްފައިވާ ބައެއް ކަންކަން. އެއީ [މިސާލަކަށް] ދުއާއެއް ކޮށްފަ ހަށިގަނޑަށް ފުމެލުން ނުވަތަ ރަސޫލާ ދެއްވާފައި އޮތް އިރުޝާދާ އެއްގޮތަށް ކަމެއް ކުރުން. މިކަންތައް އެނގޭނީ ދީނީ ބެކްގްރައުންޑެއް އޮންނަ ކިޔަވައިގެން ހުންނަ މީހަކަށް،" އޭނާ ވިދާޅުވި އެވެ.

ރުގްޔާ ކުރުމުގެ އުސޫލު ހެދުމުން، ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކުރާ ގޮތަށް، ރުގްޔާ ކުރުމުގެ ހުއްދަ ވެސް ލިބޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދައާ އެކު ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.

"ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އަޅުގަނޑުމެން މި ދެނީ ކިޔަވައިގެން ތިބި މީހުންނަށް. ހަމަ އެގޮތަށް ރުގްޔާ ކުރުމުގެ ހުއްދަ ދޭ އިރުގައި ވެސް އެ މީހަކީ ކިހާވަރެއްގެ މީހެއްތޯ އެބަ ބަލާލަންޖެހޭ. މިކަންތައްތައް މޮނީޓާ ކުރެވޭނެ ގޮތެއް ހޯދޭނީ އުސޫލެއް ހަދައިގެން،" އޭނާ ވިދާޅުވި އެވެ.

ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމުގެ މަސައްކަތުގައި އިސްނަގާފައި ވަނީ ރުގްޔާ ކުރުމުގެ ނަމުގައި އެކި މީހުންގެ ފަރާތުން ނާޖާއިޒު ފައިދާ ނަގަމުންދާކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ހުށަހަޅާ މައްސަލަތަކުގައި ތެރެއިން ފާހަގަ ކުރެވިގެން އެ ކޮމިޝަނުންނެވެ.

"މި ކޮމިޝަނަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގައި ފާހަގަ ކުރެވޭ ރުގްޔާ ކުރުމުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް އަނިޔާ ދޭ މައްސަލަ. އަދި މީގެ އިތުރުން ސަހަރާ ކޮނުން ފަދަ އިޖްތިމާއީ މައްސަލަތަކެއް ވެސް އެބަހުރި،" މި ނޫހާ ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ މެމްބަރު ޝިފާތު އަބްދުއްރައްޒާގު ވިދާޅުވެފައިވެ އެވެ.

ރުގްޔާ ކުރުމުގެ ނަމުގައި އެކި ކަހަލަ އަނިޔާ ކުރާ މައްސަލަ އަބަދުވެސް ރާއްޖޭގައި ފެންމަތިވެ އެވެ. މިފަދަ މައްސަލަތަކުގެ ޝިކާރައަކަށް ގިނަފަހަރު ވަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ފެންމަތިވާ ގިނަ މައްސަަލަތަކުގައި އަންހެނުންނާއި ކުޑަކުދިންނަށް ހުންނީ ޖިންސީ އަނިޔާކޮށްފަ އެވެ.

ރުގްޔާ ކުރުމުގެ ނަމުގައި އުމުރުން 30 އަހަރުގެ އަންހެނަކާއި އޭނާގެ ހަތް އަހަރުގެ ކުޑަ ދަރިއެއް ގޭގައި ތިން މަސް ވަންދެން ބަންދުކޮށް ލާއިންސާނީ ތަފާތު އަނިޔާތަކެއް ދިން މައްސަލައެއް މިދިޔަ ޑިސެމްބަރު މަހު ވަނީ ފެންމަތިވެފަ އެވެ

އޭގެ އިތުރުން ރުގްޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން ވަރަށް ގިނަ ބަޔަކަށް އެކި ކަހަލަ ގެއްލުން ދެމުން އައި މީހަކު ފުލުހުން ވަނީ މީގެ ކުރިން އަތުލައިގަނެފަ އެވެ. އޭނާގެ ނަމާއި ފޮޓޯ އާންމުކޮށް ޝިކާރައަކަށްވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ކުރި އެވެ.