Advertisement

ދެ ބައްރުގެ ޗެމްޕިިއަނުންގެ މެޗު މަރަޑޯނާ އަށް ހާއްސަކުރަނީ

14 ޖުލައި 2021 - 09:21 0

ަނަޕޯލީގެ މެޗެއްގެ ތެރެއިން މަރަޑޯނާ.-- ފޮޓޯ: އޭއެފްޕީ


ދެ ބައްރުގެ ޗެމްޕިިއަނުންގެ މެޗު މަރަޑޯނާ އަށް ހާއްސަކުރަނީ

14 ޖުލައި 2021 - 09:21 0

ބީނޯސް އޭރީސް (ޖުލައި 14) – ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނާއި ކޮޕަ އެމެރިކާގެ ޗެމްޕިއަނުން ވާދަކުރާ މެޗު އަލުން ފަށަން ޔުއެފާ އާއި ކޮންމެބޯލް އިން މަޝްވަރާކުރަމުން އަންނައިރު، ފުރަތަމަ މެޗު އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އަށް ހާއްސަކުރަން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިހާރު މަސައްކަތް ކުރަމުން އަންނަނީ މި ފަހަރުގެ ކޮޕަ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރޯގެ ޗެމްޕިއަން އިޓަލީ ބައްދަލުކުރާ މެޗު އަންނަ އަހަރުގެ ޖޫން މަހަށް ތާވަލުކުރުމަށެެވެ. އެހާތަނަށް ކަންތައްތައް ހަމަނުޖެހިއްޖެނަމަ 2024 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އާއި ޔޫރޯގެ ޗެމްޕިއަނުންނާ އެކު 2025 ވަނަ އަހަރު ފުރަތަމަ މެޗު ކުޅުމަށެވެ.

އިޓަލީ އާއި އާޖެންޓީނާގެ މެޗު އަންނަ އަހަރު ކުޅެވިއްޖެނަމަ އެ މެޗު ހާއްސަކުރާނީ މިދިޔަ އަަހަރު ހާޓް އެޓޭކެއް ޖެހިގެން މަރުވި މަަރަޑޯނާ އަށެވެ. މަރަޑޯނާ އަކީ އިޓަލީގެ ނަޕޯލީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީ އެ ކްލަބް މިހާރު އޮތް ހިސާބަށް ގެންގޮސްދިނުމުގެ ފެށުމެއްގެ ގޮތުގައި އެ ކްލަބުން ކްރެޑިޓް ދޭ ކުޅުންތެރިޔާ އެވެ. މަރަޑޯނާ، 1984 އިން 1991 އަށް ނަޕޯލީ އަށް ކުޅުނުއިރު، އޭނާ އަށް އިޓަލީގެ ނޭޕްލްސް ސަރަހައްދުގެ ގިނަ ބަޔެއްގެ ލޯބި ލިބުނެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވަނީ އާޖެންޓީނާ އިން ބޭނުންނަމަ އެ ޓީމާއި އިޓަލީ ކުޅޭ މެޗު ނަޕޯލީ ދަނޑުގައި ކުޅޭށެވެ. ނަޕޯލީގެ ދަނޑުގެ ނަން ވަނީ މިދިޔަ ޑިސެމްބަރު މަހު މަރަޑޯނާ އަށް ހާއްސަކޮށްފަ އެވެ.

މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން ޔޫރޯ އާއި ކޮޕަ އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ސުޕަ ކަޕް މެޗު ކުޅެފަ އެވެ. އެއީ 1985 އާއި 1993 ވަނަ އަހަރު އެވެ. ކާރު އެކްސިޑެންޓެއްގައި މަރުވި ޔުއެފާގެ ކުރީގެ ރައީސް އިޓަލީގެ އާޓެމިއޯ ފްރާންޗީގެ ނަމުން ނަން ދީގެން އޭރު ކުޅުނު މި މެޗުގައި ފުރަތަމަ ފަހަރަށް 1983 ގައި ވާދަކުރީ އުރުގުއޭ އާއި ފްރާންސް އެވެ. އެ މެޗުން ފްރާންސް މޮޅުވިއިރު، ދެ ވަނަ ފަހަރަށް 1993 ވަނަ އަހަރު ކުޅުނު މެޗުގައި އާޖެންޓީނާ ވަނީ ޑެންމާކް ބަލިކޮށްފަ އެވެ.

އޭގެ ފަހުން އެ މެޗު ނުކުޅުނު އެންމެ ބޮޑު ސަބަބަކީ ފީފާ އިން އިސްވެ ހުރިހާ ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކޮންފެޑެރޭޝަން ކަޕެއް ބާއްވަން މަޝްވަރާތައް ފެށި ހިސާބުންނެެވެ. ފީފާ އިން ވަނީ 2001 އިން 2017 އާ ހަމައަށް ކޮންފެޑެރޭޝަން ކަޕްތަކެއް ބާއްވައިފަ އެވެ. އެއީ ކޮންމެ ފަހަރަކު ވޯލްޑް ކަޕް ބޭއްވުމުގެ އެއް އަހަރު ކުރިންނެވެ.