13 ޖުލައި 2021 - 11:22 0
13 ޖުލައި 2021 - 11:22 0
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާދީއްތަ ދުވަހުގެރޭ އިންގްލެންޑުގެ ބުކާޔޯ ސަކާ ޖެހި ޕެނަލްޓީ މަތަކޮށް އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެ ޓީމަށް ޗެމްޕިއަންކަން ކަށަވަރުކޮށްދިނުމަށް ފަހު ހިނދުކޮޅަކަށް އުފާފާޅުނުކޮށް ހުއްޓެވެ.
އިޓަލީ 3-2 އިން މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓުގައި އެ ޕެނަލްޓީ މަތަކުރުމަށް ފަހު އެއްވެސް ޖަޒުބާތެއް ފާޅުނުކޮށް މަޑުމަޑުން އޭނާ ހިނގާލާފައި ކުރިއަށް ދިޔައީ އެވެ. އެ ވަގުތު އިޓަލީ އެހެން ކުޅުންތެރިން އޭނާއާ ދިމާލަށް ދުއްވައިގަނެ އެވެ. އެއާ އެކު ޑޮންނަރުއްމާ ރެފްރީންނާ ދިމާލަށް ބަލާލަ އެވެ. އަދި އިޓަލީ ކުޅުންތެރިން އައިސް އޭނާ ގައިގައި ބައްދާލުމުން ވެސް ފުރަތަމަ ހުރީ ހަރަކާތެއް ނެތިފަ އެވެ. އޭނާ އުފާފާޅުކުރަން ފެށީ ހިނދުކޮޅެއް ފަހުންނެވެ.
އެއް ބަޔަކު އަންނަނީ އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ކާމިޔާބީއާ އެކު ވެސް ޖަޒުބާތުތައް އުތުރިގަތަނުދީ ހިފަހައްޓައި ހަމަޖެހިލައިގެން ހުރީތީ އޭނާ އަށް ތައުރީފުކުރަމުންނެވެ. އެކަމަކު ހަގީގަތަކީ އެޔެއް ނޫނެވެ. ޑޮންނަރުއްމާ އުފާފާޅުނުކުުރީ އެ ވަގުތު އިޓަލީ މޮޅުވިކަން ނޭގޭތީ އެވެ.
"އެ ޕެނަލްޓީ މަތަކުރުމާ އެކު އަހަރެމެންނަށް ޔޫރޯ ކާމިޔާބުވީކަމެއް އަހަންނަށް ނޭގޭ. އަހަންނަށް އެކަން އެނގުނީ އެހެން ކުޅުންތެރިން ދުއްވައިގަތުމުން،" ސްކައި ސްޕޯޓްސް އިޓަލިއާ އަށް ޑޮންނަރުއްމާ ބުންޏެވެ.
ޝޫޓްއައުޓުގައި އިޓަލީގެ ފަސް ވަނަ ޕެނަލްޓީ ޖޯޖީނިއޯ ކާމިޔާބުކުރި އިޓަލީ އެ ވަގުތު މޮޅުވީހެވެ. އެކަމަކު އެ ޕެނަލްޓީ އިންގްލެންޑުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރީ އެވެ. އޭގެ ފަހުން އިންގްލެންޑުގެ ފަސް ވަނަ ޕެނަލްޓީ ސަކާ ޖެހުމުން ޑޮންނަރުއްމާ މަތަކުރުމާ އެކު 3-2 އިން އިޓަލީ މޮޅުވީ ނަމަވެސް ގިނަ ބަޔެކޭ އެއް ފަދައިން ޑޮންނަރުއްމާ ވެސް ހީކުރީ އިޓަލީ މޮޅުވާން އިތުރު ޕެނަލްޓީއެއް ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އެވަގުތު ޑޮންނަރުއްމާ އުފާފާޅުނުކޮށް ދިޔައީ އެހެންވެ އެވެ.
އެ ޕެނަލްޓީ ޑޮންނަރުއްމާ މަތަކުރުމާ އެކު އިޓަލީ މޮޅުވީކަން އެނގުނު ނަމަވެސް އެއް ބަޔަކު ތިބީ، ވީއޭއާރް އިން ރެފްރީ އެ ޕެނަލްޓީ ޗެކްކުރަންދެނެވެ. އެއީ މިހާރު ގަވާއިދު އޮންނަ ގޮތުން، ފަހު ޕެނަލްޓީ ޖެހި ނަމަވެސް ރެފްރީ ކަށިގަނޑު ފުމޭނީ ވީއޭއާރް ރޫމުން، އެ ޕެނަލްޓީ ޗެކްކުރުމަށް ފަހު ކަމަށްވާތީ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ފްރާންސް އަތުން ސްވިޒަލެންޑް ޕެނަލްޓީ މޮޅުވިއިރު، ފްރާންސްގެ ކީލިއަން އެމްބާޕޭގެ ޕެނަލްޓީ މަތަކުރުމަށް ފަހު ސްވިޒަލެންޑުގެ ގޯލްކީޕަރު ޔާން ސޮމާ އުފާފާކުރަން ދުއްވައިގަންނަނީ ރެފްރީގެ އިޝާރާތަކަށް ބެލުމަށް ފަހު އެވެ.
Comment