Advertisement

13 އަހަރު ކުއްޖާގެ ކަށުނަމާދު މަޣްރިބް ނަމާދަށްފަހު

12 ޖުލައި 2021 - 17:23 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ އާސަހަރާ މިސްކިތް: މަރާލާފައިވާ 13 އަހަރުގެ ކުއްޖާ ވަޅުލަން ނިންމާފައި ވަނީ އާސަހަރާގަ-- ފޮޓޯ: ހުސެން ޝަޔާހް/ އަދަދު


13 އަހަރު ކުއްޖާގެ ކަށުނަމާދު މަޣްރިބް ނަމާދަށްފަހު

12 ޖުލައި 2021 - 17:23 0

ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ކުއްޖާގެ ޖަނާޒާ މިރޭ މަޣްރިބް ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބާއްވަން ނިންމައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އިންޑިއާއަށް ގެންދިޔަތާ ހަތް ދުވަސް ފަހުން ގެނެސްފައި ވަނީ މިއަދެވެ.

އެ ކުއްޖާ ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ.

ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. އެ ކުއްޖާ މަރާލުމުގައި އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަންހުރިއިރު، ކަރުގައި ވެސް އެއްޗެއް ބާރަށް ބައްދާފައިވާ ކަމުގެ ނިޝާންތައް ހުރި ކަމަށް އެނގިފައިވެ އެވެ.

އެ ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔައީ ޓެކްސީއެއްގަ އެވެ. އެ ޓެކްސީ ބަލާ ފާސްކޮށްފައިވާ ނަމަވެސް ދުއްވި މީހާ އެ މައްސަލާގައި ޝާމިލުވެފައިވާ ކަން މިހާތަނަށް ކަށަވަރު ވެފައެއް ނުވެއެވެ.

އެ ކުއްޖާ މަރާލި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން، 27، އާއި އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އެ ދެ މީހުންނަށް މާރާމާރީ ހިންގުމާއި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމާއި ރަހީނު ކުރުމާއި އަދި ގަސްދުގައި މީހަކު މެރުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް ޒިހާން އަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ.

ކުޑަކުއްޖާގެ މަރާ ގުޅިގެން ޒިހާން ހައްޔަރުކުރީ މާލޭގެ ގެސްޓްހައުސްއަކުންނެވެ. މިފަހަރު އޭނާގެ މައްޗަށް ވަނީ މާރާމާރީ އާއި މީހަކު މެރުމާއި ރަހީނުކުރުމުގެ އިތުރުން ޖިންސީ ގޯނާގެ ތުހުމަތު އުފުލައި ޝަރީއަތް ނިމެންދެން އަނެއްކާވެސް ބަންދުކޮށްފަ އެވެ.