ލަންޑަން (ޖުލައި 12) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހުރިހާ ކަމަކަށް ބެލިޔަސް އިޓަލީ އަށް ޗެމްޕިއަންކަން ހައްގުވާ ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
އިޓަލީން ވަނީ މި ފަހަރުގެ ޔޫރޯގެ ކޮލިފައިން އިން ފެށިގެން ފައިނަލް މެޗުން މޮޅުވުމާ ހަމައަށް ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިޓަލީން ވަނީ ތުރުކީ، ސްވިޒަލެންޑް، ވޭލްސް ބަލިކޮށްފަ އެވެ. ނޮކައުޓް ފުރަތަމަ މެޗުން އޮސްޓްރިއާ ބަލިކޮށް ކުއާޓާ ފައިނަލުގައި ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ބެލްޖިއަމް ކަޓުވާލި އެވެ.
ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކުރުމަށް ފަހު ރޭ އަނެއްކާ ވެސް ޕެނަލްޓީ އަށް ގޮސްގެން ފައިނަލުގައި އިންގްލެންޑް ބަލިކުރީ އެވެ. އިޓަލީ އަކީ ޔޫރޯ ތާރީހުގައި އެއް މުބާރާތެއްގައި ޕެނަލްޓީ ޖަަހައިގެން ދެ މެޗުން މޮޅުވި ފުރަތަމަ ޓީމެވެ.
ޔޫރަޕްގެ ތަށި ފުރަތަމަ ފަހަރަށް ހޯދިތާ 53 އަހަރު ފަހުން އިޓަލީ އަށް ދެ ވަނަ ތަށީގައި އަތްލުމުގެ ޝަރަފް ހޯދައިދިނުމުގައި އެންމެ އިސް ރޯލެއް ކުޅުނީ ކޯޗު މަންޗިނީ އެވެ.
"އިޓަލީ އަށް މި މުބާރާތް ހައްގެއް ނޫނޭ ބުނެވޭނެ މީހެއް ނުހުންނާނެ. ކޮންމެ ހާލަތެއްގައި ކޮންމެ މެޗެއްގައި ވެސް އިޓަލީން މޮޅުވާން ކުރި މަސައްކަތުގެ ނަތީޖާ މިއީ. ފައިނަލުގައި އިންގްލެންޑުން އެހާ ކުރީކޮޅުގައި ގޯލެއް ޖެހި ކަމުގައި ވިޔަސް އިޓަލީން ފޯކަސް ގެއްލުވާނުލައި ކުޅުމުން މި ލިބުނީ ހައްގު މޮޅެއް،" މަންޗިނީ ބުންޏެވެ.
އިޓަލީ ގައުމީ ޓީމަށް ކުރިން ކުޅުނު މަންޗިނީ ވަނީ ގައުމީ ޓީމާ އެކު 21 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމުގައި 1988 އާއި 1990 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ. އެކަމަކު މި ފަހަރުގެ މުބާރާތުގައި ކޯޗަކަށް ހުރެ ޕެނަލްޓީ ޖަަހައިގެން މުހިއްމު ދެ މެޗުން މޮޅުވުމުން ކުރެވޭ އިހުސާސް ތަފާތު ކަމަށް މަންޗިނީ ވަނީ ބުނެފަ އެވެ.
"ކުޅުމުގެ ކެރިއަރުގައި އަހަރެމެން މޮޅަށް ކުޅެފައި ވެސް ޕެނަލްޓީ ޖަހައިގެން ހުރީ ބަލިވެފައި. އެކަމަކު މި ފަހަރު ދެ މެޗެއްގައި ޕެނަލްޓީ ޖަހައިގެން މޮޅުވުމުން ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ. އުފާވެރި އިހުސާސެއް ކުރެވެނީ،" މަންޗިނީ ބުންޏެވެ.
އިޓަލީން ޔޫރޯ ޗެމްޕިއަންކަން ހޯދިއިރު، އެންމެ ފަހުން ކުޅުނު 34 މެޗުން ބަލިވެފައި ނުވެ އެވެ.
މަންޗިނީ ވަނީ ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ 22 އަހަރުގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އަށް ތައުރީފުކޮށްފަ އެވެ.
ޑޮންނަރުންމާ ބުނީ މެޗުގެ އެހާ ކުރީކޮޅުގައި އިންގްލެންޑުން ލީޑުނެގުމާ އެކު އިޓަލީ އަށް އަލުން މެޗުގެ ތެރެއަށް ވަންނަން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އެކަމަކު ވަރަށް ރަނގަޅަށް ސަމާލުވެ ކުޅެގެން ނަތީޖާ އަނބުރާލެވޭނެ ކަމުގެ އުއްމީދާ އެކު ކަންތައްތައް ދިޔައީ އެންމެ ރަނގަޅަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އިޓަލީ 2012 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗުގައި ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ލެއޮނާޑޯ ބޮނޫޗީ އާއި ޖިއޮޖިއޯ ކިއެލީނީ އަކީ ރޭގެ ފައިނަލުގައި އިޓަލީ އަށް މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނެވެ.
އިޓަލީގެ ކެޕްޓަން ކިއެލީނީ ބުނީ މުބާރާތަށް ކުރިމަތިލިއިރު ވެސް ޔޫރޯ ތަށި ނޫން ކަމަށް ޓާގެޓް ނުކުރާ ކަމަށެވެ. އަދި އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކާއި އޮފިޝަަލަކު ވެސް މި ކާމިޔާބީ ހޯދަން އެތައް ގުރުބާނީއެއް ވެފައިވާކަމަށް ކިއެލީނީ ބުންޏެވެ.
Comment