12 ޖުލައި 2021 - 08:46 0
12 ޖުލައި 2021 - 08:46 0
ލަންޑަން (ޖުލައި 12) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ހޯދައިފި އެވެ.
އޭނާ އަކީ ޔޫރޯ ތާރީހުގައި މުބާރާތެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދެ ވަނަ ގޯލްކީޕަރެވެ. މީގެ ކުރިން އެކަން ހާސިލްކޮށްފައިވަނީ 1992 ވަނަ އަހަރު ޑެންމާކާ އެކު ޔޫރޯ ކާމިޔާބުކުރި ކުރީގެ މަޝްހޫރު ގޯލްކީޕަރު ޕީޓާ ޝްމައިކަލް އެވެ.
އުމުރުން 22 އަހަރުގެ ޑޮންނަރުންމާ ވަނީ 1968 ވަނަ އަހަރަށް ފަހު އިޓަލީ އަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިދޭން ވަރަށް ބޮޑު ރޯލެއް އަދާކޮށްފަ އެވެ. ހާއްސަކޮށް ސެމީ ފައިނަލް މެޗާއި ފައިނަލް މެޗު ޕެނަލްޓީ ޖަހަައިގެން އިޓަލީ މޮޅުވިއިރު، އެ ޓީމުން ބަރޯސާވާން ޖެހުނީ ޑޮންނަރުންމާ އަށެވެ.
ޔޫރޯ ތާރީހެއްގައި އެއް މުބާރާތެއްގައި ދެ ފަހަރު ޓީމެއް ޕެނަލްޓީ ޖަހައިގެން މޮޅުވީ އިޓަލީ އެވެ. ޑޮންނަރުންމާ ވަނީ ސެމީގައި ސްޕެއިނުގެ މޮރާޓާ ފޮނުވާލި ޕެނަލްޓީ އާއި ރޭ އިންގްލެންޑްގެ ޖޭޑަން ސަންޗޯ އާއި ބުކާޔޯ ސަކާ ފޮނުވާލި ޕެނަލްޓީ މަތަކޮށްފަ އެވެ.
މި ފަހަރުގެ ޔޫރޯގައި އެންމެ ގިނަ މިނިޓް ކުޅުނީ ޑޮންނަރުންމާ އެވެ. އޭނާ ވަނީ ޖުމްލަ އެއްކޮށް 719 މިނިޓް ކުޅެފަ އެވެ. ޖުމްލަ އެއްކޮށް މުޅި މުބާރާތަށް ބަލާނަމަ އޭނާ ވަނީ ކޮޅަށް ލަނޑެއް ވަނަނުދީ ތިން ކްލީން ޝީޓް ފުރިހަމަކޮށްފަ އެވެ.
ޒުވާން އުމުރުގައި އިޓަލީ ގޯލުގައި ހިމެނި ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީ ޑޮންނަރުންމާވެފައިވަނީ ޓީމުގެ މުޔިއްމު ކުޅުންތެރިއަކަށެވެ. ޑޮންނަރުންމާ ބުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ސުމަކުން ފަށައިގެން އިޓަލީން މި ފަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދުމަކީ އާދަޔާހިލާފު ކާމިޔާބީ އެއް ކަމަށެވެ.
މި ފަހަރުގެ ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕެއިނުގެ ހުރިހާ މެޗެެއްގައި ކުޅުނު އުމުރުން 18 އަހަރުގެ ޕެޑްރީ ގޮންޒާލޭޒް އެވެ. ސްޕެއިންގެ މެޗުތަކުގެ ތެރެއިން މުޅި މުބާރާތުގައި އޭނާ އަށް ގެއްލުނީ ގާތްގަނޑަކަށް އެންމެ މިނިޓެކެވެ. އެއީ ކުއާޓާ ފައިނަލުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި ބަދަލުކުރުމުންނެވެ.
ޔޫރޯގެ ކުރިން ޕެޑްރީ ސްޕެއިން ޓީމަށް ކުޅުނީ އެންމެ ހަތަރު މެޗެވެ. އެކަމަކު މި މުބާރާތުގައި އޭނާ ވަނީ ސްޕެއިނުގެ މެދުތެރޭގައި ހުރިހާ މެޗެއްގައި ވެސް އެއް ލެވަލެއްގެ ކުޅުމެއް ދައްކައިފަ އެވެ.
މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހާސިލްކުރީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އާއި ޗެކް ރިޕަބްލިކްގެ ޕެޓްރިކް ޝިކް ކޮންމެ ކުޅުންތެރިއަކު ފަސް ގޯލު ޖެހިއިރު، ރޮނާލްޑޯ އަށް ޓްރޮފީ ލިބުނީ އެއް ގޯލު ޖަހަން އެހީތެރިވެފައި އޮތުމުންނެވެ.
Comment