11 ޖުލައި 2021 - 11:32 0
އިޓަލީގެ ކޯޗު މަންޗިނީ.-- އަދަދު ގްރެފިކްސް: އަހުމަދު އިހްސާން (އަރަކަ އާޓްސް)
11 ޖުލައި 2021 - 11:32 0
ކުޅުމުގެ ކެރިއަރަށް ބަލާއިރު ރޮބާޓޯ މަންޗިނީ އަކީ ހުނަރުވެރި ފޯވާޑެކެވެ. އޭނާގެ ކުޅުމުގެ ކެރިއަރުގެ ބޮޑު އުސްއައްޔަކީ ކްލަބް ލެވަލްގައި ސަމްޑޯރިއާ އަށް ކުޅުނު އަހަރުތަކުގައި އެ ހާސިލްކުރި ކަންތައްތަކެވެ. ގައުމީ ޓީމަށް 10 އަހަރު ކުޅުނުއިރު، ޖެހުނީ 36 މެޗުން ހަތަރު ގޯލެވެ.
ގައުމީ ޓީމުގައި މަންޗިނީގެ ކުޅުމުގެ ކެރިއަރުގައި ކުރަން ޖެހުނީ ބޭނުން ތަޖުރިބާތަކެއް ނޫނެވެ. އޭނާ ހަނދާނުގައި ހުންނަ އެންމެ ބޮޑު އެއް ކަމަކީ 1990 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ފީފާ ވޯލްޑް ކަޕްގެ އެއްވެސް މެޗަކުން ފުރުސަތު ނުލިބި ބެންޗުގައި އިންނަން ޖެހުނު ދުވަސްތަކެވެ. އަނެއް ކަމަކީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރަނގަޅު ފޯމެއްގައި މަންޗިނީ ހުރި ނަމަވެސް އޭނާ ބޭނުންވާ ވަރަށް ކުޅެލަން ފުރުސަތު ނުދިނުމުން އެ ރުޅިގަނޑު ފަޅައިގެން ގޮސް އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމެވެ.
އިޓަލީ ގައުމީ ޓީމަށް މަންޗިނީގެ އެނބުރި އައުން ވެސް ގުޅިފައި އޮތީ ވޯލްޑް ކަޕްގެ ކަމަކާ އެވެ. އެއީ 2018 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތު ގެއްލުމުން ކޮށުނު މަގެކެވެ. އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން އެ ގައުމުގެ ކޯޗެއް ހޯދަން ފެށި މަސައްކަތުގައި ބައިވެރިވާން މަންޗިނީ ނިންމި އެންމެ ބޮޑު ސަބަބަކީ ގައުމީ ޓީމުގައި އޭނާ އަށް ނުނިމި އޮތް މަސައްކަތެއް ފުރިހަމަ ކުރުމަށެވެ.
އިޓަލީގެ މެޗެއްގެ ތެރެއިން މަންޗިނީ.-- ފޮޓޯ: އޭއެފްޕީ
މި ފަހަރުގެ ޔޫރޯ ފައިނަލަށް އިޓަލީ ގޮވައިގެން މަންޗިނީ ދަތުރުކުރިއިރު، ހުރިހާ މެޗަކުން ވަނީ މޮޅުވެފަ އެވެ. އިޓަލީ އެންމެ ފަހުން މެޗަކުން ބަލިވީ މީގެ 33 މެޗު ކުރިންނެވެ. އެއީ 2018 ވަނަ އަހަރު ސެޕްޓެމްބަރު މަހުގަ އެވެ.
"އަހަންނަށް ފުރުސަތު ލިބުނު އިޓަލީގެ 21 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމުގައި ވަރުގަދަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކަށް ކުޅެން. އަހަރެމެންނަށް ހައްގު ނަމަވެސް ޔޫރަޕްގެ މުބާރާތެއް ވެސް 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ނުލިބުނު،" މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ މި ފަަހަރުގެ ޔޫރޯގެ ފައިނަލް މެޗުގެ ކުރިން މަންޗިނީ ބުންޏެވެ.
"އަހަންނަށް ވަރަށް ހާއްސަ މި ވަގުތު. އެއީ އަހަރެން އިޓަލީ ޓީމުގެ އިސް މީހަކަށް ހުރެވޭތީ. އިޓަލީގެ ވަރަށް ފުރިހަމަ ޓީމުތަކަށް ކުޅެފައި ކާމިޔާބެއް ނުލިބި އަހަރެން ކޯޗެއްގެ ގޮތުގައި މި ހިސާބަށް އާދެވުމުން ވަރަށް ހިތްހަމަޖެހޭ،"
އިޓަލީގެ މަޝްހޫރު ކޯޗުން ކަމަށްވާ ކާލޯ އަންޗެލޮޓީ އާއި ފަބިއޯ ކަޕެއްލޯ އަދި އެންޓޯނިއޯ ކޮންޓޭ ވަނީ މަންޗިނީ އިޓަލީ ލައްވައި ކުޅުވަނީ ތަފާތު އެޓޭކިން ފުޓްބޯޅައެއް ކަމަށް ބުނެފަ އެވެ. އެކަމަކު، ސްޕެއިނާ ދެކޮޅަށް އިޓަލީން ޑިފެންސް ކޮށްގެން ކުޅުމުން އިޓަލީގެ ޓީމަށް ބޭނުންވާ ހުރިހާ ސިފައެއް މަންޗިނީ ގެންގުޅޭކަން އެނގިގެން ދިޔަ ކަމަށް ކުރިން އިޓަލީ އަށް ކޯޗުކޮށްދިން ކޮންޓޭ ވަނީ ބުނެފަ އެވެ.
މަންޗިނީ ބުނީ ސްޕެއިނާ ދެކޮޅަށް އިޓަލީގެ ސްޓައިލް ކޮންމެ ވެސް ވަރަކަށް ބަދަލުކުރަން ޖެހުނު ސަބަބަކީ ސްޕެއިނަކީ އެ ވައްޓަފާޅި އަށް ކުޅޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައި އޮތް ސަގާފަތެއް އޮތް ގައުމެއް ކަމަށާއި އެހެންވެ، ކުއްލިއަކަށް ސްޕެއިންގެ މައްޗަށް އެ ފުޓްބޯޅަ ކުޅެގެން އިޓަލީ އަށް އަތްގަދަ ނުކުރެވޭނެތީ ކަމަށެވެ.
"އެ މީހުން ބޯޅަ ހިފަހައްޓައިގެން ކުޅެ އެ ވިސްނުމުން ކުރިހޯދި. އެކަމަކު އަހަރެމެން ބޭނުންވީ ނަތީޖާ އެ މެޗުގައި. އެކަން ކޮށްގެން މި އޮތީ މަންޒިލާ ވަރަށް ގާތުގައި،" މަންޗިނީ ބުންޏެވެ.
ކޯޗިންގެ ކްލަބް ކެރިއަރުގައި މަންޗިނީ ވަނީ މެންޗެސްޓާ ސިޓީ ގޮވައިގެން އިނގިރޭސި ރަސްމީ ސްޓޭޑިއަމްގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އިޓަލީ އާއި އިންގްލެންޑް ކުޅޭ މެޗު މިރޭ ވެމްބްލީ ސްޓޭޑިއަމްގައި އޮންނައިރު، މަންޗިނީ ބޭނުންވަނީ 1968 ވަަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން އިޓަލީ އަށް ހޯދައިދޭށެވެ.
އިޓަލީ ޓީމުގެ ޓްރެއިނިންގެ ތެރެއިން މަންޗިނީ.-- ފޮޓޯ: އޭއެފްޕީ
"އަހަރެން މި ޓީމާ ހަވާލުވި ފުރަތަމަ ދުވަހު ވެސް ބުނި ގޮތަށް އިޓަލީ ގޮވައިގެން ކޮންމެ މެޗަކަށް ނުކުންނާނީ ވެސް މޮޅުވާން. އެކަމަކު އަހަރެން ކުޅުންތެރިންނަށް ޕްރެޝަރު ނުކޮށް އެ މީހުންގެ ކިބައިން އެދޭނީ ރަނގަޅު ފުޓްބޯޅައެއް ކުޅެން. ހިތްހަމަޖެހިގެން ދަނޑުމަތިން ފައިބަން. ގައުމީ ރޫހު އިސްކޮށްގެން ކާމިޔާބީ ހޯދަން،" މަންޗިނީ ބުންޏެވެ.
ވާދަވެރި މުބާރާތެއްގައި އިންގްލެންޑް އަތުން އިޓަލީ ބަލިވެފައިނުވެ އެވެ. އިޓަލީން ވަނީ 1980 ވަނަ އަހަރުގެ ޔޫރޯގައި އިންގްލެންޑް 1-0 އިން ބަލިކޮށްފަ އެވެ. އަދި 1990 އާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް އަތުން އިޓަލީ މޮޅުވީ 2-1 އިންނެވެ.
އެންމެ ފަހުން އިޓަލީ އާއި އިންގްލެންްޑް ބައްދަލުކުރީ 2012 ވަނަ އަހަރުގެ ޔޫރޯގަ އެވެ. އެ ފަހަރު 0-0 އިން އެއްވަރުވެގެން ޕެނަލްޓީ ޖަހައިގެން އިޓަލީ މޮޅުވީ އެވެ. އިޓަލީ އަތުން އެންމެ ފަހުން އިންގްލެންޑް މޮޅުވީ 2013 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 2-1 އިންނެވެ.
އިނގިރޭސި ރަސްމީ ސްޓޭޑިއަމްގައި މިރޭ އިންގްލެންޑާއި އިޓަލީ ކުޅޭ ޔޫރޯގެ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.
Comment