Advertisement

ބްރެޒިލް ބަލިކޮށް މެސީގެ އާޖެންޓީނާ އިން ކޮޕަ އެމެރިކާ ޗެމްޕިއަންކަން ހޯދައިފި

11 ޖުލައި 2021 - 06:54 1


ބްރެޒިލް ބަލިކޮށް މެސީގެ އާޖެންޓީނާ އިން ކޮޕަ އެމެރިކާ ޗެމްޕިއަންކަން ހޯދައިފި

11 ޖުލައި 2021 - 06:54 1

ރިއޯ ޑި ޖަނެއިރޯ (ޖުލައި 11) - ކޮޕަ އެމެރިކާ ފައިނަލުގައި 1-0 އިން ބްރެޒިލް ބަލިކޮށް އާޖެންޓީނާ އިން 28 އަހަރަށް ފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި ކާމިޔާބީ އެންމެ ހާއްސަވާނެ ކުޅުންތެރިއަކީ އާޖެންޓީނާގެ ކެޕްޓަން އުމުރުން 34 އަހަރުގެ ލިއޮނަލް މެސީ އަށެވެ. މިއީ އޭނާ ގައުމީ ޓީމާ އެކު ކާމިޔާބުކުރި ބޮޑު ފުރަތަމަ މުބާރާތެވެ. މީގެ ކުރިން މެސީ ވަނީ ގައުމީ ޓީމާ އެކު ހަތަރު ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. އެއީ ކޮޕަ އެމެރިކާ ފައިނަލުން ތިން ފަހަރު އަދި ވޯލްޑް ކަޕް ފައިނަލުން އެއް ފަހަރު އެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާގެ އިތުރުން މެސީ ގައުމީ ޓީމާ އެކު ހޯދީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ އޮލިމްޕިކް ފުޓްބޯޅަ އިވެންޓުގެ ރަން މެޑެއްޔެވެ.

އާޖެންޓީނާ އިން 1993 ވަނަ އަހަރު ކޮޕަ އެމެރިކާ ކާމިޔާބުކުރި ފަހުން ބައިނަލްއަގުވާމީ ބޮޑު މުބާރާތްތަކުގެ ތެރެއިން 16 މުބާރާތުގައި ކުޅުނެވެ. އެ އަހަރުތަކުގައި ޖުމްލަ ފަސް ފައިނަލުގައި ކުޅެ ބަލިވި ފަހުން މި ފަހަރުގެ ފައިނަލުން މޮޅުވީ އެވެ.

ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ފިޒިކަލް ކުޅުމެކެވެ. ކޮންމެ ޓީމެއްގެ ހާފުގެ ތެރޭގައި އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ބޯޅަ ލިބުމާ އެކީ ކުޅެން މާ ބޮޑު ޖާގައެއް ނުދީ ފައުލެއް ކޮށްގެން ވިޔަސް ކުޅުން ހުއްޓުވަ އެވެ.

އެކަމަކު، އާޖެންޓީނާ އިން ވަނީ މެޗުގެ 21 ވަނަ މިނިޓްގައި ކުޅުން އަވަސްކޮށް ފުރުސަތެއްގެ ބޭނުންހިފައި ލީޑުނަގައިފަ އެވެެ. އާޖެންޓީނާ ހާފުގެ ތެރެއިން އެ ޓީމުގެ ރޮޑްރީގޯ ޑެ ޕޯލް އަށް ލިބުނު ބޯޅަ އޭނާ މަތިން ޖައްސާލީ އެ ޓީމުގެ އެންހެލް ޑި މާރިއާ އަށެވެ. ބްރެޒިލްގެ ފުލްބެކް ރެނަން ލޯޑީ ކައިރިން ދެމިގަތުމަށް ފަހު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ޑި މާރިއާ ވަނީ ބްރެޒިލްގެ ކީޕަރު އެޑަސަން މޮރާއޭސް ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ އޮއްސާލައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޑި މާރިއާ (ކ) އާއި މެސީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


އާޖެންޓީނާގެ ލަނޑާ އެކު ބްރެޒިލް އިން ކުރިއަށް ވުރެ ރަނގަޅަށް ކުޅެން ފެށި ނަމަވެސް ފުރަތަމަ ހާފުގައި އާޖެންޓީނާގެ ގޯލާ ސީދާކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ނޭމާ ފޮނުވާލި ހިލޭ ޖެހުމެއް ބްލޮކްވިއިރު، އެވަޓަން ރިބެއިރޯ ޖެހި ބޯޅަ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ އަތަށް ނަގައިފަ އެވެ.

ލީޑުފުޅާކޮށްދޭން ފުރަތަމަ ހާފުގައި އާޖެންޓީނާގެ މެސީ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާބޭރުން މެސީ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.

ބްރެޒިލުން ދެ ވަނަ ހާފަށް ނުކުތީ ފްރެޑްގެ ބަދަލުގައި ރޮބާޓޯ ފިރްމީނޯ ކުޅެން އަރުވައިގެންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ރިޗާލިސަން ވަނީ ބްރެޒިލަށް ލަނޑެއް ޖަހައިދީފަ އެވެ. މެޗުގެ 51 ވަަނަ މިިނިޓްގައި ރިޗާލިސަން މި ގޯލު ޖެހީ އޮފްސައިޑް މަގާމެއްގައި ހުރުމަށް ފަހު ކަމަށްވާތީ ރެފްރީ ނިންމީ ގޯލު ބަލައިނުގަންނާށެވެ. އޭގެ ދެ މިނިޓް ފަހުން ރިޗާލިސަން ޖެހި ބޯޅައެއް ކީޕަރު މާޓީނޭޒް ވަނީ މަތަކޮށްފަ އެެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ބްރެޒިލްގެ ކަސެމީރޯ އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި މެސީ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭރިއާތެރެއިން މެސީ އެ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ.

ބަދަލުތަކެއް ގެނެސްގެން ބްރެޒިލުން ނަތީޖާ ހަމަހަމަކުރަން މަސައްކަތްތަކެއް ކުރިއިރު، މެޗުގެ 82 ވަނަ މިނިޓްގައި އޭރިއާތެެރެއިން ގަބްރިއެލް ބާބޯސާ (ގަބީ) އަށް ލިބުނު ބޯޅަ އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ.

ކައުންޓަ އެޓޭކުގައި އާޖެންޓީނާ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން މެޗުގެ 88 ވަނަ މިނިޓްގައި މެސީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޑެ ޕޯލް ދިން ބޯޅައަކުން މެސީ އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރެފައި ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

މިއީ ބްރެޒިލްގައި ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެއްގައި އެ ޓީމަށް ތަށި ނުލިބި ނިންމާލަން ޖެހުނު ފުރަތަ ފަހަރެވެ. މިއަދުގެ ފައިނަލުގެ ކުރިން ބްރެޒިލް އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާޖެންޓީނާ އަތުންނެވެ. އޭގެ ފަހުން ކުޅުނު 12 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އަނެއް ކޮޅުން މިއީ 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އާއި މި ފަހަރުގެ މުބާރާތުގައި ބްރެޒިލް ބަލިވި ފުރަތަމަ މެޗެވެ.