Advertisement

އަފްގާނިސްތާނުން ޗައިނާގެ ރައްޔިތުން ބާލަން ފަށައިފި

11 ޖުލައި 2021 - 08:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާ އަސްކަރިއްޔާގެ އުޅަނދެއް އަފްގާނިސްތާނުން ގެންދަން ތައްޔާރު ކުރަނީ.-- ފޮޓޯ: ރޮއިޓާޒް


އަފްގާނިސްތާނުން ޗައިނާގެ ރައްޔިތުން ބާލަން ފަށައިފި

11 ޖުލައި 2021 - 08:10 0

ބެއިޖިން، ޗައިނާ (ޖުލައި 10) - އަފްގާނިސްތާނުގައި އުޅޭ އެމެރިކާ ސިފައިން ގައުމަށް އަނބުރާ ދިޔުމުގެ މަސައްކަތް ހަލުވިކޮށްފައިވާ މި ދަނޑިވަޅުގައި، އަފްގާނިސްތާނުގައި އުޅޭ ޗައިނާގެ 210 މީހުން ޗާޓަރު ފްލައިޓެއްގައި ގައުމަށް ގެންގޮސްފި އެވެ.

ޝިއަމެން އެއާލައިންސްއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނީ ޖުލައި ދެ ވަނަ ދުވަހު ކާބުލްއިން ވޫހާންއަށް ދަތުރު ކުރި ފްލައިޓުގައި ގެންދިޔެއީ އަފްގާނިސްތާނުގައި ތާށިވެފައި ތިބި ޗައިނާ ރައްޔިތުން ކަމަށެވެ.

ފްލައިޓްގައި މީހުން އުފުލުމުގައި ކޮވިޑުން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ހުރި ނަމަވެސް، ގެންދިޔަ 210 މީހުންގެ ތެރެއިން 22 މީހަކަށް ކޮވިޑް ޖެހިފައި ހުރިކަން ފަހުން ވަނީ އެނގިފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އަފްގާނިސްތާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވީ އެންމެ އަވަހަށް އަފްގާނިސްތާން ދޫކޮށް ދިޔުމަށް ގޮވާލާފަ އެވެ. ނަމަވެސް އެކަން ކުރަން ބާރު އަޅާ ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

މީހުން އަނބުރާ ގެންދިޔުމަށް ޝިއަމެން އެއާލައިންސްގެ ޗާޓަރު ފްލައިޓެއް ހަމަޖެއްސީ ޗައިނާ ސަރުކާރުން ކަމަށް އެ ގައުމުގެ ގްލޯބަލް ޓައިމްސް ނޫހުން ބުނެފައި ވެ އެވެ.

އަފްގާނިސްތާނުގައި ވިހި އަހަރުގެ ދިގު ހަނގުރާމައެއް ކުރުމަށް ފަހު ސެޕްޓެމްބަރު 11 ގެ ކުރިން އެމެރިކާގެ ސިފައިން އަނބުރާ ގައުމަށް ގެންދަން ދަނީ މަސައްކަތް ކުރަމުންނެވެ. ރައީސް ޖޯ ބައިޑެން ވައުދުވެ ވަޑައިގެންނެވީ އޯގަސްޓް 31 ގެ ކުރިން ހުރިހާ ސިފައިން ގައުމަށް ގެންދާނެ ކަމަށެވެ.

މި ދަނޑިވަޅުގައި ތާލިބާނުން އަފްގާން ސިފައިންނަށް ދޭ ހަމަލާތައް ވަރުގަދަކޮށް ބޮޑު ސަރަހައްދުތަކެއް ހިފަމުން ދާތީ، މުހިއްމު ބޮޑެތި ސިޓީތައް ވެސް ތާލިބާނުގެ ކޮންޓްރޯލްގެ ދަށަށް ދިޔުމުގެ ބިރު އެބަ އޮތެވެ.

އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެންދާ ގޮތަށް ޗައިނާއިން އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެކަން ކުރަނީ އަވަސް އަރުވާލައިގެން އިތުރު އެހެން އެއްވެސް ކަމަކަށް ބެލުމެއް ނެތި ކަމަށް ޗައިނާއިން ތުހުމަތު ކުރެ އެވެ.

"އެމެރިކާގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާތަކަށް ބެލުމެއް ނެތި، އަވަސް އަރުވާލައިގެން ސިފައިން ގެންދަނީ، ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުމާއި އޮޅުންބޮޅުންގަނޑު އަފްގާން ރައްޔިތުންނާއި މި ސަރަހައްދުގެ ގައުމުތަކުގެ ބޮލަށް ޖަހާފައި،" ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވާން ވެންބިން މިދިޔަ ހުކުރު ދުވަހު ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ ހާލަތު ގޯސްވަމުންދާތީ ޗައިނާ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ރަޝިއާ، އިންޑިއާ، ޕާކިސްތާން އަދި ސެންޓްރަލް އޭޝިއާގެ އެހެން ގިނަ ގައުމުތަކެއްގެ ފޮރިން މިނިސްޓަރުންނާ އެކު މުހިއްމު ބައްދަލުވުމެއް އަންނަ ހަފްތާގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.