Advertisement

ކޮޕަ އެމެރިކާ: މެސީ ފޯމުގައި، ފައިނަލްގެ ބަދުނަސީބު ރެކޯޑް ބަދަލު ކުރެވޭނެތަ؟

10 ޖުލައި 2021 - 21:37 1


ކޮޕަ އެމެރިކާ: މެސީ ފޯމުގައި، ފައިނަލްގެ ބަދުނަސީބު ރެކޯޑް ބަދަލު ކުރެވޭނެތަ؟

10 ޖުލައި 2021 - 21:37 1

ކްލަބް ކެރިއަރުގައި ލިއޮނަލް މެސީ އަށް ބާސެލޯނާގައި ހުރެ ކާމިޔާބު ނުކުރެވޭ ބޮޑު އެއްވެސް ޓްރޮފީއެއް ނެތެވެ. ކްލަބް ލެވަލުގައި މެސީގެ ކާމިޔާބީ މިނެކިރާނަމަ އެއްވަރު ކުރެވޭނެ ތިބީ މަދު ކުޅުންތެރިއެކެވެ. އިންޑިވިޖުއަލް ޓްރޮފީ ހޯދުމުގައި ވެސް މެސީ އަކީ އެ ފަދަ ދެ ވަނައެއް ނެތް ކުޅުންތެރިއެކެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ބުނަނީ ވެސް އެ ސަބަބުތަކަށް ޓަކަ އެވެ. އެހެން ނަމަވެސް މެސީގެ ކާމިޔާބު ކެރިއަރުގައި އަބަދުވެސް ފާޑުކިޔަނީ އެންމެ ކަމަކަށެވެ. އާޖެންޓީނާގައި އެކަށީގެންވާ ބޮޑު މުބާރާތެއްގެ ކާމިޔާބެއް ނުހޯދޭތީ އެވެ. އެއީ މެސީގެ އާދަޔާހިލާފު ކެރިއަރުގައި މިހާތަނަށް ޖެހިފައި އޮތް ލައްގަނޑެވެ.

އާޖެންޓީނާގެ ޖޯޒީގައި މެސީ އަށް ހޯދުނީ ދެ ކާމިޔާބީ އެވެ. އެއީ ސީނިއާ ލެވަލްގައެއް ނޫނެވެ. އެއީ 2005 ވަނަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ ރަން މެޑަލެވެ. އޮލިމްޕިކްސް އަކީ 23 އަހަރުން ދަށުގެ މުބާރާތަކަށް ވާއިރު، ފީފާގެ ރަސްމީ މުބާރާތެއް ނޫނެވެ.

ގައުމީ ޓީމަށް ކުޅެގެން އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް މެސީ ވަނީ ހޯދައިފަ އެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމާއި 2007 ވަނަ އަހަރުގެ ކޮޕަ އެމެރިކާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމުގެ އިތުރުން 2015 ވަނަ އަހަރުގެ ކޮޕަ އެމެރިކާގެ މޮޅު ކުޅުންތެރިއާގެ މަގާމު ހިމެނެ އެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާގައި އުމުރުން 34 އަހަރުގެ މެސީ ބުނި އެއް ވާހަކަ އަކީ އިންޑިވިޖުއަލް ޓްރޮފީގެ ބަދަލުގައި އޭނާ ގައުމީ ޓީމަށް ހޯދައިދޭން ބޭނުންވަނީ އެހެން ކާމިޔާބެއް ކަމަށެވެ. މެސީގެ އެ އިންޓަވިއުގައި އޭނާ އެ ފާހަގަކުރީ ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިނުމަށެވެ.

މިހާތަނަށް މެސީ ވަނީ އާޖެންޓީނާއާ އެކު ހަތަރު ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. އެއީ ތިން ކޮޕަ އެމެރިކާ ފައިނަލާއި ވޯލްޑް ކަޕްގެ ފައިނަލަކުންނެވެ.

2007 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލުގެ ތެރެއިން މެސީ ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ


2007، ކޮޕަ އެމެރިކާ - ވެނެޒުއޭލާ، (ބްރެޒިލް 3-0 އާޖެންޓީނާ)

އާޖެންޓީނާއާ އެކު މެސީ އެންމެ ފުރަތަމަ ކުރިމަތިލި ބޮޑު ފައިނަލަކީ 2007 ވަނަ އަހަރު ވެނެޒުއޭލާގައި ބޭއްވި ކޮޕަ އެމެރިކާގެ ފައިނަލެވެ.

އުމުރުން އެންމެ 20 އަހަރުގައި މެސީ އެ ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދިއިރު ފައިނަލުގައި ވެސް ކުޅުނެވެ. މެޗުގެ ފުރަތަމަ މިނިޓުން ފަށައިގެން ޑުންގާގެ ކޯޗުކަމުގައި ކުޅެމުންދިޔަ ބްރެޒިލުން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެ އާޖެންޓީނާ 3-0 އިން ބަލިކުރި އެވެ. ބްރެޒިލްގެ ވަރުގަދަ ޑިފެންސްލައިނުން މެސީ ހިފެހެއްޓުމުގައި އެ މެޗުގައި ތަފާތު ދެއްކި އެވެ. މެސީ ވަނީ އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕެރޫ ކޮޅަށް އަދި ސެމީގައި މެކްސިކޯ ކޮޅަށް ލަނޑު ޖަހައިފަ އެވެ.

2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗަށް ފަހު މެސީ ވޯލްޑް ކަޕް ޓްރޮފީ އަށް ބަލަހައްޓައިގެން.


ބްރެޒިލް، 2014 ފީފާ ވޯލްޑް ކަޕް، (ޖަރުމަނު 1-0 އާޖެންޓީނާ)

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި މެސީ ވަނީ ގްރޫޕް ސްޓޭޖުގައި ހަތަރު ގޯލު ޖަހައިފަ އެވެ. ނޮކައުޓް ބުރުގައި ވެސް މެސީ މޮޅު ކުޅުމެއް ދެއްކި އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ އަށް ލިބުނުއިރު، ފައިނަލުގައި ޖަރުމަނު ކޮޅަށް ވެސް މެސީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އިތުރު ވަގުތުގައި ދެ ހާފް ކުޅެގެން ނަތީޖާ ނެރުނު މި މެޗުގައި ޖަރުމަނު މޮޅުވީ މާރިއޯ ގޮޓްޒާ ޖެހި ގޯލުންނެވެ. އެ މެޗުގައި އާޖެންޓީނާ މޮޅު ކޮށްދޭން ޕަލާސިއޯ އާއި ގޮންޒާލޯ ހިގައިން އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެ ފަަހަރުގެ ވޯލްޑް ކަޕްގައި މެސީ ދެއްކި ކުޅުމަށް އާޖެންޓީނާގެ ގިނަ ފުޓްބޯޅަ ތަޖުރިބާކާރުން ވަނީ ތައުރީފުކޮށްފަ އެވެ.

2015 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލަށް ފަހު މެސީ ޓްރޮފީ ކުރިމަތިން ރޮސްޓްރަމް އިން ފައިބައިގެން ދަނީ.


ޗިލީ، 2015 ކޮޕަ އެމެރިކާ، (ޕެނަލްޓީ - އާޖެންޓީނާ 1-4 ޗިލީ)

ޗިލީގައި 2015 ވަނަ އަހަރު ބޭއްވި ކޮޕަ އެމެރިކާ އަކީ ލަނޑު ޖެހުމަށް ބަލާއިރު މެސީ އަށް އެންމެ ކާމިޔާބު ފަހަރެއް ނޫނެވެ. އެކަމަކު، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދެއްކި ވަރުގެ ކުޅުމެއް މެސީ ވަނީ އެ ފަހަރުގެ މުބާރާތުގައި ދައްކައިފަ އެވެ. ފައިނަލުގައި ޗިލީ އާއި އާޖެންޓީނާ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހި އެއްވަރުވި އެވެ. މެސީ ހުއްޓުވަން އެ މެޗުގައި ޗިލީގެ ކުޅުންތެރިން ގިނަ ފައުލުތަކެއް ކުރި އެވެ.

އެ ފަހަރު ޕެނަލްޓީގައި އާޖެންޓީނާ އަށް ކާމިޔާބުކުރެވުނީ މެސީ ފޮނުވާލި ބޯޅަ އެކަންޏެވެ. ހިގައިން އާއި ބަނޭގާ އަތުން ޕެނަލްޓީތައް ބޭކާރުވިއިރު، ޗިލީން ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށް މެޗުން މޮޅުވީ އެވެ. މެސީ އެ މުބާރާތުގައި ދެއްކި ކުޅުމުގެ ސަބަބުން އޭނާ އަށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނެވެ.

އެމެރިކާ، 2016 ކޮޕަ އެމެރިކާ ސެންޓެނާރިއޯ (ޕެނަލްޓީ - އާޖެންޓީނާ 2-4 ޗިލީ)

ޖެހިޖެހިގެން ދެ އަަހަރު އާޖެންޓީނާ ގޮވައިގެން ދެ މުބާރާތެއްގެ ފައިނަލުގައި ބަލިވުމުން އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ކޮޕަ އެމެރިކާގެ ހާއްސަ މުބާރާތަށް މެސީ ނުކުތީ އާޖެންޓީނާ އަށް ކާމިޔާބީ ހޯދައިދިނުމުގެ ހާއްސަ އަޒުމެއްގަ އެވެ. ފައިނަލާ ހަަމައަށް އައިއިރު މެސީ ވަނީ އެ ފަހަރުގެ މުބާރާތުގައި ފަސް ގޯލު ޖަހައިފަ އެވެ. އެ މުބާރާތަކީ ކޮޕަ އެމެރިކާގައި އެހާތަނަށް މެސީގެ އެންމެ ލަނޑު ޖެހުމުގެ ރެކޯޑް ރަނގަޅު ސީޒަނެވެ.

2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލް މެޗަށް ފަހު މެސީ ދަނޑު މަތީގައި އިށީނދެގެން.


އެކަމަކު، އެ ފަހަރު ވެސް ފައިނަލުގައި ޗިލީއާ ބައްދަލުކުރަން ޖެހި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެވެ. އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމުގައި 82،000 މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގައި އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލި މެސީ އަތުން އެ ޕެނަލްޓީ ނާކާމިޔާބުވީ އެވެ. މެސީގެ އިތުރުން އާޖެންޓީނާގެ ލޫކަސް ބިޖްލިއާ އަތުން ވެސް ޕެނަލްޓީ ނާކާމިޔާބުވެ، އާޖެންޓީނާ 4-2 އިން ބަލިވީ އެވެ.

ޖެހިޖެހިގެން ތިން އަހަރު ތިން ފައިނަލުން ބަލިވުމުން މެސީ ވަނީ އެ މުބާރާތަށް ފަހު ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. މިއީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ނިންމުމެކެވެ.

މެސީ އަލުން އެނބުރި އައުން

އާޖެންޓީނާ އަށް ބޮޑު މުބާރާތެއްގެ ތަށި ހޯދައިދޭން ކުރާ މަސައްކަތުގައި ޖެހިޖެހިގެން ތިން އަހަރު ފައިނަލުގައި ނާކާމިޔާބު ވުމުން މެސީ އަށް އާޖެންޓީނާގެ މީޑިއާގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެ ހުރިހާ ކަމެއްގެ ތެރޭ އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރީ އެވެ.

އޭރު އުމުރުން 29 އަހަރުގެ މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ ފައިނަލުގައި ޗިލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

"އަހަންނަށް ގައުމީ ޓީމު މި ނިމުނީ. އަހަންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރިން. ޗެމްޕިއަނަކަށް ނުވުމަކީ ވަރަށް ބޮޑު ހިތާމައެއް،" އެ ފަހަރު އިންޓަވިއުގައި މެސީ ބުންޏެވެ.

އެކަަމަކު، ރިޓަޔާކުރިތާ މާގިނަ ދުވަހެއް ނުވެ މެސީ ވަނީ ގައުމީ ޓީމަށް އެނބުރި އައިސް 2018 ވަަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އަށް ކުޅެން ފަށައިފަ އެވެ.

ކޮލިފައިންގައި މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ ރަށުންބޭރުގައި އެކުއެޑޯ ކޮޅަށް ހެޓްރިކެއް ހަދައި މެސީ ވަނީ އާޖެންޓީނާ އަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އޮޓޮމެޓިކް ޖާގައެއް ހޯދައިދީފަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި މެސީ އަށް އެންމެ ގޯލެއް ޖެހުނުއިރު، ދެ ވަނަ ބުރުގައި ފްރާންސް އަތުން ބަލިވެ ކެޓީ އެވެ.

މެސީ އެންމެ ފަހުން 2019 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ކޮޕަ އެމެރިކާގައި ވެސް ޖެހީ އެއް ގޯލެވެ. އެ ފަހަރުގެ މުބާރާތުގެ ތިން ވަނަ އާޖެންޓީނާ އަށް ލިބުނުއިރު، ތިން ވަނަ ހޮވާ މެޗުގައި މެސީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެ މުބާރާތުގައި މެސީ ވަނީ ވަރަށް ބޮޑަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޯލަށް ފާޑުކިޔައިފަ އެވެ. ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ، މެސީ ދެއްކި ވާހަކަތަކުގެ ސަބަބުން އެ ފެޑެރޭޝަނުން ވަނީ މެސީ ތިން މަހަށް ސަސްޕެންޑްކޮށް 1500 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


މި ފަހަރުގެ ކޮޕަ އެމެރިކާ އެންމެ ފުރަތަމަ ކުޅެން ރޭވީ މިދިޔަ އަހަރު އާޖެންޓީނާ އާއި ކޮލަމްބިއާގަ އެވެ. ކޮވިޑާ ހެދި މި އަހަރަށް ފަސްކުރީ އެވެ. އެކަމަކު، މި އަހަރު ވެސް ކޮވިޑް-19ގެ ހާލަތާއި ސިޔާސީ މަސްރަހު އޮތްގޮތުން ކޮލަމްބިއާ އާއި އާޖެންޓީނާގައި މުބާރާތް ނުބޭއްވުނެވެ. އެހެންވެ ކޮންމެބޯލް އިން މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ދިނީ ބްރެޒިލް އަށެވެ.

މި ފަހަރުގެ މުބާރާތުގައި މިހާތަނަށް މެސީ ވަނީ ހަތަރު ގޯލު ޖަހައި ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނުމުގެ އިތުރުން ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މިއީ އަމިއްލަ ރެކޯޑަށް ބަލާއިރު، މެސީގެ އެންމެ ރަނގަޅު ކޮޕަ އެމެރިކާ މުބާރާތެވެ. އޭނާ މި މުބާރާތުގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި ފަހަރު ކަމަށްވާތީ ގިނަ ބަަޔަކު މި ފަހަރު މިއީ އާޖެންޓީނާގެ ފަހަރު ކަމަށް ވެސް އުއްމީދު ކުރެ އެވެ.

ފައިނަލުގައި މިރޭ އާޖެންޓީނާ ގޮވައިގެން މެސީ ނުކުންނާނީ ޒަމާންވީ ވާދަވެރިޔާ ބްރެޒިލާ ދެކޮޅަށެވެ. މެސީ އެންމެ ފުރަތަމަ ގައުމީ ޓީމާ އެކު ބޮޑު ފައިނަލެއްގައި ބަލިވީ 2007 ވަނަ އަހަރު ބްރެޒިލް އަތުންނެވެ. މިރޭގެ ފައިނަލަކީ ކޮޮޕަ އެމެރިކާގެ ތާރީހުގައި މެސީ ފެންނާނެ ފަހު މެޗަށް ވުމުގެ ފުރުސަތު ބޮޑެވެ.

ބްރެޒިލުން ވަނީ މިހާތަނަށް އެ ގައުމުގައި ކޮޕަ އެމެރިކާ ބޭއްވި ހުރިހާ ފަހަރަކު ތަށި ހޯދައިފަ އެވެ. މިރޭ މެސީ އަށް އާޖެންޓީނާ މޮޅުކޮށް ދެވިއްޖެނަމަ ފައިނަލުގެ ބަދުނަސީބު ރެކޯޑް ބަދަލުކޮށް، ބްރެޒިލްގެ މައްޗަށް ތާރީހީ އަދި ޝަރަފްވެރި ކާމިޔާބެއް ހޯދޭނެ އެވެ.

ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި މިރޭ އާޖެންޓީނާ އާއި ބްރެޒިލް ބައްދަލުކުރާ ކޮޕަ އެމެރިކާ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން ފަތިހު ފަހެއް ޖަހާއިރު އެވެ.