Advertisement

އަސްކަރިއްޔާގެ ވެރިންގެ ވާހަކަތަކާއި ފުށުއެރުންތައް: "ޒިންމާ އުފުލާފައި ނެތް"

10 ޖުލައި 2021 - 16:31 2

ނާޒިމް ހަސަން

ނާޒިމް ހަސަން

އެމްއެންޑީއެފްގެ އިސް ބޭފުޅުން: ޒިންމާ އަދާކުރެއްވި ގޮތާމެދު އިންކުއަރީން ވަނީ ސުވާލު އުފައްދާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


އަސްކަރިއްޔާގެ ވެރިންގެ ވާހަކަތަކާއި ފުށުއެރުންތައް: "ޒިންމާ އުފުލާފައި ނެތް"

10 ޖުލައި 2021 - 16:31 2

އެމްއެންޑީއެފް ނުވަތަ ސިފައިންނަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދިފާއުކުރުމުގެ މަސްއޫލިއްޔަތު އެޅިފައި އޮތް ޒިންމާ ބޮޑު ބައެކެވެ. ހާއްސަކޮށް އެތަނުގެ ވެރިންނަކީ ބޮޑު ޒިންމާއާ އެކު ގިނަ މަސްއޫލިއްޔަތުތަކެއް އުފުއްލަވާ ބޭފުޅުންނެވެ.

ނަމަވެސް، އެންމެ އިސް ތިން ވެރިންގެ ގާނޫނީ މަސްއޫލިއްޔަތުތަކާއި އެ ބޭފުޅުން ވިދާޅުވާ ވިދާޅުވުންތަކުގައި މިވަނީ ފުށުއެރުންތަކެއް ފާހަގަކުރެވި، ކަންބޮޑުވާ ހިސާބަށް ގޮސްފަ އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހެދި ޕާލިމެންޓްރީ އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ވައިސް ޗީފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުލްލަތީފް ހާޒިރުކޮށް ސުވާލުކުރި އެވެ.

އެ ތިން ބޭފުޅުންގެ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން އިންކުއަރީގެ މެންބަރުން ހޫނު ސުވާލުތަކެއް އަމާޒުކޮށްފައިވާކަން ރިޕޯޓުގައި ފެންނަން އެބައޮތެވެ.

އޮޕަރޭޝަން ހެޑް، އެކަމަކު ޖަވާބުދާރީވުމެއް ނެތް

އިންކުއަރީއަށް ޗީފް ޑިފެންސް ފޯސް ޝަމާލު ވިދާޅުވި ގޮތުގައި، އެމްއެންޑީއެފް ހިންގަވަނީ މިޝަން ކޮމާންޑް ފަލްސަފާގެ ދަށުންނެވެ. މިޝަން ކޮމާންޑްގެ ފަލްސަފާގެ ތެރެއިން މީހުންނާއި އާލަތްތަކާއި ވަސީލަތްތަކާއި ޓާސްކު އެސައިންކޮށްފައި ހުންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"އޮޕަރޭޝަނަލް ލެވެލްގައި ކޮމާންޑަރުންނާ ޑީސެންޓްލައިޒްޑް އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓްރަކްޗާއެއްގެ ތެރެއިން ކޮމާންޑަރުންނަށް ފުރިހަމަ ކޮންޓްރޯލް ދީގެން މަސައްކަތް ކުރާ ގޮތަށް އިންތިޒާމްކޮށްފައިވޭ،" ޝަމާލު ވިދާޅުވި އެވެ.

ޝަމާލު ވިދާޅުވި ގޮތުންނާއި ގާނޫނުގައި ލިޔެފައިވާ ގޮތަށް ބަލާއިރު ޗީފް އޮފް ޑިފެންސް ފޯސްއަކީ އޮޕަރޭޝަން ހެޑެވެ. ނަމަވެސް، އޭނާ ދެން ފާހަގަ ކުރެއްވި ކަންކަން އެކަމާ ފުށުއަރާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ އޮޕަރޭޝަންތަކާ ގުޅޭ ގޮތުން ނިންމާ ނިންމުންތަކާ ގުޅިގެން ސުވާލުކުރުން އެ ސުވާލުތަކަށް ޖަވާބުދާރީވާން އުޒުރުވެރިވަޑައިގެންނެވި އެވެ.

ވިދާޅުވީ، އެ ސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭ ފަރާތަކީ އެސްޕީޖީގެ ކޮމާންޑަރު ކަމަށެވެ.

ޝަމާލު: ގިނަ ސުވާލުތަކަކަަށް ޖަވާބެއް ނުދެއްވި


އޭގެއިތުރުން ޝަމާލު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ޓެކްނިކަލް ނިންމުންތަކުގައި ޗީފް އޮފް ޑިފެންސް ފޯސްގެ ދައުރެއް ނޯންނާނެ އެވެ.

ޑިފެންސް އިންޓެލިޖެންސް ސާވިސް (ޑީއައިއެސް)ގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލުކުރުމުން، އެ ސާވިސް މަސައްކަތް ކުރާ ގޮތާއި، މަސައްކަތުގެ ނަތީޖާއާ ގުޅޭ މައުލޫމާތު ދިނުމަށް އުޒުރުވެރިވެވަޑައިގެންނެވި އެވެ.

ނަމަވެސް، ޑީއައިއެސްގެ މަސައްކަތާ ގުޅޭ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށް ޝަމާލު ވިދާޅުވި އެވެ.

ޝަމާލު އިންކުއަރީއަށް މައުލޫމާތު ދިން ގޮތާމެދު އިންކުއަރީ ރިޕޯޓްގައި ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

"ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރު ޖަވާބުދާރީވާން ނުޖެހޭނެ އެއްވެސް ޑައިރެކްޓަރޭޓެއް އޮވެގެން ނުވާނެ، އެ މުއައްސަސާގެ ހުރިހާ ކަމަކަށް ޖަވާބުދާރީވާން ޖެހޭނެ،" ރިޕޯޓްގައި ބުންޏެވެ.

ރިޕޯޓްގައި ބުނި ގޮތުގައި މިޝަން ކޮމާންޑްގެ ފަލްސަފާ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ މަތިން ތިރިއަށް އިތުބާރުކޮށް، ސާފުކޮށް ޓާސްކްތަކާއި ރޯލު އެސައިންކޮށް، ހަވާލުކޮށްފައިވާ ޓާސްކުގެ މައުލޫމާތާއި އެ އިތުބާރު ތިން މައްޗަށް ވެސް ހިންގައިގެންނެވެ.

އިންޓެލްގެ ވެރިޔާ، މީޑިއާއަށް ތިލަވުމުން ވެސް މައުލޫމާތެއް ނުލިބުން

ޑިފެންސް އިންޓެލިޖެންސް ސާވިސްއާ ހަވާލުވެވަޑައިގެން ހުންނެވީ ވައިސް ޗީފް ޑިފެންސް ފޯސް އަބްދުއްރަހީމެވެ. އެހެންކަމުން، ޑިފެންސް އިންޓެލިޖެންސްގެ ހުރިހާ ޒިންމާއެއް އަދާކުރައްވަން ޖެހޭނީ އޭނާއަށެވެ.

ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލިއިރު އެ ހަމަލާގެ ހިލަމެއް ވެސް ޑިފެންސް އިންޓެލިޖެންސް ސާވިސްއަށް ލިބިފައެއް ނުވެ އެވެ.

ނަމަވެސް، ނަޝީދަށް ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު މަޖިލިސް މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވުމުން އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވި އެވެ.

އެ މައުލޫމާތު މިނިސްޓަރު އެމްއެންޑީއެފްގެ ވެރިންނާ ހިއްސާކުރައްވާފައެއް ނުވެ އެވެ. އެކަމަކު، ނަޝީދަށް ހަމަލާ އަމާޒުވި ފަހުން އެކަން މީޑިއާގައި ތިލަވި އެވެ.

މީޑިއާގައި އިލްޔާސް އާއި މާރިޔާ އެ ވާހަކަ ދައްކާވާފައިވަނިކޮށް އަބްދުލްރަހީމް އިންކުއަރީ ކޮމިޓީއަށް ހާޒިރުކޮށް، ސުވާލުތައް އަމާޒުކުރި އެވެ.

އަބްދުއްރަހީމް: މައުލޫމާތު މީޑިއާއަށް ތިލަވުމުން ވެސް އެ މައުލޫމާތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި


އިންކުއަރީގައި މައުލޫމާތު ދެއްވަމުން، އަބްދުލްރަހީމް ވިދާޅުވީ އޭނާއަށް އެ މައުލޫމާތު ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އެހެންކަމުން އެނަލިސްޓުންނަށް އެ މައުލޫމާތު އޭނާ ހިއްސާކުރައްވާފައިނުވާ ކަމަށެވެ.

އެހެން އަމަލު ނުކުރެއްވި ސަބަބު އޭނާއަށް ބުނެދެވިފައިނުވާ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.

ހަމަލާއެއްގެ މައުލޫމާތު ހިއްސާކުރަން ލާޒިމެއް ނޫން

ހަމަލާގެ މައުލޫމާތު، މިނިސްޓަރު މާރިޔާ ހިއްސާ ނުކުރައްވާއިރު އެއީ އޭނާގެ މައްޗަށް ގާނޫނުން ލާޒިމްކޮށްފައިވާ ކަމެއް ނޫން ކަމަށް އިންކުއަރީގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޓެރަރިޒަމް އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން އަންގަން ޖެހޭ ފަރާތަކީ ފުލުހުންގެ ހިދުމަތް ކަމަށެވެ. އެ މައުލޫމާތު އެކަމަނާ ހިއްސާކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު އެހެން ފާހަގަ ކުރެއްވި ނަމަވެސް، ރިޕޯޓްގައި ބުނި ގޮތުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި އިންޓެލިޖަންސް އިދާރާތަކުގެ އިތުރުން، ދައުލަތުގެ އެއްވެސް އިދާރާއެއްގެ މަސައްކަތުގެ ދާއިރާއިން ޓެރަރިޒަމްއާ ގުޅޭ މުހިންމު މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތަކާ ގުޅުންހުރި އިދާރާއަކަށް ހިއްސާކުރަން ވާނެ އެވެ.

މާރިޔާ އިތުރަށް ވިދާޅުވި ގޮތުގައި އެ މައުލޫމާތު ހިއްސާ ނުކުރެއްވީ ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލްއަށް ބަދަލުކޮށްފައިވަނިކޮށް އެ މައުލޫމާތު ހިއްސާކޮށްގެން ލެވެލް އިތުރަށް މަތިނުކުރެވޭނެތީ އެވެ.

ހަމަލާއަށްފަހު ސިފައިން މާލެ ތެރެ ބެލެހެއްޓުމަށް ނިކުމެފައިނުވަނީ ކީއްވެގެންތޯ ވެސް މިނިސްޓަރު މާރިޔާއާ ސުވާލުކޮށްފައިވެ އެވެ.

އޭނާ ވިދާޅުވީ އެފަދަ ކަމެއް އެމްއެންޑީއެފްއަށް ކުރުން ގާޏޫނުން ހުއްދަނުކުރާ ކަމަށެވެ. ރަށުތެރެއަށް ނިކުމެ ސެކިއުރިޓީ ބެލެހެއްޓުމަކީ ފުލުހުންނަށް އޮތް ބާރެއް ކަމަށެވެ.

ނަމަވެސް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި އޮތީ އެހެނެއް ނޫނެވެ.

އެ ގާނޫނުގައިވާ ގޮތުގައި ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެ ހާލަތެއްގައި ނުވަތަ އެފަދަ އަމަލެއް ހިންގައިފި ހާލަތެއްގައި، މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ސަލާމަތީ ފިޔަވަޅު އެޅުމުގައި އިސްވެ ހަރަކާތްތެރިވާން ޖެހޭނީ އެމްއެންޑީއެފްއިންނެވެ.