Advertisement

އާޖެންޓީނާ އަށް ކުޅެމުން ތަށްޓެއް ނުލިބުނަސް މެސީ މޮޅު: ކޯޗު

10 ޖުލައި 2021 - 11:51 0


އާޖެންޓީނާ އަށް ކުޅެމުން ތަށްޓެއް ނުލިބުނަސް މެސީ މޮޅު: ކޯޗު

10 ޖުލައި 2021 - 11:51 0

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖުލައި 10) - އާޖެންޓީނާ އަށް ކުޅެމުން ލިއޮނަލް މެސީ އަށް ތަށްޓެއް ލިބިފައިނުވި ނަމަވެސް އޭނާ އަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

އުމުރުން 34 އަހަރުގެ މެސީ ވަނީ ބާސެލޯނާ އަށް ކުޅެމުން އެތައް ކާމިޔާބީއެއް ހޯދައިފަ އެވެ. އެކަމަކު, އޭނާ އަށް މިހާތަނަށް އާޖެންޓީނާއާ އެކު ބޮޑު މުބާރާތެއްގެ ތަށީގައި އަތްލެވިފައި ނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެ އެވެ. މެސީ ވަނީ އާޖެންޓީނާއާ އެކު މީގެ ކުރިން ނުވަ މުބާރާތުގައި ކުޅެ ހަތަރު ފައިނަލުން ބަލިވެފަ އެވެ. އެއީ 2014 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލާއި 2007 އާއި 2015 އަދި 2016 ވަނަ އަހަރުގެ ކޮޕަ އެެމެރިކާ ފައިނަލުންނެވެ.

މިރޭ ބްރެޒިލާ ދެކޮޅަށް މި ފަަހަރުގެ ކޮޕަ އެމެރިކާ ފައިނަލުގައި މެސީ ނުކުންނާނެ އެވެ. މިއީ ކޮޕަ އެމެރިކާ ތަށީގައި އަތްލަން މެސީ އަށް ލިބޭ ފަހު ފުރުސަތަށް ވުމުގެ ޖާގަ އެބައޮތެވެ. އެކަމަކު އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ މި މެޗުގެ ނަތީޖާ އަކީ ނޫނީ ގައުމީ ޓީމުގައި މެސީގެ ކަންކަމަކީ އޭނާގެ މުޅި ކެރިއަރުގެ އުސްއައްޔަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

"(މި މެޗުން) ބަލިވިޔަސް މޮޅުވިޔަސް މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ. ވަކި މުބާރާތަކު ނޫނީ ވަކި ޓީމެއްގައި ހުރެ މެސީގެ މޮޅުކަން ސާބިތުކޮށްދޭން ތަށްޓެއް ހޯދުން ލާޒިމެއް ނޫން،" ސްކަލޯނީ ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ބްރެޒިލްގައި ބޭއްވި ކޮޕަ އެމެރިކާގެ ސެމީ ފައިނަލުގައި އާޖެންޓީނާ ވަނީ ބްރެޒިލް އަތުން ބަލިވެފަ އެވެ. އެ މެޗަށް ފަހު މެސީ ވަނީ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލް އިން ބްރެޒިލަށް ފައިދާވާގޮތަށް ގިނަ ކަންތައްތަކެއް ކުރާ ކަމަށް ބުނެ، ފާޑުކިޔައިފަ އެވެ. ކޮންމެބޯލްގައި ކޮރަޕްޝަން ހިންގާ ކަމަށް ބުނެ މެސީ ވާހަކަ ދެއްކުމުން އެ މައްސަލައިގައި ކޮންމެބޯލް އިން ވަނީ އޭނާ އަށް އަދަބު ވެސް ދީފަ އެވެ.

މިރޭގެ ފައިނަލަކީ މީގެ ދެ އަހަރު ކުރިން ސެމީގައި ބްރެޒިލް އަތުން ބަލިވި މެޗުގެ ބަދަލު ހިފަން އާޖެންޓީނާ އަށް ލިބޭ ފުރުސަތެއް ކަމަށް މީޑިއާތަކުން ސިފަކުރި ނަމަވެސް ސްކަލޯނީގެ އާޖެންޓީނާ ތައްޔާރުވަނީ އެ ވިސްނުމުގައެއް ނޫނެވެ.

"އަހަރެން މިއީ ބަދަލުހިފުމުގެ ރޫހެއްގައި ފުޓްބޯޅަ މެޗަކަށް ނުކުންނަ މީހެއް ނޫން. އަހަރެން ނުކުންނަނީ ބުރަ މަސައްކަތް ކޮށްގެން މެޗުން މޮޅުވާން. ޔަގީނުން ވެސް މުޅި ދުނިޔެ ބަލާނެ މެޗެއް މިއީ. އަހަރެމެން ބަދަލުހިފަން ނުކުމެގެން މެޗުގެ ފޯކަސް ނަގާލަން ބޭނުމެއް ނޫން. ބޭނުމީ ޒަމާންވީ ވާދަވެރިޔާ (ބްރެޒިލް) ބަލިކޮށް ތަށި ހޯދަން،" ސްކަލޯނީ ބުންޏެވެ.

އާޖެންޓީނާ އިން އެންމެ ފަހުން ކާމިޔާބުކުރި ބޮޑު މުބާރާތަކީ 1993 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އެވެ. އެ މުބާރާތް ކާމިޔާބުކުރިތާ 28 އަހަރުވެފައިވާއިރު، މިރޭ މިއީ އެކަމަށް ނިމުމެއް ގެންނަން ރަނގަޅު މެޗެއް ކަމަށް އާޖެންޓީނާގެ މީޑިއާ އިން އަންނަނީ ބުނަމުންނެވެ.

ބްރެޒިލްގެ ތާރީހީ އަދި މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި މިރޭ އާޖެންޓީނާ އާއި ބްރެޒިލް ބައްދަލުކުރާ ކޮޕަ އެމެރިކާ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން ފަތިހު ފަހެއް ޖަހާއިރު އެވެ.