Advertisement

އިޔާޒަށް ފިޔަވަޅު އެޅީ އިސްލާމްދީނުގެ ހިމާޔަތުގައި ކުރާ މަސައްކަތް ހުއްޓުވަން: އަދާލަތު

2 ޖުލައި 2021 - 11:57 3

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް ވަނީ އެ މަގާމުން ވަކިކޮށްފައި. --


އިޔާޒަށް ފިޔަވަޅު އެޅީ އިސްލާމްދީނުގެ ހިމާޔަތުގައި ކުރާ މަސައްކަތް ހުއްޓުވަން: އަދާލަތު

2 ޖުލައި 2021 - 11:57 3

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ (އެމްއެންޔޫ) އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވަޒީފާއިން ވަކި ކުރީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް ދީނާ ދެކޮޅަށް ހިންގޭ އުދުވާންތައް ހުއްޓުވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަންކަމަށް އަދާލަތު ޕާޓީން ތުހުމަތުކޮށްފި އެވެ.

އިޔާޒް ވަޒީފާ އިން ވަކިކުރީ، އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުމަށް ފަހު އެވެ. މި މައްސަލައިގެ ކުރިން ވެސް އިޔާޒަށް ނަސޭހަތްދީފައިވެ އެވެ.

ސޯޝަލް މީޑިއާގައި އިޔާޒު ލިއުނު ޕޯސްޓްތަކަކާ ގުޅިގެން އެމްއެންޔޫއިން މިދިޔަ މާޗް މަހުގެ ތެރޭގައި އިޔާޒް 14 ދުވަހަށް ސަސްޕެންޑް ކުރި އެވެ. އެފަހަރު ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު އިޔާޒަށްދިނުމަށް ފަހު އެވެ.

ނަމަވެސް، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ވަނީ އެމްއެންޔޫގެ ނިންމުމަކީ ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

އެހެންކަމުން، އެ ނިންމުން ބާތިލުކޮށް، އިޔާޒް ހުންނެވި މަގާމަށް އަލުން އިއާދަކޮށްދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

އޭގެ އިތުރުން، އެ ބަޔާނުގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، އިޔާޒަށް ފިޔަވަޅު އެޅުމުގެ ފަހަތުގައި ވަނީ ވަކި މައްސަލައަކާމެދު އޭނާ ފާޅުކުރެއްވި ޝުއޫރެއް ނޫން ކަމަށެވެ.

"...އިޔާޒާމެދު ގައުމީ ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ރާއްޖޭގައި ހިންގޭ އުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެކެވެ،" އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން ތުހުމަތުކޮށްފައިވެ އެވެ.

އަދި އެކަމުން އެމްއެންޔޫއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެފައިވާއިރު، ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ގައުމުގެ ސިޔާސަތު ކަނޑައެޅުމާއި މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިސްލާމްދީނުގެ އިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން އެދޭބަޔަކު ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

އެހެންކަމުން، މީގެ ކުރިންވެސް އެމްއެންޔޫ އޮތްގޮތަށް، ހަގީގީ އިލްމީ މުއައްސަސާއެއްގެ ގޮތުގައި އިލްމީ ދަންމަރު އުފުލުމުގެ ގާބިލުކަންހުރި ތަނަކަށް ހެދުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

އިޔާޒު ވަޒީފާ އިން ވަކިކުރިއިރު، އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ.