Advertisement

ސަންޗޯ އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑް އަށް

30 ޖޫން 2021 - 23:45 0


ސަންޗޯ އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑް އަށް

30 ޖޫން 2021 - 23:45 0

ލަންޑަން (ޖޫން 30) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި އިނގިރޭސި ވިންގް ޖޭޑަން ސަންޗޯ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ޔުނައިޓެޑުން ސަންޗޯ ހޯދަން ތިން ބިޑެއް ކުރި ނަމަވެސް ޑޯޓްމަންޑުން ބޭނުންވާ އަގު ދޭން ދެކޮޅު ހަދާތީ އެ ޑީލް ކުރިއަށް ނުދިޔަ އެވެ. މި ފަހަރު ވެސް ޔުނައިޓެޑުން ސަންޗޯ ހޯދަން ކުރި ފުރަތަަމަ ބިޑް ޑޯޓްމަންޑުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ޑޯޓްމަންޑުން މިއަދު ސަންޗޯ ޔުނައިޓެޑަށް ވިއްކާލަން ނިންމީ އެންމެ ފުރަތަމަ 72 މިލިއަން ޕައުންޑް (100 މިލިއަން ޑޮލަރު) ދޭ ގޮތަށެވެ. އަދި ޔުނައިޓެޑާ އެކު ސަންޗޯ 2026 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓްގައި ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އެ ޓީމުގައި އޭނާ ދައްކާ ކުޅުމަށް ބަލާފައި ޔުނައިޓެޑުން އިތުރު 25 މިލިއަން ޑޮލަރު ދޭ ގޮތަށް އެއްބަސްވުމުގައި ވަކި މާއްދާތަކެއް ހިމަނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސަންޗޯ ގަންނަން ޔުނައިޓެޑުން މިދިޔަ އަހަރު ކުރި ފަހު ބިޑަކީ ޖުމްލަ އެއްކޮށް 117 މިލިއަން ޑޮލަރުގެ ބިޑެކެވެ. ޑޯޓްމަންޑުން ވަނީ އެ ހުށަހެޅުން ވެސް އަނބުރާ ފޮނުވާލައިފަ އެވެ. ޑޯޓްމަންޑުން ޔުނައިޓެޑަށް އަންގާފައިވަނީ 135 މިލިއަން ޑޮލަރު ނޫން އަގަކަށް ސަންޗޯ ނުވިއްކޭނެ ކަމަށެވެ. އަދި އެ ޑީލްގެ އަގުތައް ދައްކަން ޖެހޭނީ ވެސް ފުރަތަމަ 100 މިލިއަން ޑޮލަރު ދޭ ގޮތަށް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މިދިޔަ އަހަރު ކުރި ފަހު ބިޑްގައި ވެސް ފުރަތަމަ ދައްކަން ހިމަނާފައި އޮތީ 70 މިލިއަން ޑޮލަރެވެ.

ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މި ފަހަރު ޔުނައިޓެޑުން ޑޯޓްމަންޑުން ބޭނުންވާ ގޮތަށް ފުރަތަމަ 100 މިލިއަން ޑޮލަރު ދައްކަން އެއްބަސްވުމުން ޑީލް ކުރިއަށްދާ ގޮތްވީ އެވެ. އެކަމަކު ކުރިން ޑޯޓްމަންޑުން ކީ އަގަށް ވުރެ ޖުމްލަ އެއްކޮށް ސަންޗޯ އަށް މި ފަހަރު ޔުނައިޓެޑުން ކުރާ ހޭދަ ކުޑަވާނެ އެވެ.

މި ވަގުތު އިންގްލެންޑް ގައުމީ ޓީމާ އެކު ޔޫރޯ ސްކޮޑާ އެކު ހުރި އުމުރުން 21 އަހަރުގެ ސަންޗޯ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔުނައިޓެޑްގެ މެޑިކަލް ޓެސްޓް ނިންމައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާގައި 2017 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިންގްލެންޑް ޓީމުގައި ހިމެނޭ ސަންޗޯ ޑޯޓްމަންޑަށް ބަދަލުވީ އެ މުބާރާތަށް ފަހު އެވެ. ޖަރުމަނުގެ ގަދަބާރު ޑޯޓްމަންޑުން ސަންޗޯ ގަތީ 2017 ވަނަ އަހަރު މެންޗެސްޓާ ސިޓީން 10 މިލިއަން ޑޮލަރު ދައްކައިފަ އެވެ. މުޅި ޑީލް އެއްކޮށް ނިމުނުއިރު، ޑޯޓްމަންޑުން ދެއްކި ފީ ވަނީ 14 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

އެ ފަހަރު ޑޯޓްމަންޑަށް ސަންޗޯ ވިއްކާލިއިރު، ސިޓީން ވަނީ އެ އެއްބަސްވުމުގައި ހާއްސަ މާއްދާއެއް ހިމަނައިފަ އެވެ. އެއީ ޑޯޓްމަންޑުން މުސްތަގުބަލުގައި ސަންޗޯ އެހެން ކްލަބަކަށް ވިއްކާލައިގެން ލިބޭ ޓްރާންސްފާ ފީގެ ތެރެއިން ވަކި ޕަސެންޓެއް ސިޓީ އަށް ދޭން ޖެހޭ ގޮތަށެވެ. އެ ގޮތުން މިހާރު އޮތްގޮތަށް ޔުނައިޓެޑާ އެކު ސަންޗޯގެ ޑީލް ކުރިއަށް ގޮސްފިނަމަ، ސިޓީ އަށް 13 މިިލިއަން ޑޮލަރު ލިބޭނެ އެވެ.

ޑޯޓްމަންޑަށް ކުޅެދިން 137 މެޗުގައި ސަންޗޯ ވަނީ އެ ޓީމަށް 50 ގޯލު ޖަހައިދީފަ އެވެ. އަދި 64 ގޯލު ޖަހަން ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސަންޗޯ ވަނީ އެ ޓީމާ އެކު ޖަރުމަނު ކަޕާއި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.