Advertisement

ރެސްޓޯރަންޓް ވެރިންގެ އިހުތިޖާޖު: ވިޔަފާރިތައް ފުނޑެނީ، ހައްލު ހޯދައިދީ

28 ޖޫން 2021 - 18:31 0

އަމަން ހަލީމް

އަމަން ހަލީމް

"ކާންދޭ އަތުގައި ދަތް ނާޅާ" ނަމުގައި ރޭމްއިން ކުރިޔަށް ގެންދިޔަ އިހުތިޖާޖު: ވިޔަފާރިވެރިން ބޭނުންވަނީ ބަނގުރޫޓުވެފައިވާ ވިޔަފާރިތަކަށް މިކަމުން އަރައިގަނެވޭނެ ހައްލުތަކެއް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ރެސްޓޯރަންޓް ވެރިންގެ އިހުތިޖާޖު: ވިޔަފާރިތައް ފުނޑެނީ، ހައްލު ހޯދައިދީ

28 ޖޫން 2021 - 18:31 0

މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތައް ފުނޑެމުންދާތީ، "ކާންދޭ އަތުގައި ދަތް ނާޅާ" ނަމުގައި ރެސްޓޯރަންޓްތަކުގެ ވެރިން ކާނިވާ ސަރަހައްދުގައި މިއަދު އިހުތިޖާޖުކޮށްފި އެވެ.

އަލިމަސް ކާނިވާ ސްޓޭޖް މަތީގައި ރެސްޓޯރަންޓް ވެރިން މިއަދު އިހުތިޖާޖު ކުރީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ވިޔަފާރިތައް ފުނޑެމުންދާތީ ކަންބޮޑުވުން ފާޅުކުރުމަށެވެ. މި މުޒާހަރާ ރާވައި އިސްކޮށް ހަރަކާތްތެރިވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިވެރިން އުފެއްދި ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިންނެވެ.

އިހުތިޖާޖަށް ނުކުތް ސަބަބަކީ، އެ ޖަމިއްޔާއިން ބުނި ގޮތުގައި، ރެސްޓޯރަންޓް ވިޔަފާރިވެރިންގެ އާދޭހަށް އިޖާބަ ނުދީ ސަރުކާރުން ބީރު ކަންފަތެއް ދިނުމެވެ. ރޭމްއިން ބުނަނީ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ހުށައެޅި ކަންކަން ފަހިކޮށްދޭން ސަރުކާރުން އެކަށީގެންވާ ވަރުގެ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށެވެ.

"ކާންދޭ އަތުގައި ދަތް ނާޅާ" އިހުތުޖާޖުގެ ތެރެއިން: ކާނިވާ ސްޓޭޖް މަތީގައި ވިޔަފާރިވެރިން އާދޭސްކުރީ ދާއިމީ ހައްލަކަށް -- ފޮޓޯ: ހުސެއިން ޝަޔާޙް/އަދަދު


ރޭމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ރައީސް ހާމިދު އަފީފް ވިދާޅުވީ މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ރެސްޓޯރަންޓް ވިޔަފާރިތައް ބަނގުރޫޓުވެފައިވާ ކަމަށެވެ.

ރޭމްގެ އިހުތިޖާޖުގައި އަޑުއުފުލަމުންދިޔަ ބައިވެރިން ވެސް ވަނީ ހާމިދުގެ ވާހަކަތައް ތަކުރާރުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތަކުގެ އަދަދުތައް ދަށަށް ދިޔުމާއި، އެހެން ހިދުމަތްދޭ ވިޔަފާރިތަކަށް ހުއްދަ ދިން އިރު ވެސް، ރެސްޓޯރަންޓްތަކުގައި އިން-ޑައިނިންއަށް ފުރުސަތު ނުދެނީ ކީއްވެގެންތޯ އަންނަނީ ސުވާލު ކުރަމުންނެވެ.

މިފަހުން ރޭމްއިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރުމަށް ފަހު، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ލުޔެއް ހޯދައި ދިނުމަށް 13 ދާއިރާއަކުން ހުށަހަޅައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިހާތަނަށް ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތަކަށް މާ ބޮޑު ލުޔެއް ދީފައެއް ނުވެ އެވެ.

ރެސްޓޯރަންޓް، ހޮޓާ އަދި ކެފޭތަކަށް ލުޔެއް ދިނުމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިން-ޑައިނިން ނުވަތަ ތަނުގައި ތިބެގެން މި ތަންތަނުން ހިދުމަތް ހޯދުން އޮތީ މަޝްވަރާގެ މޭޒުގައި ކަމަށެވެ. އަދި ސަރުކާރުން އެކަމުގައި ގޮތެއް ނުނިންމި އޮތީ ސިއްހީ މާހިރުންގެ އިޝާރާތެއް ނުލިބިގެން ކަމަށް ވިދާޅުވެފައިވެ އެވެ.