Advertisement

ނަސްލީގޮތުން ދިމާކޮށްފިނަަމަ ދަނޑުން ފައިބަން ވައިނަލްޑަމް ތައްޔާރު

25 ޖޫން 2021 - 19:31 0

ނެދަލެންޑްސްގެ ކެޕްޓަން ވައިނަލްޑަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ނަސްލީގޮތުން ދިމާކޮށްފިނަަމަ ދަނޑުން ފައިބަން ވައިނަލްޑަމް ތައްޔާރު

25 ޖޫން 2021 - 19:31 0

އަމްސްޓެޑަމް (ޖޫން 25) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ހަންގޭރީގައި ކުޅޭ މެޗުގައި ނަސްލީ ތަފާތުކޮށް އެކަން ކޮންޓްރޯލުން ނައްޓައިފިނަމަ ދަނޑުން ފައިބައިގެން ދާން ތައްޔާރަށް ހުރި ކަމަށް ނެދަލެންޑްސްގެ ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯގައި ހަންގޭރީން އެ ގައުމުގެ ބުޑަޕެސްޓްގައި ހުންނަ ޕުސްކަސް އެރީނާގައި ޕޯޗުގަލް އާއި ފްރާންސާ ދެކޮޅަށް ކުޅުނު މެޗާއި މިއުނިކްގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ހިނގި ނަސްލީ ތަފާތުކުރުމުގެ މައްސަލަތަކެއް ޔުއެފާ އިން އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި ޕުސްކަސް އެރީނާގައި ފްރާންސާއި ޕޯޗުގަލް ކުޅުނު މެޗުގައި ހިނގި ނަސްލީގޮތުން ދިމާކުރުމުގެ މައްސަލައެއް ވެސް ވަނީ ޔުއެފާ އިން ބަލަން ފަށައިފަ އެވެ.

އާދިއްތަ ދުވަހުގެރޭ ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކްގެ މެޗު އޮތީ ވެސް ޕުސްކަސް އެރީނާގަ އެވެ. މި ފަހަރުގެ ޔޫރޯ ކުޅޭ 11 ސްޓޭޑިއަމްގެ ތެރެއިން ދަނޑުގެ ޖާގައިގެ އަދަދަށް ސަޕޯޓަރުން ވައްދަން ހުއްދަ އޮތީ ޕުސްކަސް އެރީނާ އަށް އެކަންޏެވެ.

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވައިނަލްޑަމް ބުނީ މީގެ ކުރިން ވެސް އޭނާ ވާނީ ނަސްލީ ގޮތުން ދިމާކޮށްފިނަމަ ދަނޑުން ފައިބައިގެން ދާނެ ކަމަށް ބުނެފައި ކަމަށާއި އެކަމަކު އޭގެ ކަމެއް އޭނަ އަށް މިހާތަނަށް ކުރިމަތިވެފައިނުވާތީ އޭރު އެހެން ބުނެލަން ފަސޭހަވާނެ ކަމަށެވެ.

އެކަމަކު، މި ފަހަރުގެ ޔޫރޯގައި ހަންގޭރީގައި ކުޅޭ މެޗުތަކުގައި ދިމާވި ނަސްލީ ތަފާތުކުރުމުގެ ކަންތައްތަކަށް ފަހު އަނެއްކާ ވެސް މިކަންކަމާ މެދު ވިސްނަން ޖެހިފައިވާ ކަމަށް ވައިނަލްޑަމް ވަނީ ބުނެފަ އެވެ. އިދިކޮޅު ޓީމުތަކުގެ ސަޕޯޓަރުން ކުޅުންތެރިން ރުޅިއަރުވާލަން ކުރާ މި ފަދަ ކަންތައްތަކަކީ ފުޓްބޯޅައިގެ ހުރިހާ ހަމަތަކާއި އުސޫލުން ބޭރުކަމެއް ކަމަށް ވައިނަލްޑަމް ދެކެ އެވެ.

ވައިނަލްޑަމް ބުނީ މި ފަދަ ކަންކަން ހުއްޓުމުގެ ޒިންމާ އޮތީ މެޗު އޮފިޝަލުންނާއި ޔުއެފާ އަށް ކަމަށެވެ. އެ ފަދަ ކަމެއް އޭނާ އަށް ކުރިމަތިވާ ވަގުތު ހާލަތުގެ ގޮތުން ކުރެެވޭނެ ކަމެއް ބުނަން ނޭނގޭ ކަމަށާއި ދަނޑުން ފައިބަން ޖެހިއްޖެނަަަމަ ފަސްނުޖެހޭނެ ކަމަށް ވައިނަލްޑަމް ބުންޏެވެ.

"ރެފްރީ އަށް ކަމެއް ނުކުރެވި. އިދިކޮޅު ޓީމު ވެސް އެ ހާލަތުގައި ހުރެފިނަަމަ އޭގެ މާނަ އަކީ ވަރުގަދަ ސިގްނަލެކޭ އެ ދެވުނީ ނަސްލީ ތަފާތު ކުރުމާ އެއްކޮޅަށް. އާދިއްތަ ދުވަހު (ޗެކް ރިޕަބްލިކާ ދެކޮޅަށް ހަންގޭރީގައި) ކުޅޭ މެޗުގައި އެހެންވެއްޖެނަމަ ދަނޑުން ފައިބަން ތައްޔާރު،" މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ތިން ގޯލު ޖަހާފައިވާ ވައިނަލްޑަމް ބުންޏެވެ.

ޔޫރަޕްގެ އެކި ޓީމުތަކަށް ކުޅޭ ކަޅު ނަސްލުގެ ގިނަ ފުޓްބޯޅަ ކުޅުންތެރިންނާ މެޗުތަކުގެ ތެރެއިން ސަޕޯޓަރުން ދިމާކުރެ އެވެ. ނަސްލީ ތަފާތު ކުރުމުގެ މައްސަލަތަކުގައި ގިނަ ކުޅުންތެރިންތަކެއް މިހާތަނަށް ވަނީ އަޑުއުފުލައިފަ އެވެ.

މީގެ ކުރިން ޔުއެފާގެ މުބާރާތްތަކުގައި ނަސްލީ ގޮތުން ދިމާކޮށްގެން އެކި މައްސަލަތައް ވަނީ ކުޅުންތެރިންނާއި ޓީމުތަކަށް ވެސް ކުރިމަތިވެފަ އެވެ. ޔުއެފާ އަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ ކަމުގެ ޝަކުވާތައް ވަރަށް ވެސް ގިނަ އެވެ.

ވައިނަލްޑަމް ބުނީ ނަސްލީ ގޮތުން ދިމާކޮށްގެން މިހާތަނަށް އެ ފަދަ ކަމެއް ކުރިމަތިވި ކުޅުންތެރިންގެ ފަރާތުން އިވޭ ވާހަކަތަކަށް ބަލާއިރު، އެކަން ހުއްޓުވަން ޔުއެފާ އަށް އޮތީ އެކަށީގެންވާ މަސައްކަތެއް ނުކުރެވި އެވެ.

"ވަރަށް ގިނަ ކެމްޕެއިންތައް (ބްލެކް ލައިވްސް މެޓާ ވެސް) ފެނިއްޖެ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް. އެކަމަކު ބޭނުންވާ ހިސާބަކަށް އަމަލީ ސިފައެއް ނުފެނޭ،" ދާދި ފަހުން ފްރާންސްގެ ޕީއެސްޖީ އަށް ސޮއިކުރި ވައިނަލްޑަމް ބުންޏެވެ.

ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ފީފާ އިން ވަނީ މީގެ ހަތަރު އަހަރު ކުރިން "ތުރީ ސްޓެޕް ޕްރޮސީޖާ" އެއް ފަށައިފަ އެވެ. އެއީ މެޗުތަކުގެ ތެރެއިން ނަސްލީ ތަފާތުކުރުުމުގެ ކަންތައްތައް ހުއްޓުވަން އަމަލުކުރާނެ ތިން ގޮތެކެވެ. ފީފާ އިން 2017 ވަނަ އަހަރުގެ ކޮންފަޑެރޭޝަން ކަޕުން ފެށިގެން އަންނަނީ އެ އިދާރާ އިން ބާއްވާ މުބާރާތްތަކުގައި އެ އުސޫލު ދަމަހައްޓަމުންނެވެ. ޔުއެފާ އިން ވެސް އެ އަށް ތާއީދުކުރެ އެވެ.

އެ ގޮތުން ނަސްލީ ތަފާތުކުރުމުގެ ކަމެއް މެޗެއްގެ ތެރެއިން ހިނގާ ނަމަ ފުރަތަމަ ކަމަކަށް، މެޗު ހުއްޓާލުމަށް ފަހު ދެން އޮންނާނީ ދަނޑަށް ވަދެ ތިބި ސަޕޯޓަރުން އެކަން ހުއްޓަން ސްޓޭޑިއަމްގެ އެނައުންސްކުރާ މީހާ މެދުވެރިކޮށް ނަސޭހަތްތެރިވުމެވެ. ދެ ވަނަ އަށް، ވަގުތީ ގޮތުން މެޗު ސަސްޕެންޑް ކުރުމެވެ. އެ ވަރުން ވެސް ހާލަތު ކޮންޓްރޯލް ނުވެއްޖެނަމަ ތިން ވަނަ ކަމަކަށް މެޗު އެއްކޮށް ހުއްޓާލުމެވެ.