Advertisement

އޮލިމްޕިއަން އަކަށް ވުމަކީ ކޮންމެ އެތުލީޓަކަށް ވެސް ލިބޭނެ ފަހުރެއް: ސާއިދު

25 ޖޫން 2021 - 10:19 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ސައުތު އޭޝިއަން ގޭމްސްގެ އިވެންޓެއްގެ ތެރެއިން ހަސަން ސާއިދު.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އޮލިމްޕިއަން އަކަށް ވުމަކީ ކޮންމެ އެތުލީޓަކަށް ވެސް ލިބޭނެ ފަހުރެއް: ސާއިދު

25 ޖޫން 2021 - 10:19 0

ބައިނަލްއަގުވާމީ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބި އޮލިމްޕިއަން އަކަށް ވުމަކީ ކޮންމެ އެތުލީޓަކަށް ވެސް ލިބޭނެ ފަހުރެއް ކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފި އެވެ.

އަންނަ މަހު ޖަޕާނުގެ ޓޯކިޔޯގައި ފަށާ އޮލިމްޕިކްސްގައި އެތުލެޓިކްސް އިވެންޓުގައި ވާދަކުރުމުގެ ފުރުސަތު ސާއިދަށް ލިބުނީ ޓްރަަޔަލް އިން ކުރިހޯދައިގެންނެވެ. މިއީ ސާއިދު އޮލިމްޕިކްސްގައި ވާދަކުރާނެ ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ރިއޯ އޮލިމްޕިކްސްގައި ވާދަކޮށް ސާއިދު ވަނީ ރާއްޖެ އަށް ތާރީހީ ކުރިއެރުމެއް ހޯދައިދީފަ އެވެ.

ސާއިދު "އަދަދު" އަށް ބުނީ އޮލިމްޕިކްސް އިން ފުރުސަތު ލިބުމަކީ ކޮންމެ އެތުލީޓަކަށް ވެސް ލިބޭނެ ހާއްސަ ކާމިޔާބެއް ކަމަށެވެ.

"އޮލިމްޕިއަން އަށް ވުމަކީ ކޮންމެ އެތުލީޓަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަހުރެއް. އޮލިމްޕިކްސްގައި ވާދަކުރުމަކީ ކެނޑިނޭޅި ވަރަށް ގިނަ އަހަރުތަކެއްގައި ވަރަށް ބުރަކޮށް ހިތްވަރާ އެކު ކުރެވޭ މަސައްކަތެއްގެ ނަތީޖާ،" ސާއިދު ބުންޏެވެ.

ސާއިދު ވަނީ ރިއޯ އޮލިމްޕިކްސްގެ 100 މީޓަރުގެ ދުވުމުގެ ސެމީ ފައިނަލަށް ނުހޮވުނު ނަމަވެސް ތާރީހީ ކާމިޔާބެއް ހޯދައިފަ އެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ކަމަށްވާ ސާއިދުގެ ފުރަތަމަ އޮލިމްޕިކްސްގައި އޭނާ ފުރަތަމަ ބުރުން ޖާގަ ހޯދީ، ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައިގެންނެވެ. އެ ބުރުގައި ވާދަކުރި 22 ދުވުންތެރިންގެ ސާއިދު އެއްް ވަނަ ހޯދީ 10.43 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދަކީ އަކީ އޮލިމްޕިކްސްގެ، ބުރެއްގެ އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ކުޅިވަރު ކުޅުންތެރިޔާ އެވެ. އެ ފަހަރުގެ އޮލިމްޕިކްސްގެ ފުރަތަމަ ބުރުގެ ފަސް ވަނަ ހީޓުގައި ވާދަކޮށް ސާއިދު އަށް ވަނަ އަށް ދިޔައިރު އޭނާ ރޭސް ނިންމީ 10.47 ސިކުންތުންނެވެ. ރަނގަޅު ވަނައެއްގައި ނުނިންމުނީތީވެ ސާއިދު ސެމީ ފައިނަލަށް ނުހޮވުނެވެ.

ސާއިދު ހުރީ އަންނަ މަހު ފަށާ އޮލިމްޕިކްސްއާ ކުރިމަތިލާއިރު ވެސް ވަރުގަދަ އަޒުމެއްގަ އެވެ.

"އުއްމީދުކުރަނީ ކާމިޔާބީއާ ހަމަ އަށް ވާސިލްވުމަށް،" ސާއިދު ބުންޏެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު ޓޯކިޔޯގައި ފަށާ އޮލިމްޕިކްސް އިން ރާއްޖެ ވާދަކުރަނީ އެތުލެޓިކްސްގެ އިތުރުން ސްވިމިން އާއި ބެޑްމިންޓަން އިވެންޓްގަ އެވެ.

ސްވިމިން އިން އޮލިމްޕިކްސްގެ އިވެންޓްގައި ބައިވެރިވާނީ އައިޝަތު ޝައުސަން އާއި އަލީ އިމްއާން އެވެ. އަދި ބެޑްމިންޓަން އިން އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ ބައިނަލްއަގުވާމީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފާތިމަތު ނަބާހާ އަށެވެ. ނަބާހާ އަކީ އޮލިމްޕިކްސްގައި ވާދަކުރާ ދިވެހި ދެ ވަނަ ކުޅުންތެރިޔާ އެވެ. އަދި ފުރަތަމަ އަންހެން ކުޅުންތެރިޔާ ވެސް މެ އެވެ.