Advertisement

ޕޮލެންޑާ ވެސް އެއްވަރުވެ ސްޕެއިނަށް ހާސްކަން

20 ޖޫން 2021 - 01:54 0


ޕޮލެންޑާ ވެސް އެއްވަރުވެ ސްޕެއިނަށް ހާސްކަން

20 ޖޫން 2021 - 01:54 0

ސެވިލް، ސްޕެއިން (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޮލެންޑާ 1-1 އިން އެއްވަރުވެ، ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅެއް ނުލިބި ސްޕެއިނަށް އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.

މި ފަހަރުގެ މުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުން ވަނީ ލަނޑެއް ނުޖެހި ސްވިޑެންއާ އެއްވަރުވެފަ އެވެ. މިރޭގެ މެޗުން ސްޕެއިނަށް މޮޅެއް ނުލިބުނުއިރު، މިއީ 1996 ވަނަ އަހަރަށް ފަހު ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ދެ މެޗުން ސްޕެއިނަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ސްވިޑެން އެެވެ. ދެ ވަނައިގައި އޮތް ސްލޮވާކިއާ އަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ސްޕެއިން އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އެވެ. ޕޮލެންޑް ފުލުގައި އޮތީ ދެ މެޗުން އެއް ޕޮއިންޓާ އެކު އެވެ.

ދެ ވަނަ ބުރުގެ ފުރުސަތު މި ގްރޫޕްގެ ހަތަރު ޓީމަށް ވެސް އެބައޮތެވެ. ފަހު މެޗުގައި އަންނަ ބުދަ ދުވަހު ސްޕެއިން ކުޅޭނީ ސްލޮވާކިއާއާ އެވެ. އަދި ޕޮލެންޑް ބައްދަލުކުރާނީ ސްވިޑެންއާ އެވެ.

ސްޕެއިނުން މި މެޗަށް ނުކުތީ ފެރަން ޓޮރޭޒްގެ ބަދަލު ފުރަތަމަ އެގާރަ އަށް ޖެރާޑް މޮރޭނޯ ކުޅެން އަރުވައިގެންނެވެ. ކޮވިޑުން ރަނގަޅުވެގެން އެނބުރި އައި ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އިނީ ބެންޗުގަ އެވެ. މިރޭގެ މެޗަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި ޕޮލެންޑާއި ސްޕެއިންގެ ފުރަތަމަ ކުރިމަތިލުމެވެ.

މެޗުގެ ފުރަތަމަަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޕޮލެންޑްގެ މިޑްފީލްޑަރު މަޓެއުޝް ކްލިޗް އެވެ. އޭރިއާބޭރުން މެޗުގެ 21 ވަނަ މިނިޓްގައި ކްލިޗް ޖެހި ޝޮޓް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

މެޗުގެ 26 ވަނަ މިނިޓްގައި ސްޕެއިނަށް ލީޑުނަގައިދިނީ އަލްވާރޯ މޮރާޓާ އެވެ. މޮރޭނޯ ޖެހި ބޯޅައެއް އޭރިއާތެރެއިން މޮރާޓާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ފުރަތަމަ އޮފްސައިޑް ކަމަށް ބެލެވުނު ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ގޯލެއް ކަމަށް ނިންމައިފަ އެވެ.

ގޯލެއް ކަމަށް ބަލައިގަތުމާ އެކު މޮރާޓާ ވަނީ އުފާފާޅުކުރަން ގޮސް ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ގައިގައި ބައްދާލައިފަ އެވެ. އެންމެ ފަހުން ސްވިޑެން މެޗުގައި މޮރާޓާ އަތުން ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ބޭކާރުވިއިރު، މި މެޗުގައި އޭނާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދޭން އެންރީކޭ ނިންމީ މީޑިއާ އިން ފާޑުކިޔާފައިވަނިކޮށެވެ.

ޕޮލެންޑަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދޭން އެންމެ ނުރައްކާތެރި ހަމަލާތައް ފޮނުވާލީ ކެރޯލް ސްވިޑާސްކީ އާއި ޓިމޯޓެއުޒް ޕޫޗާސް އެވެ. ސްވިޑާސްކީ ޖެހި ބޯޅަ ހުރަސްދަނޑި މަތިން ދިޔައިރު، ޕޫޗާސް ޖެހި ޝޮޓް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނަށް ލީޑުފުޅާކޮށްދޭން މޮރޭނޯ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. މިއީ ޖޯޑީ އަލްބާ ހުރަސްކުރި ބޯޅައަކުން މޮރޭނޯ ޖެހި ޝޮޓެކެވެ.

ލަނޑު ޖެހުމަށް ފަހު ޕޮލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.


ދެ ވަނަ ހާފްގައި ކުޅެން އަރައި ނަތީޖާ ހަމަހަަމަކުރަން ޕޮލެންޑުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 54 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ރޮބަޓް ލެވަންޑޯސްކީ ވަނީ ބޮލުން ގޯލެއް ޖަހައި ޕޮލެންޑަށް އެއްވަރުކޮށްދީފަ އެވެ. މި ގޯލާ އެކު ލެވަންޑޯސްކީ ވެފައިވަނީ ޔޫރޯގެ ތިން މުބާރާތެއްގައި ލަނޑު ޖެހި ޕޮލެންޑްގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އޭގެ ހަތަރު މިނިޓް ފަހުން ސްޕެއިނަށް އަލުން ލީޑުނަގައިދޭން މޮރޭނޯ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 58 ވަނަ މިނިޓްގައި މޮރޭނޯ ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ރީބައުންސްވެގެން އައި ބޯޅަ މޮރާޓާ ފޮނުވާލި ނަމަވެސް ދިޔައީ ބޭރުންނެވެ. މިއީ މޮރޭނޯ އަށް ކުރި ފައުލަކަށް ވީއޭއާރް އިން ބެލުމަށް ފަހު ދިން ޕެނަލްޓީ އެކެވެ.

ބަދަލުތަކެއް ގެނެސްގެން ސްޕެއިނުން ލަނޑެއް ޖަަހަން ކުރި މަސައްކަތުގެ ތެރެއިން މެޗުގެ 71 ވަނަ މިނިޓްގައި ފެރަން ޓޮރޭޒް ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިންނެވެ. އޭގެ ފަހުން ޕެޑްރީ ގޮންޒާލޭޒް ދިން ބޯޅައަކުން ރޮޑްރީގޯ (ރޮޑްރީ) ޖެހި ޝޮޓް އަމާޒުވީ ޕޮޮލެންޑްގެ ގޯލްކީޕަރު ވޮޒްޝިއޭ ޝެޒްނީ އަތަށެވެ. ފަހުން މޮރާޓާ ކުޑައޭރިއާތެރެއިން ޖެހި ބޯޅަ ވެސް ކީޕަރު ޝެޒްނީ ހުއްޓުވި އެވެ.

މި މެޗުގައި ކުޅެން އެރި ޕޮލެންޑްގެ ކެސްޕާ ކޮޒްލޯސްކީ އަކީ ޔޫރޯގެ ތާރީހުގައި މި މުބާރާތުގެ މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މިރޭގެ މެޗުގައި ކުޅެންއެރިިއިރު، އޭނާގެ އުމުރަކީ 17 އަހަރާއި 246 ދުވަހެވެ. ކުރިން އެ ރެކޯޑް އޮތީ މި މުބާރާތުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަތުގަ އެވެ. އޭނާގެ އެ މެޗުގައި ކުޅުނުއިރި ބެލިންހަމްގެ އުމުރަކީ 17 އަހަރާއި 349 ދުވަހެވެ.