16 ޖޫން 2021 - 10:42 2
އިބްރާހީމް އަންޒަރު އަބޫބަކުރު
އާރޓްވޯކް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު
16 ޖޫން 2021 - 10:42 2
ވިސްނުން ތޫނުވުން ނުވަތަ އިލްމާއި ހުނަރު ހަލުވިކަމާއި އެކު ދަސްކޮށް އޭގެ ބޭނުން ހިފަން އެނގުމަކީ ކުޑަ ނިއުމަތެއް ނޫނެވެ. ﷲ އަށް ހަމްދުކުރަން ޖެހޭ ކަމެކެވެ. ވިސްނުންތޫނު މީހުންނަށް ޅައުމުރުން ފެށިގެން ކުލާހުގައި ކިޔެވުމުގައި މަތީ ވަނަތައް ލިބިދާނެ އެވެ. ވަޒީފާގެ ކުރިއެރުން ލިބިދާނެ އެވެ. ފަހަރެއްގައި އަމިއްލަ މަސައްކަތުން ފައިސާވެރި މީހަކަށް ވެސް ވެވިދާނެ އެވެ. ނަމަވެސް ވިސްނުން ތޫނުވުމުގެ ސައިޑް އެފެކްޓްސް ވެސް ހުރެ އެވެ. ވިސްނުންތޫނު ނޫން މީހުންނަށްވުރެ ވިސްނުން ތޫނު މީހުންނަށް ދިމާވާ އުނދަގޫތައް މާގިނަ އެވެ.
އެމެރިކާގެ ސްޕިޓްޒާ ކޮލެޖްގެ ރިސާޗަ ރޫތު ކާރޕިންސްކީގެ ޓީމުން ކުރި ދިރާސާއިން ދައްކާ ގޮތުގައި އާދަޔާ ހިލާފަށް ވިސްނުންތޫނު މީހުންނަށް ނަފްސާނީ މައްސަލަ ދިމާވާ ނިސްބަތް އެހެން މީހުންނަށް ވުރެ އިތުރެވެ. ވިސްނުން ތޫނުކަން ދެނެގަތުމަށް ހަދާ ޓެސްޓެއް ކަމަށްވާ އައިކިއު ޓެސްޓުން 98 ޕަސެންޓް މީހުންނަށް ވުރެ މަތިން ސްކޯރ ލިބިފައިވާ 3715 މީހުން ބައިވެރިކޮށްގެން ހެދި މިދިރާސާއިން ދައްކާ ގޮތުގައި މޫޑަށް އަސަރުކުރާ ނަފްސާނީ ބަލީގެ ތެރޭގައި ހިމެނޭ ޑިޕްރެޝަން އަދި ބައިޕޯލާ ޑިސްއޯޑާގެ އިތުރުން ކަންކަމާ ހާސްވެ ކަންބޮޑުވާން މެދުވެރިވާ ނަފްސާނީ ބަލީގެ ތެރޭގައި ހިމެނޭ އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ، ޖެނަރައިޒްޑް އެންޒައިޓީ އަދި ސޯޝަލް އެންޒައިޓީ ޑިސްއޯޑާ އެހެން މީހުންނާ އަޅާބަލާއިރު މި ދިރާސާގެ ބައިވެރިންގެ ތެރޭގައި އިތުރެވެ. ހަމަ މި ދިރާސާއިން ދައްކާ ގޮތުގައި އެލާޖިކްވުމުގެ މައްސަލަވެސް ދިރާސާގެ ބައިވެރިންގެ ތެރޭގައި އަދަދުގެ ގޮތުން މައްޗެވެ.
މީގެ ސަބަބު ބުނެދޭން ރިސާޗަ ރޫތު ކާޕިންސްކީ ހުށައަޅަނީ ހައިޕަ ބޮޑީ ހައިޕަ ބްރެއިން ތިއަރީ އެވެ. ހައިޕަ ބޮޑީ ހައިޕަ ބްރެއިން ތިއަރީ ބުނާ ގޮތުގައި އާދަޔާ ހިލާފަށް ވިސްނުންތޫނު މީހުން އެހެން މީހުންނަށް ވުރެ ގިނައިން ކަންކަމާ ވިސްނާ ކަންބޮޑުވުމުގެ ފުރުސަތު ބޮޑެވެ. ކަމެއް ގޯހުން ގޮސްފާނެކަމަށް ވިސްނުމުގައި، އާދައިގެ މީހަކަށް ހިތަށް ނާރާނެ ދިހަ ބާރަ ގޮތަށް އެކަން ފާލުން ނެއްޓިދާނެ ގޮތްތައް ވިސްނުންތޫނު މީހަކު ހިތަށް އަރާފާނެ އެވެ. ކުރުކޮށް ބުނާނަމަ ކަންކަމާ ކަންބޮޑުވާން ވެސް ވިސްނުން ތޫނު މީހުން މޮޅީ އެވެ. ދިމާވާ ކަމަކާ ނުވަތަ މީހަކު ބުނާ އެއްޗަކާ ދޭތެރޭ މާ ބޮޑަށް ވިސްނާ އެނަލައިޒް ކޮށްފާނެ އެވެ. މީގެ ސަބަބުން ކަންކަމާ ހާސްވުމާއި ކަންބޮޑުވުމުގެ މައްސަލަ އާއީ ޑިޕްރެޝަން ކުރިމަތިވުމުގެ ފުރުސަތު ބޮޑުވަނީ އެވެ.
ހައިޕަ ބޮޑީ ހައިޕަ ބްރެއިން ތިއަރީ ބުނާ ގޮތުގައި އާދަޔާ ހިލާފަށް ވިސްނުން ތޫނު މީހުންނަށް އެހެން މީހުންނަށް އުނދަގުލަކަށް ނުވާ ކުދިކުދި ކަންކަމާ ހެދި އުނދަގޫވުމުގެ ފުރުސަތުވެސް ބޮޑެވެ. މިސާލަކަށް އެހެން މީހުންނަށް މާބޮޑު އުނދަގުލަކަށް ނުވާނެ އަޑެއް ނުވަތަ ގަމީހު ގިރުވާނު އެތެރެފުށުގައި އިންނަ ލޭބަލްގެ ސަބަބުންވެސް ވިސްނުންތޫނު މީހަކަށް އުނދަގޫ ވެދާނެ އެވެ. ކުދިކުދި ކަންކަމާ މާގިނައިން އުނދަގޫވެ ސްޓްރެސްވުމުގެ ސަބަބުން ދިފާއީ ނިޒާމަށް އަސަރުކޮށް އެލާޖިކްވުން ފަދަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު ބޮޑުވަނީ އެވެ.
ހައިޕަ ބޮޑީ ހައިޕަ ބްރެއިން ތިއަރީ އަދި އޮތީ ހަމައެކަނި ތިއަރީއެއްގެ ގޮތުގަ އެވެ. މިކަމާ ގުޅުން ހުރި ރިސާޗްތައް އަދިވެސް ދަނީ ކުރިއަށެވެ. ވިސްނުންތޫނު މީހުންނަށް ނަފްސާނީ މައްސަލަ ދިމާވުމުގެ ފުރުސަތު އިތުރުވާ އެހެން ސަބަބުތައް ވެސް ހުރެދާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. މިސާލަކަށް އެހެން މީހުންނާ އަޅާބަލާ އިރު ވިސްނުންތޫނު މީހުން ކުޅިވަރު ކުޅުމާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކުރާވަރު މަދުވުން ސަބަބަކަށް ވެދާނެ އެވެ. ކުޅިވަރު ކުޅުމާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކުރުމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ފައިދާ ހުރި ކަންކަމެވެ. ސައިކޮލޮޖީ ޓުޑޭއަށް ޑޮކްޓަ އެންޖެލާ ޓްރޯޔަ ލިޔުއްވާފައި އާޓިކަލް އެއްގައި ބުނެފައިވާ ގޮތުގައި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމާއި އަނެކުންނާ ގުޅުން ބޭއްވުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ ސިކުނޑީގެ ސިއްހަތު ރަނގަޅުވާ ކަމެކެވެ.
ވިސްނުންތޫނު މީހުންނަށް ނަފްސާނީ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވުމުގެ މާނަ އަކީ ނަފްސާނީ ބަލި ޖެހެނީ ހަމައެކަނި ވިސްނުންތޫނު މީހުންނަށޭ ނޫނީ ވިސްނުންތޫނު ކޮންމެ މީހަކަށް ޔަގީނުން ވެސް ނަފްސާނީ ބަލި ޖެހޭނެއެކޭ ނޫނެވެ. އަދި ނަފްސާނީ ބަލިހުންނަ ކޮންމެ މީހަކީ ވިސްނުންތޫނު މީހެކޭއެއްވެސް ނޫނެވެ. ނަފްސާނީ ބަލި ޖެހުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި އުޅުމުގެ އާދަތައް ބެހެއްޓޭ ގޮތާއި ދިރިއުޅޭ މާހައުލާއި ދިރިއުޅުމުގައި ދިމާވާ ކަންތައްތައް އަދި އާއިލާގައި ނަފްސާނީ ބަލި ވާރުތަކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ތިބާގެ ދަރިފުޅަކީ ވަރަށް ތޫނުފިލި ވިސްނުންތޫނު ކުއްޖެއްނަމަ ވަރަށް ގިނަ ވަގުތު ކިޔެވުމާއި ފޮތް ކިޔުމުގައި ހޭދަ ކޮށްފާނެ އެވެ. ކިޔެވުމާއި ފޮތް ކިޔުމަކީ ފައިދާހުރި ކަމެއް ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް ރައްޓެހިންނާއެކު ހޭދަކުރާ ވަގުތު ވަރަށް މަދުވެފައި އެހެން ކުދިންނާ ވާހަކަ ދައްކަން މާބޮޑަށް ޖެހިލުންވާނަމަ އެއީ ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. މާގިނަ ވަގުތު މީހުންނާ އެކަހެރިވެގެން ފޮތް ކިޔުން ފަދަ ކަންކަމުގައި ހޭދަ ކުރާނަމަ އެއީ މީހުންނާ މުއާމަލާތް ކުރުމާއި ރަހުމަތްތެރިކަން ބޭއްވުން ނުވަތަ އެހެން ގޮތަކަށް ބުނާނަމަ އިޖުތިމާއީ ހުނަރު ދަސްކުރުމަށް ހުރަސް އެޅޭނެ ކަމެކެވެ. ކޮންމެ މީހަކުވެސް އެންމެ އަވަހަށް ކަންކަން ދަސްކޮށް ވިސްނުމަށް ނަގައިގަންނަނީ ޅަ އުމުރުގަ އެވެ. ކިޔެވުމާއި ފޮތް ކިޔުމުގެ އިތުރުން ރައްޓެހިންނާއެކު ވަގުތު ހޭދަ ކުރުމާއި ކުޅިވަރު ކުޅުން ފަދަ ކަންކަމަށްވެސް ބާރުއަޅާ ހިތްވަރުދީ އެފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ ކުއްޖާއަށް ފައިދާ ކުރާނެ ކަމެކެވެ. އެހެން މީހުންނާ ގުޅުން ބޭއްވުމާއި އެކުވެރިކަމަށް ބޭނުންވުމަކީ އިންސާނުންގެ ތޮބީއީ ސިފައެކެވެ.
ތިމާގެ ދަރިފުޅަކީ އަބަދު ކިޔެވުމުގައި އުޅޭ ވަރަށް ބަސް އަހާ ރަނގަޅު ކުއްޖެކޭ ބުނެ ހިތް ހަމަ ޖައްސާލުމަކީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކިޔެވުމުގައި ވަގުތު ހޭދަ ކުރާވަރާއި ރައްޓެހިންނާއެކު ވަގުތު ހޭދަ ކުރާވަރުގެ ބެލެންސް ގެއްލި ދެކަމުން ކުރެ އެއް ކަމެއްގައި މާގިނަ ވަގުތު ހޭދަ ކުރާނަމަ އޯގަތެރިކަމާ އެކު ނަސޭހަތް ދީ އެކަން ރަނގަޅުކުރަން އެހީވުން އެއީ ކުދިން ތަރުބިއްޔަތު ކުރާ މީހާގެ ޒިންމާއެކެވެ.
ހަމައެކަނި ފޮތްކިޔައިގެން ދިރިއުޅުމާބެހޭގޮތުން އަދި ވަކީން ހާއްސަކޮށް ރާއްޖޭގެ މީހުންގެ ދިރިއުޅުމާއި އާދަކާދަ ދެނެގަނެވޭނީ ވަރަށް ކުޑަކޮށެވެ. ރާއްޖެއަކީ ފާޑެއްގެ ތަނެކެވެ. އެހެން ގައުމުތަކުގައި މީހުން ގަބޫލުކުރާ ހަމަތައް ނޫނިއްޔާ ވެލިޔުޒް އަކީ ސިއްރެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ މީހުން އެންމެ ރަނގަޅު ކަމަށް ގަބޫލުކުރާ ގޮތް ނުވަތަ އުޅުން ބަހައްޓަން ޖެހޭނެކަމަށް ދުލުން ބުނާ ގޮތާ އަސްލު މީހުން އަމަލުކުރާ ހަމަތައް ނުވަތަ ހުރަސްކޮށްގެން ނުވާނެ ރަތްރޮނގުތައް ހިމެނޭ ވެލިޔުޒް ތަފާތެވެ. ހެއްވާ ކަމަކީ މިވެލިޔުޒްއަކީ ރަނގަޅު ހަމައެކޭ ބުނާ މީހާ ހޫނުފެނަށް ވެއްޓޭ ކަމެވެ. ނަމަވެސް މި ވެލިޔުޒްއާ އާދަކާދައާ އެއްގޮތަށް ނޫޅޭ މީހުން ބާކީވެ އެކަނިވެރި ވާކަމަކީ ވެސް ހަގީގަތެކެވެ. މިބުނަނީ ވަކި ގޮތަކަށް އުޅޭށެކޭ ނޫނެވެ. އަހަރެންގެ ނުކުތާއަކީ މީހުން އަސްލު އުޅޭ ގޮތް އެނގި ދަސްވަނީ މީހުންގެ ތެރޭގައި އުޅުނީމައެވެ. ފޮތުން ކީމާ ފެންނާނީ އެހެން މަންޒަރެކެވެ.
ކުޑަ ކުއްޖަކު ރައްޓެހިންނާއެކު ވަގުތު ހޭދަ ނުކޮށް އަބަދު ގޭގައި ވަގުތު ހޭދަ ކުރުމުން އިޖުތިމާއީ ހުނަރު ތަރައްގީވުމަށް ހުރަސް އެޅި ލިބިދާނެ ގެއްލުމަކާ ދޭތެރޭ ދަރިން ތިބި ނަމަ ވިސްނާލުން ރަނގަޅެވެ. ހަމަ އެކަނި އުމުރުން މަތިވެގެން މީހުންނާ މުއާމަލާތް ކުރުމާއި ގުޅުން ބޭއްވުމުގެ ހުނަރެއް ނުލިބޭނެ އެވެ. އުމުރުން މަތިވާ ވަރަކަށް އެ ހުނަރާއި ހަރުދަނާކަން އަންނަނީ ތަޖުރިބާ ލިބުމުގެ ސަބަބުންނެވެ. ކުއްޖާގެ އުމުރާ ގުޅޭ ގޮތަށް އުމުރުން މަތިވި ވަރަކަށް ދިރިއުޅުމުގެ ތަޖުރިބާތައް ކުރުމުގެ ފުރުސަތު ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ. އެންމެ ބޮލަށް ފަސޭހަ ގޮތަކީ ދަރިފުޅުގެ މުސްތަގުބަލަށް އެންމެ އެންމެ ފައިދާ ހުރި ގޮތަށް ކޮންމެ ފަހަރަކު ނުވެދާނެ އެވެ.
ދިރިއުޅުމާ މެދު ކުރާ އުންމީދުތައް މާ މަތިވުމާއި އާއިލާގެ ފަރާތުން ކާމިޔާބު މީހަކަށް ވުމަށް މާބޮޑަށް ޕުރެޝަރު އައުމާއި ދިރިއުޅުމުގައި ހާސިލް ކުރެވިފައިވާ މިންވަރާ މެދު ހިތްހަމަ ނުޖެހުމަކީވެސް ވިސްނުން ތޫނު މީހުންނަށް އެހެން މީހުންނަށް ވުރެ ފަސޭހައިން ދިމާވެދާނެ ކަމެކެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އާއިލާއާއި ރައްޓެހިންނާއެކު އުޅެލަން ލިބުމަކީ ކުޑަ ކާމީޔާބީއެއް ނޫންކަން ހަނދާން ބެހެއްޓުން މުހިންމެވެ. ހުރިހާ ވަގުތަކާއި ހަކަތައެއް ކެރިއަރާއި ވަޒީފާއަށް ހުސްކޮށްލުމުގެ ކުރިން ވިސްނާލުން ރަނގަޅެވެ.
ދުނިޔޭގެ ތާރީހަށް ބަލާއިރު އެންމެ ވިސްނުން ތޫނުމީހުންގެ ތެރެއިން ވެސް، އެންމެ ގިނަ އީޖާދުތައް ކުރި އެކެއްގެ ގޮތުގައި ހޮވާލެވޭ ޝަހުސިއްޔަތެއްކަމުގައި ނިކޮލަސް ޓެސްލާ ވާނެއެވެ. ނިކޮލަސް ޓެސްލާ އީޖާދުކޮށްފައިވާ ތަކެތީގެ ތެރޭގައި ވަޔާލެސް ޓެކްނޮލޮޖީ އަދި މޯޓަރު ހިމެނެ އެވެ. މިއީ ނިކޮލަސް ޓެސްލާގެ އީޖާދުތަކުގެ ތެރޭން ކުޑަ މިންވަރެކެވެ. ދުނިޔޭގައި އަލަށް ކަރަންޓް ބޭނުން ކުރަން ފެށިއިރު އެ ޓެކްނޮލޮޖީ ކުރި އަރުވާ ތަރައްގީކުރުމުގައި މުހިންމު ރޯލެއް ނިކޮލަސް ޓެސްލާ ކުޅެފައިވެ އެވެ. އީޖާދުކުރުމާއި އިންޖިނިއަރެއްގެ ގޮތުގައި ނިކޮލަސް ޓެސްލާ ކިތަންމެހާވެސް ކާމިޔާބެވެ. ނަމަވެސް ނިކޮލަސް ޓެސްލާ މަރުވެ ދިޔައީ އެކަނިވެރިކަމާއި ފަގީރުކަން މަތީގަ އެވެ. ނިކޮލަސް ޓެސްލާ މަރުވި އިރު އަނތްބެއް ދަރިއެއް ނެތެވެ. ބުނެ އުޅޭ ގޮތުގައި ނިކޮލަސް ޓެސްލާއަކީ ނަފްސާނީ ބައްޔެއް ކަމަށްވާ އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާގެ ޝިކާރައެކެވެ. އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ އަކީ ހިތަށް އަރުވަން ބޭނުންނުވާ އަދި ކަންބޮޑުވެ ސްޓްރެސްވާ ކަހަލަ ހިޔާލުތައް ތަކުރާރުކޮށް ހިތަށް އަރަން މެދުވެރިވާ ބައްޔެކެވެ. ނިކޮލަސް ޓެސްލާގެ ދިރިއުޅުމުން ލިބޭ އިބުރަތަކީ މަސައްކަތުގެ ކެރިއަރުގައި ކާމިޔާބުވުމަކީ އަދި ދުނިޔޭގައި ކާމިޔާބު އުފާވެރި ދިރިއުޅުމެއް ލިބުމެއް ނޫންކަމެވެ.
ވިސްނުންތޫނު ވުމަކީ އެއީ އަދި ހުރިހާ ކަމެއް ފުރިހަމަ ވުމެއް ނޫނެވެ. މީހާގެ އަހުލާގައި މީހުންނަށް އޯގާތެރިވުމާއި އެހެން މީހުންގެ އިހުސާސްތައް އެނގުމާއި ހަމްދަރުދީވާން އެނގުމަކީ ވެސް މުހިންމު ކަމެކެވެ. ކޮންމެ މީހަކީ ވެސް އެމީހެއްގެ ގޮތުގައި ތަފާތު އަދި އަގުހުރި މީހެކެވެ. މުހިންމު މީހެކެވެ. ވިސްނުން ކޮށި މީހަކަށް ވުމަކީ އިންސާނެއްގެ ހައިސިއްޔަތުން އެމީހަކީ އަގުދަށް މީހަކަށް ވާނެ ސަބަބެއް ނޫނެވެ. އެއީ މީހެއްގެ އިންސާނީ ކަރާމާތަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫނެވެ. ވިސްނުންތޫނުމީހުން ފާހަގަކުރެވެނީ އެހެން މީހުންގެ ހުރި ރަނގަޅު ސިފަތަކާއި ގާބިލުކަން އަދި ތިމާގެ ހުރި އުނިކަންތައްތަކާއި ބަލިފައިތައް ވަކިކުރަން އެނގޭ ހިތްތިރި ބައެއްގެ ގޮތުގަ އެވެ.
Comment