Advertisement

އާނައޮޓޮވިޗަށް ހަރުކަށި އަދަބެއް ދޭން ނޯތު މެސެޑޯނިއާ އިން ގޮވާލައިފި

15 ޖޫން 2021 - 18:30 0

ލަނޑު ޖެހުމަށް ފަހު އާނައޮޓޮވިޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


އާނައޮޓޮވިޗަށް ހަރުކަށި އަދަބެއް ދޭން ނޯތު މެސެޑޯނިއާ އިން ގޮވާލައިފި

15 ޖޫން 2021 - 18:30 0

ބުކަރެސްޓް (ޖޫން 15) - އޮސްޓްރިއާގެ ފޯވާޑް މާކޯ އާނައޮޓޮވިޗް ލަނޑު ޖެހުމަށް ފަހު ނޯތު މެސެޑޯނިއާގެ ކުޅުންތެރިންނާ ނަަސްލީ ގޮތުން ދިމާކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަަލަ ޔުއެފާ އިން ތަހުގީގުކުރަމުން އަންނައިރު، އެ މައްސަލައިގައި އާނައޮޓޮވިޗަށް ހަރުކަށި އަދަބެއް ދޭން ނޯތު މެސެޑޯނިއާ އިން ގޮވާލައިފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އާދިއްތަ ދުވަހުގެރޭ ނޯތު މެސެޑޯނިއާއާ ދެކޮޅަށް އުމުރުން 32 އަހަރުގެ އާނައޮޓޮވިޗް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ގޯލު ޖެހުމަށް ފަހު އާނައޮޓޮވިޗް ވަނީ ނޯތު މެސެޑޯނިއާގެ ދެ ކުޅުންތެރިންނާ ދިމާލަށް ވާހަކަތަކެއް ދައްކައިފަ އެވެ. އާނައޮޓޮވިޗް ދައްކަމުން ދިޔަ ވާހަކަތައް ހުއްޓާލަން އެންގީ އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އެވެ. އަލަބާ އައިސް ހިފެހެއްޓީ އާނައޮޓޮވިޗްގެ އަނގައިގަ އެވެ.

އާނައޮޓޮވިޗްގެ އެ ވާހަކަތައް އަމާޒުކުރީ ނޯތު މެސެޑޯނިއާގެ ދެ ކުޅުންތެރިން ކަމަށްވާ އެގްޒޯން ބެއިޓުލާއި އާއި ޖާނީ އަލިއޯސްކީއާ ދިމާލަށެެވެ. އެ ދެ ކުޅުންތެރިންނަކީ ނޯތު މެސޯނިއާ އަށް ކުޅުނު ނަމަވެސް އަލްބޭނިއާ ދަރިކޮޅަށް ނިސްބަތްވާ ބައެކެވެ. އާނައޮޓޮވިޗްގެ އާއިލާގެ ބޮޑުބައި ނިސްބަތްވަނީ ސާބިއާ އަށެވެ. ސާބިއާ އާއި އަލްބޭނިއާ އަދި ނޯތު މެސެޑޯނިއާ އަކީ ގިނަ ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ގައުމުތަކެކެވެ.

ނަސްލީ ގޮތުން ދިމާކުރީ ކަމަށް ބުނެ ގިނަ ސަޕޯޓަރުން ޝުއޫރު ފާޅުކުރަން ފެށުމާ އެކު ރޭ އާނައޮޓޮވިޗް ވަނީ މައާފަށް އެދި އޭނާ އަކީ ނަސްލީ ތަފާތުކުރާ މީހެއް ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު ޔުއެފާ އިން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ.

ނޯތު މެސެޑޯނިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިއޯސްކީއާ ދިމާލަށް އާނައޮޓޮވިޗް ދެއްކި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. އަދި ޔުއެފާ އަށް ނޯތު މެސެޑޯނިއާގެ ފަރާތުން ފޮނުވި ސިޓީގައިވާނީ އާނައޮޓޮވިޗަށް މި ކަމުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް އެދިފައި ކަމަށް ނޯތު މެސެޑޯނިއާގެ ބަޔާނުގައިވެ އެވެ.

"އަހަރެމެން އަބަދުވެސް މި ފަދަ ގައުމީ ހިޔާލުތަފާތުވުން ތަކާއި ނަސްލީ ތަފާތު ކުރުންތައް ފަދަ ފުޓްބޯޅައިގެ ރޫހާ ހިލާފުކަންކަމާ ދެކޮޅަށް އަޑުއުފުލާނަން. އަހަރެމެން އަބަދުވެސް މެސެޑޯނިއާ ކުޅުންތެރިންގެ ގަދަރު ހިފަހައްޓާނަން،" ނޯތު މެސެޑޯނިއާގެ ބަޔާނުގައިވެ އެވެ.

އިނގިރޭސި، ޖަރުމަނު އަދި ޗައިނާގައި ކްލަބް ލެވަލްގައި ކުޅެފައިވާ އާނައޮޓޮވިޗާ މެދު ޔުއެފާ އިން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޔުއެފާ އިން މި މައްސަލައިގައި އާނައޮޓޮވިޗް ޖޫރިމަނާ ކުރި ނަމަވެސް އޭނާ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ކުޑަ އެވެ. ނޯތު މެސެޑޯނިއާ ސަޕޯޓަރުން އަޑުއުފުލަމުން އަންނަނީ އާނައޮޓޮވިޗަށް މަދުވެގެން އެއް މެޗުގެ ސަސްޕެންޝަނެއް ދިނުމަށެވެ. އޮސްޓްރިއާ ދެން ކުޅޭ މެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ނެދަލެންޑްސްއާ އެެވެ. އެ އަށް ފަހު ދެން އެ ގްރޫޕްގައި އޮސްޓްރިއާ ކުޅެން ޖެހޭނީ ޔޫކްރެއިނާ ދެކޮޅަށެވެ.