Advertisement

ރެއިންބޯ އެލުމިނިއަމް: ރިހިޔޫބީލްގެ ކާމިޔާބަކީ މުވައްޒަފުންގެ ހިނިތުންވުން

27 ޖޫން 2021 - 09:28 1

އަމަން ހަލީމް

އަމަން ހަލީމް

ރެއިންބޯ އެލުމިނިއަމް ފެކްޓްރީގައި ފެބްރިކޭޝަން މަސައްކަތް ކުރަނީ: މި ފެކްޓްރީގައި އެލުމިނިއަމް ފެބްރިކޭޝަންގެ ގިނަ މަސައްކަތްތަކެއް ކުރެވޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ރެއިންބޯ އެލުމިނިއަމް: ރިހިޔޫބީލްގެ ކާމިޔާބަކީ މުވައްޒަފުންގެ ހިނިތުންވުން

27 ޖޫން 2021 - 09:28 1

ވިޔަފާރިއެއް ކުރިއެރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ އެ ވިޔަފާރިއެއްގައި ހަރަކާތްތެރިވާ އިންސާނީ ވަސީީލަތްތަކެވެ. ކާމިޔާބު ކޮންމެ ވިޔަފާރިވެރިއަކު މިކަމަށް ހެކިވާނެ އެވެ. ކަސްޓަމަރުންނާ ހަމައަށް ހިދުމަތް ފޯރުކޮށްދޭން ތިބޭ ބަޔަކީ މުވައްޒަފުން ކަމުގައި ވާތީ، މުވައްޒަފުންގެ ކުރިއެރުމާއި ކާމިޔާބީ އޮންނަނީ ވިޔަފާރީގެ މުސްތަގުބަލާއި ކުރިއެރުމާ ގުޅިފަ އެވެ.

ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު އެއް އަމިއްލަ ވިޔަފާރި ކުންފުނި، ރެއިންބޯ އެލުމިނިއަމްގެ ކާމިޔާބީއަކީ ވެސް އެ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާ ގުޅިފައިވާ ކާމިޔާބެކެވެ. މީގެ 25 އަހަރު ކުރިން ހިދުމަތް ދޭން ފެށި ރެއިންބޯ އެލުމިނިއަމްއިން ގަބޫލުކުރާ ގޮތުގައި އެ ކުންފުނިން ހިދުމަތުގައި ފުރިހަމަކުރި ކާމިޔާބު ރިހިޔޫބީލަކީ މުވައްޒަފުންނަކީ އެންމެ ބޮޑު ރައުސުލްމާލު ކަމުގައި ދެކިގެން ކުރި މަސައްކަތުގެ ނަތީޖާ އެވެ.

ކުޑަ ވޯކްޝޮޕަކުން ފެށި މަސައްކަތް ފުޅާވެގެން އައިސް މިއަދު ފެކްޓްރީއެއް ހުރޭ

ކުންފުނީގެ މަސައްކަތް ފެށުނު ގޮތާ ގުޅޭގޮތުން ރެއިންބޯ އެލުމިނިއަމްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ތައުފީގް ވިދާޅުވީ، އެލުމިނިއަމް ވިޔަފާރިއަށް އެންމެ ފުރަތަމަ ނިކުތީ މިހާރު ގެންގުޅޭ ޕްރޮޑަކްޓްތައް އެތެރެކޮށްގެން ކަމަށެވެ. ނަމަވެސް އޭރުވެސް ރާއްޖޭގައި އެލުމިނިއަމް ޕްރޮޑަކްޓްތައް ފެބްރިކޭޓްކޮށްގެން ސަޕްލައިކުރުމުގެ މުސްތަގުބަލެއް އޮތް ކަމަށް މެނޭޖްމަންޓަށް ގަބޫލުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ރެއިންބޯ އެލުމިނިއަމްއިން އެންމެ ފުރަތަމަ މަސައްކަތް ފެށީ މާފަންނު ކޮޅުގައި ހުންނަ ކުޑަކުޑަ ވޯކްޝޮޕެއްގަ އެވެ. އެންމެ ފަސް ސްޓާފުން ގޮވައިގެން ފެށި މަސައްކަތް ފުޅާވަމުން ގޮސް މިހާރު ފެބްރިކޭޝަން މަސައްކަތުގައި އެކަނިވެސް 80 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރި ވެ އެވެ.

މި ވިޔަފާރީގެ ކާމިޔާބު ދަތުރުގެ އެންމެ ފުރަތަމަ 15 އަހަރު ކަޑައްތުކުރީ ހުސް ދިވެހި މުވައްޒަފުން ގޮވައިގެންނެވެ. މިހާރު ކޮންމެވެސް ވަރަކަށް ބިދޭސީ މުވައްޒަފުން ހަރަކާތްތެރިވި ނަމަވެސް އަދިވެސް މައިގަނޑު ހުރިހާ މަސައްކަތެއްގައި އުޅެނީ ދިވެހިންނެވެ.

ރެއިންބޯ އެލްމިނިއަމް ފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފުން-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ރެއިންބޯ އެލުމިނިއަމްގެ މަސައްކަތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޝާމިލުވީ މީހެއްގެ ހައިސިއްޔަތުން ސީނިއާ ވޯކްޝޮޕް މެނޭޖަރު މުހައްމަދު އަލީ މަނިކު ބުނީ އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު ވޯކްޝޮޕްގައި ކުރަނީ އެލުމިނިއަމް ދޮރާއި ދޮރުފަތް ޖެހުމުގެ މަސައްކަތް ކަމަށެވެ. އެކަމަކު މިހާރު ރެއިންބޯ އެލުމިނިއަމްގެ ޕްރޮޑަކްޓް ލައިން ފުޅާވަމުން އައިސް ފަސާޑް އާއި ކްލެޑިން އާއި ރެއިލިންގެ އިތުރުން އެލުމިނިއަމްއާ ގުޅުންހުރި ތަފާތު އެކި ހިދުމަތްތައް ލިބޭ ކަމަށް ބުންޏެވެ.

ރެއިންބޯ އެލުމިނިއަމްއިން އެލުމިނިއަމް ފެބްރިކޭޝަން މަސައްކަތްތައް ކުރަމުން އަންނަނީ ހުޅުމާލޭގައި 2017 ވަނަ އަހަރު އެ ކުންފުނިން ހުޅުވި ފެކްޓްރީގަ އެވެ. މިއީ ރާއްޖޭގެ އެއް ނަމްބަރު ފެބްރިކޭޓަޑް އެލުމިނިއަމް ސަޕްލަޔަރުގެ ގޮތުގައި ރެއިންބޯ އެލުމިނިއަމްއިން ދަމަހައްޓަމުން އަންނަ މަގާމަށް ވާސިލުވާން ހާސިލުކުރެވުނު އެންމެ ބޮޑު އެއް ލަނޑުދަނޑި އެވެ.

ރެއިންބޯ އެލުމިނިއަމްގެ މެނޭޖްމަންޓުން ގަބޫލުކުރާ ގޮތުގައި އެ ހުރިހާ ކަމެއްގެ ތައުރީފެއް ހައްގުވަނީ އެ ކުންފުނީގެ އެހާރާއި މިހާރުގެ ވަފާތެރި މުވައްޒަފުންނަށެވެ.

ރެއިންބޯ އެލުމިނިއަމް ބިނާކުރި މުވައްޒަފުންގެ ހިތްހަމަޖެހުން ހޯދައިގެން

ރެއިންބޯ އެލުމިނިއަމްއިން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް އަބަދުވެސް ދޭ އެއްކަމަކީ ކުންފުނީގެ މުވައްޒަފުންގެ ހިތްހަމަޖެހުމެވެ. އަދި ކުންފުނީގެ މެނޭޖްމަންޓުން އަބަދު ވެސް ބަލަނީ މުވައްޒަފުންނަށް ކަމޭހިތަައިގެން މުވައްޒަފުންގެ މަސައްކަތްތައް ރަނގަޅުވާނެ ކަމަށެވެ. އެ ވިސްނުމުގައި ކުރި މަސައްކަތުގެ ނަތީޖާ ކިތަންމެހާ ވެސް ފޮނިކަމަށް މެނޭޖްމަންޓުން ގަބޫލުކުރެ އެވެ.

ތައުފީގް ވިދާޅުވީ ކުންފުނިން މުވައްޒަފުންނަށް ވިސްނައިގެން ކުރިޔަށް ދިޔުމުގެ ސަބަބުން ރެއިންބޯ އެލުމިނިއަމްގެ މުވައްޒަފުންނަކީ ހިތްހަމަޖެހިގެން މަސައްކަތް ކުރާ ބަޔަކަށް ހެދިފައިވާ ކަމަށެވެ.

މިކަމުގެ މިސާލެއް އޭނާ ނެންގެވީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ކުންފުނިން މުވައްޒަފުންގެ މުސާރަ ދިނުމުގައި އަމަލު ކުރި ގޮތެވެ. ބަލިމަޑުކަމުގެ ތެރޭގައި ލޮކްޑައުންކޮށްގެން މަސައްކަތްތައް ހުއްޓާލި ނަމަވެސް ކުންފުނިން ވަނީ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދީފަ އެވެ. ރެއިންބޯއަކީ އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން މިހެން އަމަލުކުރި މަދު ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ. މިއީ މުވައްޒަފުންނަށްޓަކައި ކުންފުނީގެ މެނޭޖްމަންޓުން އެހެން ވިޔަފާރިތަކަށް ދެއްކި ފުރިހަމަ ނަމޫނާއެކެވެ.

ރެއިންބޯ އެލުމިނިއަމްގެ 25 އަހަރުގެ ތާރީހުގައި ކުންފުނީގައި ހުރި މުވައްޒަފެއްގެ ހައިސިއްޔަތުން މަނިކު މިކަންކަމަށް އެއްބަސް ވެއެވެ. މަނިކު ފަދައިން ކުންފުނީގައި 10 އަހަރާއި 15 އަހަރު މަސައްކަތްކޮށްފައިވާ އަދި ކުރަމުން އަންނަ ގިނަ މުވައްޒަފުންތަކެއް އެބަތިއްބެވެ. އަދި ކުންފުނީގެ ތެރެއިން ތަމްރީނުވެގެން މިއަދު އަމިއްލަ ވިޔަފާރިތައް ފަށައިގެން އުޅޭ ކުރީގެ މުވައްޒަފުން ތިބުމަކީ އެ ކުންފުނީގެ ކާމިޔާބިގެ ލިސްޓަށް އިތުރުވާ ބޮޅެކެވެ.

ރެއިންބޯ އެލްމިނިއަމް ފެކްޓްރީގައި އެލްމިނިއަމް ފެބްރިކޭޓް ކުރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ރެއިންބޯއިން ސްޓާފުންގެ މަންފާ އާއި ލާބައަށް ވިސްނައިގެން ތަފާތު އެކިއެކި ހަރަކާތްތައް ހިންގަ އެވެ. އަދި ކުންފުނީގެ ތެރެއިން ސްޓާފުންނަށް ބޭނުންވާ ކަންކަން ކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ވެ އެވެ. އޭގެ ތެރޭގައި ކުންފުނީގެ ތެރެއިން ލޯނު ދޫކުރުމާއި، ރެއިންބޯ ގްރޫޕުން ވިއްކާ ޕްރޮޑަކްޓްތައް ކްރެޑިޓް ސްކީމެއްގެ ތެރެއިން ދޫކުރުމާއި، މުވައްޒަފުންގެ ސޭވިން ސްކީމްގެ އިތުރުން ވިޔަފާރި ފައިދާއިން ބޯނަސް ބެހުން ފަދަ ކަންކަން ފާހަގަކުރެވެ އެވެ.

އިޖްތިމާއި ކަންކަމަށް ވެސް ހާއްސަ ސަމާލުކަމެއްދޭ ރެއިންބޯ އެލުމިނިއަމްގެ މުވައްޒަފުންނަކީ ލޭ ހަދިޔާ ކުރުމާއި ސާފުކުރުމުގެ ހަރަކާތްތަކުގައި ގަވާއިދުން ބައިވެރިވާ މުވައްޒަފުންތަކެކެވެ. އަދި ރެއިންބޯ އެލުމިނިއަމްގެ މެނޭޖްމަންޓުން ކުޅިވަރު ހަރަކާތްތަކުގައި މުވައްޒަފުން ބައިވެރިވާން ބާރުއަޅަ އެވެ. ރެއިންބޯ އެލުމިނިއަމްގެ މެނޭޖަރު އަހުމަދު މުހައްމަދު ވިދާޅުވީ ކުންފުނީގެ ވަފާތެރި މުވައްޒަފުންނަކީ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

ރެއިންބޯ އެލުމިނިއަމްއިން އެހެން ވިޔަފާރިތަކަށް ދޭން އޮތް އިރުޝާދަކީ ވެސް އެއީ އެވެ.މުވައްޒަފުންނަށް ކަމޭހިތާށެވެ. ވިޔަފާރިއެއްގެ ކާމިޔާބީ ސީދާ ގުޅިލާމެހެނީ މުވައްޒަފުންގެ ކާމިޔާބީއާ އެވެ.