Advertisement

ނޭޓޯއިން އުޅެނީ މައްސަލަ ބޮޑުކުރަން ކަމަށް ޗައިނާއިން ތުހުމަތުކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން ނޭޓޯގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ.-- ފޮޓޯ: އޭއެފްޕީ/ ބްރެންޑަން ސްމިއަލޮވްސްކީ


ނޭޓޯއިން އުޅެނީ މައްސަލަ ބޮޑުކުރަން ކަމަށް ޗައިނާއިން ތުހުމަތުކޮށްފި

ބެއިޖިން، ޗައިނާ (ޖޫން 15) - ޗައިނާގެ ފަރާތުން ނުރައްކާ އެބަ އޮތް ކަމަށް ބުނެ ނޭޓޯއިން އުޅެނީ މައްސަލަ ބޮޑު ކުރަން ކަމަށް ޗައިނާއިން ތުހުމަތުކޮށްފި އެވެ.

ނޭޓޯގެ ގައުމުތަކުން ވަނީ ޗައިނާގެ ސިޔާސަތުތަކުގެ ސަބަބުން އޮތް ނުރައްކަލާ ދެކޮޅަށް އެކުގައި މަސައްކަތް ކުރާނެ ކަމަށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ނިންމާފަ އެވެ.

ނޭޓޯގެ ލީޑަރުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ނިއުކްލިއާ ހަތިޔާރު ގިނަ ކުރަން ޗައިނާއިން ކުރާ މަސައްކަތާއި، ޖައްވީ އަދި ސައިބާ މަސައްކަތް ފުޅާކުރުމަކީ ބައިނަލްއަގްވާމީ ހަމަޖެހުމަށް އޮތް ނުރައްކާތަކެއް ކަމަށެވެ.

ޗައިނާއިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައަޅާފައި ހުންނަ މިޝަންގެ ފަރާތުން ރައްދުގައި ނެރުނު ބަޔާނެއްގައި ގޮވާލީ ޗައިނާގެ ތަރައްގީއާ މެދު ބުއްދި ބޭނުންކޮށްގެން ވިސްނުމަށެވެ.

"ޗައިނާގެ ނުރައްކާ ތިއަރީ" ކަމަށް ބުނެ ހަމަނުޖެހޭ ވާހަކަތައް ދެއްކުން ހުއްޓާލުމަށް ގޮވާލާ، ގާނޫނީ އިމުގެ ތެރެއިން ޗައިނާއިން ކުރާ މަސައްކަތް ހުއްޓުވައި ހަމަނުޖެހުން އުފައްދަން ނޫޅުމަށް ވެސް ގޮވާލި އެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ މޫސުމީ ބަދަލު ފަދަ މައްސަލަތަކުގައި ޗައިނާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެހެން ކަންކަމުގައި ޗައިނާއިން ބާރުގަދަ ކުރަން އުޅޭތީ އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޭޓޯ ބައްދަލުވުމަކީ އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑެން ވަޑައިގެންނެވި ފަހުން ބޭއްވި ނޭޓޯގެ ލީޑަރުންގެ ފުރަތަމަ ބައްދަލުވުމެވެ. ނޭޓޯއަކީ ޔޫރަޕާއި އުތުރު އެމެރިކާގެ 30 ގައުމު ހިމެނޭ އަސްކަރީ ގުޅުން ބަދަހި ކުރާ ގްރޫޕެކެވެ.