Advertisement

ނޯތު މެސެޑޯނިއާ ބަލިކޮށް އޮސްޓްރިއާ އަށް ޔޫރޯގައި މޮޅެއް

13 ޖޫން 2021 - 22:53 0

ލަނޑު ޖެހުމަށް ފަހު އޮސްޓްރިއާ ކުޅުންތެރިން އުފާފާޅުުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ނޯތު މެސެޑޯނިއާ ބަލިކޮށް އޮސްޓްރިއާ އަށް ޔޫރޯގައި މޮޅެއް

13 ޖޫން 2021 - 22:53 0

ބުކަރެސްޓް (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރި ނޯތު މެސެޑޯނިއާ 3-1 އިން ބަލިކޮށް އޮސްޓްރިއާ އިން މުބާރާތުގެ ތާރީހުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

އޮސްޓްރިއާ އިން 2008 ވަނަ އަހަރު ކޯ ހޯސްޓެއްގެ ގޮތުގައި ޔޫރޯގައި ވާދަކުރިއިރާއި 2016 ވަނަ އަހަރު ކޮލިފައިވެގެން ޔޫރޯގެ މެޗުތަކުގައި ކުޅުނު ނަމަވެސް މިހާތަނަށް މޮޅެއް ލިބިފައިނެތެވެ. ދެ މެޗުން އެއްވަރުވިއިރު، ހަތަރު މެޗުން ބަލިވީ އެވެ. އޮސްޓްރިއާ އިން ވަނީ މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ވެސް ނޯތު މެސެޑޯނިއާ ދެ ފަހަރެއްގެ މަތިން ބަލިކޮށްފަ އެވެ.

ރުމޭނިއާގެ އެރީނާ ނެޝަނަލްގައި ކުޅުނު މިރޭގެ މެޗު ފަށައިގެން އޮސްޓްރިއާ އިން ބޯޅަ ހިފަހައްޓައިގެން މެޗުގެ ކޮންޓްރޯލް ނަގަން މަސައްކަތްކުރި އެވެ. ފުރަތަމަ ލަނޑު ޖެހީ ވެސް އެ ޓީމުންނެވެ. މެޗުގެ 18 ވަަނަ މިނިޓްގައި އޮސްޓްރިއާގެ މިޑްފީލްޑަރު މާސެލް ސަބީޓްޒާ މަތިން ނަގައިދިން ހުރަހަކުން އޭރިއާތެރެއިން މި ގޯލު ޖެހީ ސްޓެފަން ލައިނާ އެވެ.

ލައިނާ ވަނީ މި ގޯލު ޖަހާފައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން އަށް ހާއްސަ މެސެޖެއް ޖަހާފައިވާ ޓީޝާޓެއް ދައްކާލައިފަ އެވެ. ރޭ ފިންލެންޑާ ދެކޮޅަށް ޑެންމާކު ކުޅުނު މެޗުގައި އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމުން ވަގުތު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނެވެ. މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.

އޭގެ އިރުކޮޅެއް ފަހުން ސަބިޓްޒާ ވަނީ އިތުރު ގޯލެއް ޖަހަން ފުރުސަތު ތަނަަވަސްކޮށްފަ އެވެ. އެ ގޮތުން ސަބީޓްޒާ ނަގައިިދިން ހުރަހަކުން އޭރިއާތެރެއިން އޮސްޓްރިއާގެ ފޯވާޑް ސާސާ ކަލައިޗިޗް ޖެހި ބޯޅަ ނޯތު މެސެޑޯނިއާ ކީޕަރު ސްޓޯލް ޑިމިޓްރިއޭވްސްކީ ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ނޯތު މެސެޑޯނިއާގެ ޕާންޑޭވް (މ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


މެޗުގައި ނޯތު މެސެޑޯނިއާ އިން ގޯލާ ސީދާކޮށް ފޮނުވާލި ފުރަތަމަ ޝޮޓުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލު ޖެހީ މެސެޑޯނިއާގެ ކެޕްޓަން ގޯރާން ޕާންޑޭވް އެވެ. އުމުރުން 37 އަހަރުގެ ޕާންޑޭވް ގައުމީ ޓީމަށް ކުޅެދިން 120 ވަނަ މެޗުގައި މި ގޯލު ޖެހީ އޮސްޓްރިއާ ކުޅުންތެރިންނަށް ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ.

ނޯތު މެސެޑޯނިއާ އިން ބައިނަލްއަގުވާމީ މުބާރާތެއްގައި ޖެހި ފުރަތަމަ ގޯލު ކާމިޔާބުކުރި ޕާންޑޭވް އަކީ އިޓާލިއަން ލީގުގެ މަޝްހޫރު ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ޕާންޑޭވް ވަނީ ގައުމީ ޓީމުން 2013 ގެ ފަހުކޮޅުގައި ރިޓަޔާކޮށްފަ އެވެ. އޭނާ އަލުން ގައުމީ ޓީމަށް ކުޅެން ފެށީ 2016 ވަަނަ އަހަރު އެވެ. އެއީ އެ ޓީމުގެ ކޯޗު އިގޯ އަންޖެލޮވްސްކީގެ އެދުމަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ އޮސްޓްރިއާ އިން ވަނީ ތިން ބަދަލެއް ގެނެސްފަ އެވެ. އޭގެ ތެރެއިން ދެ ބަދަލެއްގެ ގޮތުގައި ކުޅެން އެރީ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ މާކޯ އާނައޮޓޮވިޗް އާއި މިކޭލް ގްރިގޯރިޓްޗް އެވެ. އެ ހިސާބުން އޮސްޓްރިއާ ކުރިއަށް ކުޅޭ ބޯޅަތަކުގެ ބޭނުން ހިފެން ފެށި އެވެ. އޮސްޓްރިއާ މޮޅުކޮށްދިނުމުގައި މި ދެ ކުޅުންތެރިން މުހިއްމު ރޯލެއް ކުޅުނެވެ.

ނޯތު މެސެޑޯނިއާ އަށް ލީޑުނަގައިދޭން މެޗުގެ 64 ވަނަ މިނިޓްގައި ލިބުނު ފުރުސަތެއްގައި ޕާންޑޭވް ޖެހި ބޯޅަދިޔައީ ހުރަސްދަނޑި މަތިންނެވެ. އޭގެ އިރުކޮޅެއް ފަހުން އާނައޮޓޮވިޗް ނަގައިދިން ހުރަހަކުން ގްރިގޯރިޓްޗް ބޮލުން ޖެހި ބޯޅަ މެސެޑޯނިއާ ކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

މެޗުގެ ފަހު 20 މިނިޓަށް އޮސްޓްރިއާ އިން ވަނީ އެ ޓީމުގެ ކެޕްޓަން ޑޭވިޑް އަލަބާ ފަޅިއަކަށް ބަދަލުކޮށްފަ އެވެ. އެހެންވެ އެޓޭކުގައި އަލަބާގެ ދައުރު ބޮޑުވާން ފެެށި އެވެ. އޭގެ ނަތީޖާ ވެސް ރަނގަޅެވެ. އޮސްޓްރިއާ އިން ދެ ވަނަ ލަނޑު ޖެހީ އަލަބާ ދިން ބޯޅަ އަކުންނެވެ. މެޗުގެ 79 ވަަނަ މިނިޓްގައި އަލަބާ ނަގައިދިން ހުރަހަކުން ގްރިގޯރިޓްޗް ގޯލު ޖެހީ ނޯތު މެސެޑޯނިއާ ކީޕަރު ޑިމިޓްރިއޭވްސްކީ އަށް ލިބުމުގެ ކުރިންނެވެ.

އޮސްޓްރިއާގެ ފަހު ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި އާނައޮޓޮވިޗް އެވެ. އޭނާ މި ގޯލު ޖެހީ ކީޕަރު ޑިމިޓްރިއޭވްސްކީ ކައިރިން ނައްޓާފައި ގޮހެވެ. އޭގެ ފަހުން ހަތަރު ވަނަ ގޯލެއް ޖަހަން އޮސްޓްރިއާ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނީ ޑިމިޓްރިއޭވްސްކީގެ ސަބަބުންނެވެ.