Advertisement

އޮސްޓްރިއާ އަށް ފުރަތަމަ މޮޅު ހޯދައިދޭން ކޯޗު ކެތްމަދުވެފައި

13 ޖޫން 2021 - 09:57 0

އޮސްޓްރިއާގެ ކޯޗު ފްރާންކޯ ފޯޑާ (މ) މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ


އޮސްޓްރިއާ އަށް ފުރަތަމަ މޮޅު ހޯދައިދޭން ކޯޗު ކެތްމަދުވެފައި

13 ޖޫން 2021 - 09:57 0

ބުކަރެސްޓް (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް މި ފަހަރު ވާދަކުރާ ނޯތު މެސެޑޯނިއާ އަތުން މޮޅުވެ، މުބާރާތުގެ ތާރީހުގައި އޮސްޓްރިއާގެ ފުރަތަމަ މޮޅު ހޯދަން ވަރަށް ބޭނުންވާ ކަމަށް އޮސްޓްރިއާގެ ކޯޗު ފްރާންކޯ ފޯޑާ ބުނެފި އެވެ.

އޮސްޓްރިއާ އިން 2008 ވަނަ އަހަރު ކޯ ހޯސްޓެއްގެ ގޮތުގައި ޔޫރޯގައި ވާދަކުރިއިރާއި 2016 ވަނަ އަހަރު ކޮލިފައިވެގެން ޔޫރޯގެ މެޗުތަކުގައި ކުޅުނު ނަމަވެސް މިހާތަނަށް މޮޅެއް ލިބިފައިނެތެވެ. ދެ މެޗުން އެއްވަރުވިއިރު، ހަތަރު މެޗުން ބަލިވެ ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

މިރޭ ނޯތު މެސެޑޯނިއާއާ ދެކޮޅަށް ނުކުންނައިރު ފޭވަރިޓަކީ އޮސްޓްރިއާ އެވެ. ފޯޑާ ބޭނުންވަނީ ތަޖުރިބާގެ ބޭނުންހިފައި ނޯތު މެސެޑޯނިއާގެ މައްޗަށް ކުރިހޯދާށެވެ.

"ޓީމު ތެރޭގައި ވަރަށް ރަނގަޅު މާހައުލެއް އެބައޮތް. އަހަރެމެން މި ކަމަށް ހަތަރު އަހަރު އިންތިޒާރު ކޮށްފިން. ކޮންމެ ގޮތެއް ހަދާފައި ވެސް މޮޅުވާން ބޭނުން. ބޭނުމީ ޕޮޒިޓިވްކޮށް މުބާރާތް ފަށަން،" މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޯޑާ ބުންޏެވެ.

"އެއްވެސް ޕްރެޝަރެއް ނެތް. އަހަރެން ވާނީ ކުޅުންތެރިން ގާތުގައި ވެސް ބުނެފައި އަހަރެމެން މަސައްކަތް ކޮށްފިއްޔާ މާދަމާ (މިރޭ) ތާރީހުގައި ލިޔެވޭ ފަދަ ކާމިޔާބެއް ހޯދޭނެއޭ،"

އޮސްޓްރިއާ އިން ވަނީ ކޮލިފައިންގައި ދެ ފަަހަރު ނޯތު މެސެޑޯނިއާ ބަލިކޮށްފަ އެވެ. އެހެންވެ ފޯޑާ އަށް އޮތް ހިތްހަމަޖެހުމަކީ އެ ޓީމުގެ ބަލިފައިތައް ރަނގަޅަށް ދަސްވެފައި ހުރުމެވެ.

މި މެޗަށް ނުކުންނައިރު އޮސްޓްރިއާ އަށް ދެން އޮތް ހިތްހަމަޖެހުމަކީ އެ ޓީމުގެ ކެޕްޓަން ޖޫލިއަން ބޯމްގާޓްލިންގާ އާއި ފޯވާޑް މާކޯ އާނައުޓޮވިޗްގެ ފިޓްނަސް ކުރިއަށް ވުރެ ރަނގަޅުވުމެވެ. އެކަމަކު މި މެޗުގެ ފުރަތަމަ އެގާރައިގައި އެ ދެ ކުޅުންތެރިން ކުޅޭނެ ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް ފޯޑާ ވަނީ ބުނެފަ އެވެ.

ނޯތު މެސެޑޯނިއާގެ ކޯޗު އީގޯ އަންޖެލޮވްސްކީ ބުނީ މި ގްރޫޕްގައި އޮތް ޓީމުތައް މުބާރާތުގެ ކުރިން ބަލާއިރު، އެންމެ ދަށްކޮށް ކިޔާނީ މެސެޑޯނިއާ ކަމަށެވެ. އަދި އެއީ މި ވަގުތަށް ހަގީގަތްކަން އޭނާ ވެސް ގަބޫލުކުރާ ކަމަށާއި މީގެ ކަމެއް ބަދަލުކުރެވޭނީ ދަނޑުމަތީގައި ކުރާ މަސައްކަތުން ކަމަށް އަންޖެލޮވްސްކީ ބުންްޏެވެ.

"އަހަރެން ބޭނުންވަނީ ކޮލިފައިވެގެން އެ ލިބުނު އުފާތަކާ ހަަމައިން ހުރިހާ ކަމެއް ނިމޭކަށެއް ނޫން، މުބާރާތުގައި ވެސް ހިތްހަަމަޖެހޭ ފަދަ ނޯތު މެސެޑޯނިއާ މީހުން އުފާކުރާ ފަދަ ކާމިޔާބެއް ހޯދަން ބޭނުން،" އަންޖެލޮވްސްކީ ބުންޏެވެ.

އޮސްޓްރިއާ މެޗަށް ކުރިމަތިލާއިރު އަންޖެލޮވްސްކީ އަށް އޮތް ހިތްހަމަޖެހުމަކީ ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ނޯތު މެސެޑޯނިއާގެ ހުނަރުވެރި މިޑްފީލްޑަރު އެނިސް ބާދީ އެ ބަލިން ރަނގަޅުވެ މި މެޗުގައި ކުޅެވުމެވެ.

ރުމޭނިއާގެ ނެޝަނަލް އެރީނާގައި މިރޭ ނޯތު މެސެޑޯނިއާ އާއި އޮސްޓްރިއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި މިރޭ 12 ޖަހާއިރު ޔޫކްރެއިން އާއި ނެދަލެންޑްސް ކުޅޭނެ އެވެ.