Advertisement

ޖީ7 ގެ ލީޑަރުން ޗައިނާ، ކޮވިޑް އަދި މޫސުމީ ބަދަލާ ދެކޮޅަށް

ޖީ7 ސަމިޓުގެ ބައްދަލުވުމެއްގައި ގައުމުތަކުގެ ލީޑަރުން މަޝްވަރާ ކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ/ ޕޫލް/ ބްރެންޑަން ސްމިއަލޮވްސްކީ


ޖީ7 ގެ ލީޑަރުން ޗައިނާ، ކޮވިޑް އަދި މޫސުމީ ބަދަލާ ދެކޮޅަށް

ކާބިސް ބޭ، އިނގިރޭސި ވިލާތް (ޖޫން 13) - ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތައް ހިމެނޭ ޖީ7 ގެ ލީޑަރުން 2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެއް ތަންވެ، މި ހަފްތާ ބަންދުގައި ބޭއްވި ބައްދަލުވުންތަކުގައި ޗައިނާ އާއި ކުރިމަގުގައި ދިމާވެދާނެ ބަލިމަޑުކަމާއި މޫސުމީ ބަދަލާ ދެކޮޅަށް ތެދުވެއްޖެ އެވެ.

ގައުމުތަކުގެ ލީޑަރުންގެ ނުރަސްމީ ބައްދަލުވުމަކުން ސަމިޓު ފެށީ ރޯޔަލް އެއާފޯސްގެ އެރޮބެޓިކް ޝޯއަކާއި ބީޗް ބާބެކިއު ފަދަ ހަރަކާތްތަކާއެކު އެވެ. ބައްދަލުވުންތަކުގައި އެއްބަސްވި ކަންކަން ރަސްމީކޮށް ނިންމާނީ އާދީއްތަ ދުވަހުގެ ރެ އެވެ.

ރޯޔަލް އެއާފޯސްގެ އެރޮބެޓިކް ޝޯ.-- ފޮޓޯ: އޭއެފްޕީ/ ބްރެންޑަން ސްމިއަލޮވްސްކީ


ބައްދަލުވުން ނިންމާލުމުގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އެހެން ވެރިން މޫސުމަށް އަންނަ ބަދަލު ކުޑަ ކުރަން ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތައް މަދު ކުރަން އާ ލަނޑުދަނޑިއެއް އިއުލާނު ކުރައްވާ، ތިމާވެށި ރައްކާކުރެވޭނެ ގޮތްތަކަށް އެއްބަސްވާނެ އެވެ.

ޖީ7 އިން އެއްބަސްވާ ގަރާރުގައި ހިމެނޭ "ނޭޗާ ކޮމްޕެކްޓް" ބައިގައި ގައުމުތަކުން އެއްބަސްވާނީ 2030 ގެ ކުރިން ކާބަން ބޭރު ކުރާ މިންވަރު ގާތްގަނޑަކަށް ދެބައިކޮށްފައި އެއް ބަޔަށް މަދު ކުރުމަށެވެ. އަދި ބަޔޯޑައިވާސިޓީއަށް ލިބޭ ގެއްލުން ކުޑަކޮށް ހިމާޔަތް ކުރަން ވައުދުވާނެ އެވެ.

އޭގެ އިތުރުން މޫސުމީ ބަދަލުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކަށް މާލީ އެހީ އިތުރު ކުރުމަށް ވެސް ލީޑަރުން އެއްބަސްވި އެވެ. މިއީ އަންނަ ނޮވެމްބަރު މަހު ސްކޮޓްލެންޑުގައި އޮންނަ އދ. ގެ ކޮޕް26 ތިމާވެށީ ސަމިޓަށް ދިޔުމުގެ ކުރިން ހޯދި ކުރިއެރުންތަކެކެވެ.

ޖީ7 އިން ނިންމި މި ކަންކަމަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތަށް ނުފެތޭތީ އޭރު ހާސިލްނުވެވި ހުރި ކަންކަމެވެ. އެހެންވެ، ބައިޑެން ރައީސްގެ ގޮތުގައި ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި މި ވަނީ އެކަންކަން ހާސިލްކޮށްފަ އެވެ.

"އަޅުގަނޑުމެން މި ތިބީ އެއް ސަފްހާއެއްގައި،" ސަމިޓުގެ ހަވާސާގައި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯންއާ ބައްދަލުކުރެއްވުމަށް ފަހު ބައިޑެން ނޫސްވެރިންނަށް ވިދާޅުވި އެވެ. މި ސަމިޓުގައި ބައިޑެންގެ މައިގަނޑު މަސައްކަތަކީ ޗައިނާ އާއި ރަޝިއާއާ ދެކޮޅަށް ހުޅަނގުގެ ސަޕޯޓް ހޯދުމެވެ.

ބައިނަލްއަގްވާމީ ޑިޕްލޮމަސީގައި އެމެރިކާ އަލުން ހަރަކާތްތެރިވުމަށް ޖީ7 ގެ އެހެން ލީޑަރުން ތާއީދު ކުރައްވާތޯ ކުރި ސުވާލާ ގުޅިގެން ބައިޑެން މެކްރޯންއަށް އިޝާރަތް ކުރެއްވުމުން "ޔަގީން" ކަމަށް އޭނާ ވިދާޅުވި އެވެ.

އެހީ، ޗައިނާ އަދި ކޮވިޑް

ޖީ7 ގެ ލީޑަރުން އެއްބަސްވެފައި ވަނީ އާމްދަނީ ދަށް އަދި މެދު ފަންތީގެ ގައުމުތަކަށް އެތައް ބިލިއަން ޑޮލަރެއްގެ އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ހާއްސަ ކުރުމަށެވެ. ގައުމުތަކުން ހުށަހަޅާނީ "އަގު ހުރި، ކޮލިޓީ ރަނގަޅު، ދެފުށްފެންނަ" ގުޅުމެއް ކަމަށް ބުންޏެވެ.

"ބިލްޑް ބެކް ބެޓާ" ނުވަތަ ކުރިއަށް ވުރެ ރަނގަޅަށް އަލުން ބުނާ ކުރުމުގެ ނަމުގައި ފެށި ޕްރޮޖެކްޓަކީ ޗައިނާގެ ޓްރިލިއަން ޑޮލަރުގެ ބެލްޓް އެންޑް ރޯޑް މަޝްރޫއާ ވާދަކުރުމަށް އިއުލާނު ކުރި ޕްރޮޖެކްޓެކެވެ. ޗައިނާގެ މަޝްރޫއަށް ފާޑުކިޔުން އަމާޒުވީ ކުދި ގައުމުތައް ދަރަނީގެ ދަންތުރައިގެ ޖައްސާ ކަމުގެ ތުހުމަތާ ހެދި އެވެ.

އޭގެ އިތުރުން ކާބިސް ބޭ ގަރާރުގެ ނަމުގައި ގައުމުތަކުން ވަނީ ކުރިމަގުގައި ދިމާވެދާނެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެއްބަސްވެފަ އެވެ. އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ވެކްސިން އުފައްދާ ލައިސެންސް ކުރަން ހޭދަވާ ވަގުތު ކުޑަ ކުރުމާއި، އާ ބައްޔެއް ދެނެގަތުމަށް ހޭދަވާ މުއްދަތު 100 ދުވަހަށް ކުޑަ ކުރަން މަސައްކަތްކޮށް، ބަލިތައް އަވަހަށް ހޯދަން ނެޓްވޯކެއް ގާއިމް ކުރުން ހިމެނެ އެވެ.

ޖީ7 ގައި ހިމެނޭ އިނގިރޭސި ވިލާތް، ކެނެޑާ، ފްރާންސް، ޖަރުމަނު، އިޓަލީ، ޖަޕާން އަދި އެމެރިކާއިން އެ ގަރާރުގައި މިއަދު ރަސްމީކޮށް ސޮއިކުރާނެ އެވެ.

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ޓްވިޓާގައި ވިދާޅުވީ ކާބިސް ބޭ ގަރާރަކީ ހުރިހާ އެންމެންނަށް ފަހުރުވެރި އަދި ތާރީހީ ގަރާރެއް ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ވެސް އެކަމަށް މަރުހަބާ ވިދާޅުވި އެވެ.

އޭގެ އިތުރުން މި އަހަރާއި އަންނަ އަހަރު ފަގީރު ގައުމުތަކަށް ކޮވިޑާ ދެކޮޅަށް އެއް ބިލިއަން ވެކްސިން ޑޯޒް ދޭނެ އެވެ. ނަމަވެސް ލަސްނުކޮށް އަވަހަށް ދިނުމަށް ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ.

ލީޑަރުންނާ ބައްދަލުކުރެއްވުމަށް ފަހު ޓެޑްރޯސް ވިދާޅުވީ ޖީ7 ގެ ދެން އޮތް ސަމިޓު 2022 ގައި ޖަރުމަނުގައި ބޭއްވުމުގެ ކުރިން ދުނިޔޭގެ 70 ޕަސެންޓަށް ވެކްސިން ދިނުމަށް ލަނޑުދަނޑި ކަނޑައަޅަން ލީޑަރުންނަށް ބާރު އެޅުއްވި ކަމަށެވެ.

"ވެކްސިން ހަދިޔާ ކުރުމާ ބެހޭ ގޮތުން ޖީ7 ގައުމުތަކުން އިއުލާނު ކުރުމުން މަރުހަބާ ކިޔަން، އެކަމަކު އިތުރު ވެކްސިން އަވަހަށް ބޭނުންވޭ، ވަގުތުން ވަގުތަށް ހަދިޔާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކޮންކްރީޓް ފިޔަވަޅު

ޖީ7ގެ ލީޑަރުން އިއްޔެ ބައްދަލު ކުރިއިރު، އޮސްޓްރޭލިއާ، ދެކުނު އެފްރޮކާ، ދެކުނު ކޮރެއާ އަދި އިންޑިއާގެ ލީޑަރުން ވާޗުއަލްކޮށް ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި ހާރިޖީ ގޮތުން ހުރި ގޮންޖެހުންތަކާ ބެހޭ މަޝްވަރާ ކުރިއަށް ދިޔަ އެވެ.

ގައުމުތަކުން ކަންބޮޑުވުން ފާޅުކުރި ކަންކަމުގެ ތެރޭގައި މިޔަންމާ އާއި ބެލަރޫސްގެ މައްސަލަ އާއި، ޗައިނާގައި އުއިގާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާ ހިމެނެ އެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ ބައިޑެން ބޭނުންވެ ވަޑައިގަންނަވަނީ ޗައިނާ މައްސަލާގައި "ކޮންކްރީޓް ފިޔަވަޅު" އަޅައި، އެއީ އިންސާނީ ކަރާމާތާ ދެކޮޅަށް ޗައިނާއިން ހިންގާ ކަމެއްގެ ގޮތުގައި ފާހަގަކުރަން ކަމަށެވެ.

އެތައް މިލިއަން އުއިގާ ދަރިކޮޅުގެ މީހުން ލައްވާ ގަދަކަމުން މަސައްކަތް ކުރުވާ ކަމަށް ކުރެވޭ ތުހުމަތު ޗައިނާއިން ދޮގު ކުރެ އެވެ. އޭގެ އިތުރުން އެ މީހުން ޝިންޖިއާންގެ ކޭމްޕުތަކުގައ ލާއިންސާނީ ގޮތްތަކަށް ބަންދުކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ދޮގުކުރެ އެވެ.

އޭގެ އިތުރުން ރަޝއާއިން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ސައިބާ ހަރަކާތްތަކާ ގުޅިގެން އެ ގައުމާ އެމެރިކާއާ ގުޅުން ގޯސްވެފައި އޮތް މައްސަލަ ވެސް ގައުމުތަކުން ފާހަގަކުރި އެވެ.

ޖީ7 ސަމިޓު ނިންމުމަށް ފަހު ބްރަސެލްސްގައި ހޯމަ ދުވަހު ނޭޓޯ ބައްދަލުވުމަށް ގިނަ ލީޑަރުން އަނެއްކާވެސް އެއްތަން ވާނެ އެވެ. އޭގެ ފަހުން ބައިޑެން ޖެނީވާއަށް ވަޑައިގަންނަވާނީ ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިންއާ ބައްދަލުކުރެއްވުމަށެވެ. މިއީ ދެ ލީޑަރުންގެ ފުރަތަމަ ބައްދަލުވުމެވެ.

ބައިޑެން ވިދާޅުވީ ރަޝިއާގެ އަމަލުތަކާ ގުޅޭ ގޮތުން ޕޫޓިންއަށް ސާފު މެސެޖެއް ދެއްވާނެ ކަމަށެވެ. ޕޫޓިން އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޓްރަމްޕްގެ "ކުއްލި ވިސްނުމުގެ" ސިފަ ބައިޑެންގެ ފަރާތުން ނުފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.