Advertisement

ޕާކިސްތާނަށް ވުރެ ޗައިނާގެ ނުރައްކާ ބޮޑު: އިންޑިއާ

އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތް.-- ފޮޓޯ: އޭއެންއައި


ޕާކިސްތާނަށް ވުރެ ޗައިނާގެ ނުރައްކާ ބޮޑު: އިންޑިއާ

ޕާކިސްތާނަށް ވުރެ ޗައިނާގެ ނުރައްކާ އިންޑިއާއަށް ބޮޑު ކަމަށް އެ ގައުމުގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު ވިދާޅުވެއްޖެ އެވެ.

ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރާވަތު ވިދާޅުވީ ޕާކިސްތާނާއި ޗައިނާއިން ވެސް ގޮންޖެހުންތަކެއް އިންޑިއާއެއް އެބަ ހުރި ކަމަށާއި ނަމަވެސް ނުރައްކާ ބޮޑީ ޗައިނާ ފަޅިން ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ކައިރީގައި އޮތް އެންމެ ބޮޑު އަވައްޓެރިޔާއާ މެދު ކަންބޮޑުވުމުގެ ނަޒަރަކުން ވިސްނަން ޖެހޭނެ،" ރާވަތު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ޗައިނާއަކީ ޕާކިސްތާނަށް ވުރެ ބޮޑު، އަސްކަރީ އަދި ޓެކްނޮލޮޖީގެ ގޮތުން ބާރުގަދަ ގައުމަކަށް ވާތީ، ތައްޔާރު ވާން ޖެހޭނީ ޗައިނާއިން އައިސްދާނެ ނުރައްކަލަކަށެވެ.

"އަނެއް ފަޅީގައި މި އޮތީ [ޕާކިސްތާން] ގޮތް ނޭނގޭ އަވައްޓެރިއް. ދެން މި އޮތީ [ޗައިނާ] ކަންކަން ނިންމުމުގައި ރަނގަޅަށް ވިސްނާ އަވައްޓެރިއެއް،" ރާވަތު ވިދާޅުވި އެވެ.

ޕާކިސްތާނަށް ނިސްބަތް ކުރައްވަމުން އޭނާ ސިފަކުރެއްވީ އެ ގައުމުގެ ސަރުކާރަކީ ޓެރަރިސްޓުންނާއެކު މަސައްކަތް ކުރާ ބަޔެއްގެ ގޮތުގަ އެވެ.

"ބައެއް ފަހަރު ޓެރަރިސްޓުން ކޮންޓްރޯލުން ބޭރު ވަނީ. އެހެން ވެއްޖެ ނަމަ ހާލަތު ގޯސްވެ، އަނެއްކާވެސް ހުޅަނގުގައި ގޮތް އަވައްޓެރިޔާގެ ނުރައްކާ ބޮޑުވެދާނެ،" ރާވަތު ވިދާޅުވި އެވެ.

މި ދަނޑިވަޅަކީ އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން އަނބުރާ ގައުމަށް ދަމުންދާ ދަނޑިވަޅަށް ވާތީ، އެކަމުން ނުކުންނަ ނަތީޖާ ގާތުން ބެލުމަކީ އިންޑިއާއަށް މުހިއްމު ކަމެކެވެ.

ދާދި ފަހުން ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ދާތީ އެ ގައުމަށް ބިރުވެރިކަން ބޮޑު ކަމަށެވެ.

"މިހާރު ޕާކިސްތާނުގެ ބޮޑު ބިރުވެރިކަމެއް އެބަ އޮތް. އަޅުގަނޑު ޔަގީންކަން އަރުވަން، އެމެރިކާ ސިފައިން ދިޔުމުގެ ކުރިން ސިޔާސީ ހައްލެއް ލިބޭތޯ އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް މި ދަނީ ކުރަމުން،" އިމްރާން ރޮއިޓާޒްއަށް ވިދާޅުވި އެވެ.

"އެމެރިކާ ސިފައިން ފައިބާނެ ތާރީހު އިއުލާނު ކުރުމާއެކު ތާލިބާނުންނަށް ހީވީ ހަނގުރާމައިން މޮޅުވީއޭ،" ރޮއިޓާޒްއަށް ދެއްވި އިންޓަވިއުގައި އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްބަސްވުމަކަށް އައުމަކީ އުނދަގޫ ކަމެއް ކަމަށާއި އަފްގާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ފަށައި، ރެފިއުޖީންގެ ކާރިސާއެއް އުފެދިއްޖެ ނަމަ ބޮޑު ނޭދެވޭ އަސަރެއް ޕާކިސްތާނަށް ކުރާނެ ކަމަށެވެ.