11 ޖޫން 2021 - 05:14 1
ނަސްމާ އަބްދުލްމުހުސިން
ފާޠިމަތު ސަޢީދު 1984 ވަނަ އަހަރު. --ފޮޓޯ: ފަރަހާޒް ފައިސަލް
11 ޖޫން 2021 - 05:14 1
ދިވެހި އަދަބިއްޔާތާއި އަދީބުންގެ ވާހަކަ ސުކޫލު ދައުރުއްސުރެން އަޅުގަނޑުމެން އަޑުއަހަމު އެވެ. ދިވެހި އަދަބިއްޔާތުގެ ޅަފިހި (ޅަފަތުގެ ދައުރު، ފިރުކެން ފެށި ދައުރު އަދި ހިނގައިގަނެވުނު) ދައުރުތަކުގެ ވާހަކަ ދިވެހި ގަޑީގައި ކިޔަވަމު އެވެ. ޚުދު އަޅުގަނޑުގެ ސުކޫލު ދައުރުގައި، ސާނަވީ ދިވެހި ފޮތް ބަލަމުންދިޔައިރު ވެސް، ދިވެހި އަދަބިއްޔާތުގައި އަންހެނުންގެ ދައުރެއް ނެތީތޯ ސުވާލުކުރެވުނެވެ. ހާއްސަކޮށް ހިނގައިގަނެވުނު ދައުރުގައި މުޙައްމަދު އަމީން ދީދީގެ މޭސްތިރިކަމުގައި އަދަބީ މަސައްކަތްތައް ކުރައްވަމުން ގެންދެވިކަމަށް ޓެކްސްޓް ފޮތްތައް ބުނާ ހިނދު، އެ ދައުރުގެ މޮޅެތި އަދީބުންގެ ސަފުގައި ގުނާލެވުނު އަންހެނަކު ނެތީތޯ ހިތާހިތުން ސުވާލުކުރެވެ އެވެ. އޭރު އިނގިރޭސި އަދަބިއްޔާތު ސުކޫލުގައި ކިޔަވާދޭއިރު، ބްރޮންޓޭ ތިން ބެއިންނާ ހިސާބުން ފެށިގެން ގޮސް ސިލްވިޔާ ޕްލެތުގެ އަދަބިއްޔާތުގެ ވާހަކައާ ހަމައަށް އަދަބިއްޔާތުގައި އަންހެނުންގެ ދައުރުގެ ވާހަކަ އަހަރެމެން ދައްކަމުންދިޔައިރު، ހަމަ އެ ފަދަ ދިވެހިން ވެސް ތިބީސް ނޫންހޭ ހިތައް އެރި އެވެ.
އެކަން އެންމެ ފުރަތަމަ ވެސް ސާބިތުކުރެވުނީ ސިލްވިޔާ ޕްލެތުގެ "ކޮންފެޝަނަލް ޕޮއެޓްރީ" ނުވަތަ ޒާތީ ތަޖުރިބާތަކާއި، ޒާތީ ޖަޒުބާތުތަކާއި އުދާސްތައް ފާޅުކުރާ ޅެންވެރިކަން ކިޔަމުންދިޔައިރު، ދިވެހި ރޭޑިއޯއިން އިވޭ ލަވައެއްގައި ބުނާ ބުނުންތަކެއް ހަނދާނަށް އަންނާންފެށުމުންނެވެ. އަޅުގަނޑަށް، ދިވެހި އަދަބީ ގުލްޝަނުގެ ނަރުގިސްމާ، އައްނަބީލާ ފާޠިމަތު ސަޢީދު ތައާރަފުވީ، މި ދެންނެވި ލަވަ، "ދާންވީހެ މަރުވެގެން ހިތާމައިން މި ޙާލުގައި..." މިއީ ކާކުގެ ކޮން ލަވައެއްތޯ ބަލަން ކުރި މަސައްކަތުގެ ތެރެއިންނެވެ. ފާޠިމަތު ސަޢީދުގެ މޮޅު "ކޮންފެޝަނަލް ޕޮއެޓްރީ"ގެ ވާހަކައަކީ އަޅުގަނޑަށް އޭރު އާ ނަމަވެސް އެއީ ދިވެހި އަދަބީ ދާރީސުންނަށް ފަރިތަ ވާހަކައެކެވެ. "ހިތާމައިގެ ޙާލު"، "ހިތުގެ އަޑުގެ ނަޚްރާ" ފަދަ ޅެންޅެމަކީ މި ދެންނެވި ވައްޓަފާޅީގައި ދިވެހި އަދަބިއްޔާތުގެ ތެރޭގައި ސާބަސްދެވޭ ފަދަ މޮޅެތި މަސައްކަތްތަކެވެ.
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނުގެ އަނބިކަނބަލުން ފާޠިމަތު ސަޢީދުގެ "ކޮންފެޝަނަލް ޕޮއެޓްރީ" ބެލުމަށް ފެށި މަސައްކަތުގެ ތެރެއިން ތަފާތު ރޫޙެއްގެ ޅެންވެރިކަމެއް އެ ޅެންތަކުން ފެންނަކަން އަޅުގަނޑަށް ފާހަގަކުރެވެން ފަށައިފި އެވެ. އެކަމަނާ ޅެންވެރިކަން ކުރައްވާފައިވަނީ 1900ގެ އަހަރުތަކުގަ އެވެ. އޭރު، ދުނިޔޭގެ އެތަން މިތަނުގައި ކާމިޔާބު ފިރިހެނުންގެ "ފަހަތުގައި" ތިބި އަންހެނުން އެމީހުންގެ ފިރިންނާއި ދަރިންނާއި އަޚުންގެ ހިޔަނިން ނިކުމެ، އެމީހުންނާ އެއް ސަފެއްގައި ހިނގަން ފަށައިފި އެވެ. އެއް ބަޔަކު އެ ފުރުޞަތު ފަހިކޮށް، އެއް ހަމައެއްގައި ހިނގަން ފަށައިފާވާއިރު، އަނެއްބަޔަކު އެކަން ހޯދުމަށް އަޑުއުފުލާ، މުޅި ދުނިޔޭގައި އިންޤިލާބީ ރާޅުތައް ބިންދަން ފަށައިފި އެވެ. މިއާ އެކުއެކީ، މި ފަދަ އިންޤިލާބީން އެ ކޮށި މަގުތަކަށް ނިކުމެ، އަންހެނުންނަށް ޙައްޤުވާ މަޤާމު ހޯދުމަށާއި، ހުންގާނު ނެގުމަށް ބާރުދޭ އަދަބީ މަސައްކަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަން ފަށައިފި އެވެ. ފާޠިމަތު ސަޢީދު ޅެންވެރިކަމުގައި ވެސް ފާޅުކަން ބޮޑު ގޮތެއްގައި މި ޝިޢާރު ފެނެ އެވެ. ސީދާ ގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ހަރަކާތްތަކަށް އިޝާރާތްކުރައްވާފައިވެސްވެ އެވެ. "ދިވެހި ޤައުމާއިގެން ކުރިއަށް ދިވެހި އަންހެނުން" މި ޅެމުގައި އެކަމަނާ ވިދާޅުވެފައިވެ އެވެ.
"ދުނިޔޭގެ އެހެން ޤައުމުތަކުގެ ޖިންސުލަޠީފުން
ބުނިބަސް އަޅުގަޑުމެން ބުނަމުންދާނަމެ އުފަލުން"
އަދި "ދިވެހި ޤައުމުގެ އަންހެނުންގެ އިލްތިމާސް" މި ޅެމުގައިވެސް ބޭރު ޤައުމުތަކުގައި ވެސް އޭރު ފެންނަމުން އެދިޔަ އިންޤިލާބީ ރާޅުތަކަށް އިޝާރާތްކުރައްވާފައިވެ އެވެ.
"ބޭރު ދައުލަތްތަކުގެ ޖިންސުއްލަޠީފުނަށްވެސް ދޫނުކޮށް
ރޭރުނުވެ ކަންކަމުތެރޭގައި ފެނިލަމާތޯ ރޫޙަކުން"
މި ދެންނެވި ދެ ޅެމުގެ ނަމުންވެސް އެނގިވަޑައިގަންނަވާނޭ ފަދައިން އަންހެނުން ބާރުވެރިކުރުވުމުގެ ޝިޢާރުގައި ހައްދަވާފައިވާ ގިނަ ޅެންތަކުގައި އަންހެނުންގެ ބާރުވެރިކަމުގެ ވާހަކަ ފާޠިމަތު ސަޢީދު ގެނެސްދެއްވަނީ އިސްލާމީ ސުލޫކާއި، ޙުއްބުލްވަޠަންގެ ޝިޢާރާއެކުކީގަ އެވެ. ޤައުމީ ތަރައްޤީގައި އަންހެނުންގެ ދައުރެއް ވާކަން ދެކިގެން ތެދުވުލަށް ގޮވާލާ ޅެންޅެމާއި، އަންހެނުންގެ ތަޢުލީމަށް ހުޅުވާލެވުނު ދޮރުތަކުގެ ބޭނުންކުރުމަށް ގޮވާލާ ޅެންތައް މީގެ ތެރޭގައި ހިމެނެ އެވެ. އެ ގޮތުން ފާހަގަކޮށްލެވޭ އެއް ޅެމަކީ "ޤައުމުގެ ޖިންސްލަޠީފަށް" މި ޅެމެވެ. މި ޅެމުގައި ފާޠިމަތު ސަޢީދު ދައްކަވާފައިވަނީ، ޤައުމަށް "ޝިފާ" ހޯދުމަށް ދިވެހި އަންހެނުންނަށް ކުރެވިދާނެ ކަންތައްތަކާއި އިސްނަގައިގެން އަދާކުރެވިދާނެ އެކި ދައުރުތަކުގެ ވާހަކައެވެ.
"ކެލާ ތުނޑިން ފައްޓަމާހެ ވިސްނަން ފިލައިނުގޮސް އައްޑުއާއި ހަމައަށް
ކިލާކަމެއްނެތި ހިތާއި ސިކުޑިން ރަޢިއްޔަތުންނަށް ބަލައިލަމާތޯ
މިތާނގެ ބިމުގައި މިހުންނަ ފައިދާ ހިތާމަޔެއް ނެތި ލިބޭނެ ކާނާ
އެތާނގެ ބިމުގައި ވިކޭނެ އަގުގައި ކުރާނެ ހިއްމަތް ބުނަން ދަމާތޯ"
"ޤައުމުގެ އަންހެނުންގެ އަޑު" މިޅެމުގައި ވެސް މިފަދަ ޝިޢާރުތަކެއް ތަކުރާރުކުރައްވާފައިވެ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މަސައްކަތްތައް ފުޅާކުރުމަށް އަންހެނުން ކުރާ މަސައްކަތްތައް ފޮރުވުމަށް ދަމާފައިވާ މަޖާޒީ "ފަރުދާ" ކަހާލެއްވުމަށްފަހު، އެ މަސައްކަތްތަކުގައި ފަޚުރުވެރިކަން ވާކަން ދައްކުވައިދެއްވާ ފަދަ ބައިތުތައް މި ޅެމުގައިވެ އެވެ.
"ދަނޑުވެރިކަމުން ތަރައްޤީ ދިވެހިއްޔަތަށް ގެނެސްދީ
ކަނޑުމަސް ކެކޭނެ ދަރުތައް ހޯދައި އުނދުން ޖަހަންވީ
ފަނޑުވުން ނުވާ ގޮތެއްގައި މަސްކިރުވަމުން ގެންދާން"
ހަމައެކަނި އިޤްތިޞާދީ މައިދާނުގެ ވާހަކައެއް ނޫނެވެ. ދިވެހި ތާރީޚު ދެއްކި މިސާލުން ހިތްވަރު ހޯދައިގެން ސިޔާސީ މައިދާނަށް ވެސް އަންހެނުން ނިކުތުމަށް ހިތްވަރުދޭ ފަދަ ބައިތުތައް "ނަރުގިސްމަލުގެ" ޅެންވެރިކަމުން ފެނެ އެވެ. "އަޅުގަނޑުމެންގެ ޢަޒުމް" މި ޅެމުގައި އެކަމަނާ ވިދާޅުވެފައިވެ އެވެ.
"ރާއްޖެދުށް މާޒީގެ ބަޠަލާއިންގެ ޝަޚްޞިއްޔަތުގެ ބާރު
ވާންޖެހޭނެއެ ޢިބުރަތެއްކަމުގައި ސިޔާސީ މަސްރަޙުން"
މި ފަދަ ޒަމާނީ ޝިޢާރުތަކާއެކު އަންހެނުންގެ ޘަޤާފީ ދައުރުކަމަށްވާ، ދަރިން ތަރުބިއްޔަތު ކުރުމުގެ ޙަޤީޤީ މުހިއްމުކަމަށްވެސް އެކަމަނާ އަލިއަޅުއްވާލައްވައެވެ.
"އަންހެނުންގެ މަޤާމުގައި އަންހެންދަރިންގެ ނުފޫޒުގައި
އަންނަ މުސްތަޤްބަލް އަލުން ރޯޝަންކުރަންވީ މަރުދެމުން"
މަތީގައި އެވާ ބައިތުގައި އަންހެނުންނާއި އަންހެން ކުދިންގެ ޘަޤާފީ ދައުރުތަކުގެ މައްޗަށް ބައްލަވާފައިވާ ނަމަވެސް އެ ދައުރުތައް ސިފަކުރައްވަން ބޭނުންކުރައްވާފައިވާ ބަސްކޮށާރުން، "އެކްޓިވިޒަމް"ގެ ވިންދު ފާޅުވެ އެވެ. އެގޮތުން އަންހެނުންގެ "މަޤާމު" އަދި އަންހެންދަރިންގެ "ނުފޫޒު"ގައޭ ވިދާޅުވުމުން އެ މަޤާމުތަކުގައި ތިބުމަކީވެސް އަންހެނުނަށް ލިބޭ ނިކަމެތިކަމެއްގެ ބަދަލުގައި ބާރެއްކަން ދޭހަކުރެވެ އެވެ.
ކުޅަދާނަ އަދީބު ހުސެއިން ސަލާހުއްދީނުގެ ދަރިކަނބަލުން ފާޠިމަތު ސަޢީދު ޒުވާންދުވަސްވަރު.
މަތީގައި މި ދެންނެވި ބައެއް މިސާލުތަކަކީ ސީދާގޮތެއްގައި އަންހެނުން ބާރުވެރިކުރުމުގެ ޝިޢާރުތައް ފާޠިމަތު ސައީދު ފާޅުކުރައްވާފައިވާ ޅެންތަކުން ނަގާފައިވާ މިސާލުތަކެވެ. އެހެން ނަމަވެސް އެކަމަނާގެ ކޮންފެޝަނަލް ޕޮއެޓްރީގެ ތެރެއިން އެ ޝިޢާރު ނުފެނެއޭ ދެންނެވޭކަށްނެތެވެ. ސީދާ އަންހެނުންގެ ބާރުވެރިކަމަށް އިޝާރާތްކުރައްވާފައިނުވާ ނަމަވެސް، ޒަމާނީ ޢިލްމީ އެކި ކުރިއެރުންތަކުގެ ތެރެއިން ތިމާއަށް ފައިދާހުރި ކަންކަން ފުރާނާލައިގެން ނެގުމަށް ހިތްވަރުދޭ އެތައް އެތައް ބައިތެއް އެކަމަނާގެ ޚަޒާނާއިން ފެންނާން އެބަހުއްޓެވެ. "ނަޞޭޙަތެއް" މިޅެމުގައި އެކަމަނާ ލިޔުއްވާފައިވެ އެވެ.
"ޒަމާން ކުރިއަށްއަޅާ ފިޔަވަޅުތަކާ އެއްބަސްވެގެން އުޅެމުން
ނަމާ ޢަބުރާ ތިމާގެ ރިވެތި ކުރާނޭގޮތް ނުވިސްނޭހޭ"
"މިޙާލެއްގައި މިހެން ހުރެގެން މިހައި ގިނަ ބަސްތަކެއް ކިޔެނީ
މިހާރު އަލަށް އިވޭ މިއުޒިކުގެ ސަބަބުންކަން ނުވިސްނޭހޭ"
މިބައިތުތަކުގައި މި ވިދާޅުގައި "ޒަމާން ކުރިއަށް އަޅާ ފިޔަވަޅު"ތަކާއި "މިހާރު އަލަށް އިވޭ މިއުޒިކު"ން އެ އިޝާރާތްކުރައްވަނީ އިންސާނީ ތަރައްޤީގައި 1900ގެ އަހަރުތަކުގައި އަންނަމުންދިޔަ ކުރިއެރުންތަކާއި އެ މަގުން ފާޅުކުރަމުންދިޔަ އާ ޚިޔާލުތަކަށް ކަމަށް ބެލެވިދާނެ ޖާގަ އެބައޮތެވެ. ޢިލްމާއި ހޭލުންތެރިކަމުގެ އެހީގައި ހިލްމުގެ ބޭނުންކޮށްގެން ޤައުމު ކުރިއެރުވުމަށް މަސައްކަތްކުރުމަށް ގޮވާލާ އެތައް އެތައް ޅެމެއް އެކަމަނާ ލިޔުއްވާފައިވެއެވެ.
މިއަދު މި ޅެންތައް ކިޔާލުމުން، މިއީ އަންހެނުންނަށް ބާރުވެރިކަން ދޭ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރަން ދަތިވެދާނެ އެވެ. އެހެނީ މިއަދުގެ ދުނިޔޭގައި އަދި ރާއްޖޭގައި ވެސް އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ނަގަންޖެހޭ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކެއް މި ޅެންތަކުން ނުފެންނާތީ އެވެ. އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ފަދަ ސިރިއަސް މައްސަލަތައް ސީދާގޮތެއްގައި ނަންގަވާފައެއް ނެތެވެ. އެހެން ނަމަވެސް ނުސީދާ ގޮތެއްގައި އެކަމަނާގެ ޅެންވެރިކަމުގެ ތެރެއިން، އޭރު "ނުދައްކާ" މި ފަދަ ވާހަކަތަކަށްވެސް އިޝާރާތްކުރައްވާފައިވެ އެވެ. "ދުނިޔޭގެ ޝަކުވާ" މި ޅެމުގައި އެކަމަނާ އަސަރާއެކު ލިޔުއްވާފައިވެ އެވެ.
"އަންހެނުންގެ ޝަރަފުކަމަށްވާ ޢިއްފަތާއި ލަޠީފުކަން
އަންނަ ތޫފާނެއް ޖެހޭހެން ބުރަބުރައިގެން ދާކަމުން"
"ޑްރަގްގެ ގެއްލުން" މި ޅެމުގައި ވެސް މަސްތުވާތަކެތީގެ ސަބަބުން ގެވެށި ގުޅުންތަކަށް އޮންނަ ނުރައްކަލަށް އިޝާރާތްކުރައްވާ ލިޔުއްވާފައިވެ އެވެ.
"އަޚުންނާ އުޚްތުނާ އަދި އަހުލުބައިތުންނާއި ވަކިނުވަނީ
ގަހުން ފައިބާގޮތަށް މަސްތުގެތެރޭގައި އުޅެވެނީތޯއޭ"
ހަނދާންކުރަން ޖެހެނީ މިއީ ދިވެހި ޑިމޮކްރަސީގެ ވެސް ޅަފަތުގެ ޒަމާނުގެ ޅެންވެރިކަން ކަމެވެ. ޤައުމުގެ މައްސަލަތައް، މި މިންވަރަށް ތިލަކޮށްލުމަކީވެސް އޭރުގެ މާހައުލުގައި ހާދަ ހިތްވަރެއް ހުރެގެން ކުރެވޭނެ ކަމަކަށް ވާނެބާ އެވެ. ދިވެހި މުޖުތަމަޢުގައި މިއަދުވެސް އަންހެނުންނަށް ކުރިމަތިވާ ޙަޤީޤީ ނާއިންސާފާއި، ކަރުދާހުގައި އޭރުއްސުރެ ލިބިފައިވާ ހަމަހަމަކަން ޢަމަލީ މައިދާނުގައި ދުށުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ވާހަކަ ޙަޖަމްކުރަން ދަތި ބަޔަކު އަދިވެސް ދިވެހިންގެ ތެރޭގައި އުޅޭކަމީ ފޮރުވިފައިވާ ކަމެއް ނޫނެވެ.
1900ގެ އަހަރުތަކަކީ އަވަށްޓެރި ޤައުމުތަކުގައި ވެސް "ފެމިނިސްޓް" ޅެންވެރިކަން މޫލާން ފެށި ދުވަސްވަރެވެ. އަވަށްޓެރި އިންޑިޔާއަށް ބަލާލިކަމުގައި ވިޔަސް އޭރު "ފެމިނިޒަމް" ދައްކުވާފައިވަނީ ނާއިންސާފު އާދަކާދަތަކާ މެދު ހޭލުންތެރިކުރުމުގެ ގޮތުންނެވެ. ތަފާތަކީ ދިވެހި މުޖުތަމަޢުގައި އަވަށްޓެރި ޤައުމުތަކުގައި އޮން މިންވަރަށް އަންހެނުންނަށް ކުރާ އަނިޔާތަކާއި ތަފާތުކުރުންތައް ނެތްކަމެވެ. އެހެންކަމުން އިންޑިޔާގެ އޭރުގެ ޅެންވެރިކަމުގައި އެ ދައްކާ ފަދަ ހިތްދަތި ތަޖުރިބާތަކުގެ ވާހަކަތައް ޝާއިޢުކޮށްފައިވާ ދިވެހި ޅެންވެރިކަމުގައި ފެންނާކަށް ނެތެވެ.
ފާޠިމަތު ސައީދުގެ ޅެންވެރިކަމުގައިވެސް ފެންނަނީ "ބާރުވެރިކުރުވުމުގެ" ޝުޢޫރުތަކެއް ކަމަށް ބުރަވެވެނީ މި ސަބަބާ ހުރެއެވެ. އޭރު، ޑިމޮކްރަޓިކް ޚިޔާލާތު ދިވެހިންގެ ތެރެއަށް މަޑުމަޑުން ތަޢާރަފުވަމުންދިޔަ ކަމުގައިވިޔަސް، އޭރުވެސް "އަތް ނުލެވޭ" މަޢުޟޫޢުތައް އަދަބިއްޔާތުން ފެންނާކަށް ނެތެވެ. ފާޠިމަތު ސަޢީދުގެ ޅެންތަކުގައި ވެސް އަންހެނުންގެ ބާރުވެރިކަމަށް ހިތްވަރު ދެއްވުމުގެ ޝިޢާރު ފާޅުކުރައްވާފައިވަނީ އޭގައި ޤައުމީ މަސްއޫލިއްޔަތުގެ ފޭރާން ލައްވައިގެންނެވެ. އަދި މި ދެންނެވި "އަތް ނުލެވޭ" މަޢުޟޫޢުތަކަށް އިޝާރާތްކުރައްވާފައިވަނީ އެހެން މަޢުޟޫޢުތަކުގެ ތެރެއިންނެވެ. ދެފޮޅުވަތް ދޭތެރެއިންނެވެ. އެހެންނަމަވެސް މި ޅެންތަކުން އެކަނިވެސް، ވަކި "އަރިމަތީ ސުރުޚީ"އެއްގެ ގޮތުގައި ނެގޭ މިންވަރަށް އެ މައުޟޫއަށް އެކަމަނާ އިންސާފުކުރައްވާފައިވެ އެވެ.
ދިވެހި އަދީބުންނާ ބެހޭ ލިޔުންތަކުގައި ފާޠިމަތު ސަޢީދުގެ ޅެންވެރިކަން ބަހާލާފައިވާ ބައިތަކުގެ ތެރޭގައި ޒިކުރާގެ ޅެން، ތަޢުޒިޔާގެ ޅެން، މަދަހަ އާއި ވައުޞުގެ ޅެން އަދި ޤައުމީ އިލްތިމާސްގެ ޅެން ހިމެނެ އެވެ. އަޅުގަނޑު މިއަދު މި ޗޭނަށް، އަންހެނުން ބާރުވެރިކުރުވުގެ ޅެމުގެ ބޮޅުވެސް އިތުރުކޮށްލާނަމެވެ.
90.00%
10.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
އަހަންމަދު މޮހޮންމަދު
over 3 years ago
އަތްނުލެވޭ މައުލޫތަކުގައި މިހާރު އުޅޭ ސިޔާސީ މީހުން އަތްލާކަމުން އެމީހުންގެ ސިޔާސީ ކެރިފޯރުންތެރިކަމެއް ނެތްކަންމައްޗަށް ދަލާލަތުކުރެއެވެ. އަލިފްހާ. މިލިޔުން ވަރަށް ފުރިހަމައެވެ.
Comment