Advertisement

އެމެރިކާގައި ޓިކްޓޮކް މަނާކުރަން ނިންމި ނިންމުން ބާތިލްކޮށްފި

ޓިކްޓޮކް މަނާ ކުރަން ނިންމީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް.-- ފޮޓޯ: ގެޓީ އިމޭޖަޒް


އެމެރިކާގައި ޓިކްޓޮކް މަނާކުރަން ނިންމި ނިންމުން ބާތިލްކޮށްފި

ޓިކްޓޮކް އާއި ވީޗެޓް ފަދަ ޗައިނާގެ އެޕްތައް އެމެރިކާގެ ބޭނުން ކުރުން މަނާ ކުރަން ނިންމި ނިންމުން ރައީސް ޖޯ ބައިޑެން އުވާލައްވައިފި އެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް ގިނަ މައްސަލަތަކެއް ކޯޓުގައި އޮތުމާއެކު، ރަސްމީ ސިފައެއްގައި އެޕްތައް މަނާކޮށްފައެއް ނުވެ އެވެ.

ޓްރަމްޕްގެ ނިންމެވުން އުވާލުމާއެކު ޑިޕާޓްމަންޓް އޮފް ކޮމާސްއިން އެޕްތައް މަނާ ކުރުމުގެ ބަދަލުގައި މުރާޖައާ ކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދާނެ އެވެ.

ބައިޑެން ވިދާޅުވީ މުރާޖައާ ކުރަން ޖެހޭނީ ހެކީގެ މައްޗަށް ބިނާކޮށް ލިބޭ މައުލޫމާތަށް އިސްކަންދީގެން ކަމަށާއި އެމެރިކާއާ ވާދަވެރި ޗައިނާ ފަދަ ގައުމެއްގެ އެޕަކުން އެމެރިކާގެ ސަލާމަތަށް ނުރައްކަލެއް އޮތް ތޯ ބަލައި ސާފުވާން ޖެހޭނެ ކަމަށެވެ.

މިފަދަ އެޕްތަކާ މެދު ކަންބޮޑުވާން ޖެހޭ އެންމެ ބޮޑު މައްސަލައަކީ ބޭނުން ކުރާ ފަރާތްތަކުގެ ގިނަ ޒާތީ މައުލޫމާތު އެއްކުރަމުން ދިޔުން ކަމަށް ބައިޑެން ވިދާޅުވި އެވެ.

އެމެރިކާގައި ކޮންމެ މަހަކު ވެސް ގާތްގަނޑަކަށް 80 މިލިއަން މީހުން ޓިކްޓޮކް ބޭނުންކުރެ އެވެ.