ިއިޓަލީގެ ކޯޗު ސާރީ: އޭނާ ވަނީ ލާޒިއޯއާ ހަވާލުވެފައި.
ރޯމް (ޖޫން 9) - ހުސްވެފައިވާ ލާޒިއޯގެ ކޯޗުގެ މަގާމަށް ޗެލްސީ އާއި ޔުވެންޓަސް އަށް ކުރިން ކޯޗުކޮށްދިން އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ ހަމަޖައްސައިފި އެވެ.
އުމުރުން 62 އަހަރުގެ ސާރީ ލާޒިއޯގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އޭނާ އެންމެ ފަހުން ކޯޗުކޮށްދިން ޗެލްސީ އާއި ޔުވެންޓަސްގެ ވަޒީފާ ގެއްލުނީ އެއް ސީޒަނަށް ފަހު އެވެ. މިދިޔަ އަހަރު ޖުލައި މަހު ޔުވެންޓަސް އިން ވަކިކުރި ފަހުން ސާރީ ހުރީ ޓީމަކާ ހަވާލުނުވެ އެވެ.
ލާޒިއޯގެ ކޯޗުގެ މަގާމު ހުސްވީ އެ ޓީމާ ހަވާލުވެ ހުރި ސިމޯން އިންޒާގީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް އިންޓަ މިލާނާ ހަވާލުވުމުންނެވެ. އިންޒާގީ ވަނީ ފަސް ސީޒަނުގައި ލާޒިއޯ އަށް ކޯޗުކޮށްދީފަ އެވެ.
ޗެލްސީގެ މެޗެއްގެ ތެރެއިން ސާރީ.
ޔުވެންޓަސް އިން އެންމެ ސީޒަނަކަށް ފަހު ސާރީ ވަކިކުރީ އެ ފަހަރު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފްރާންސްގެ ލިޔޯން އަތުން ކެޓުމުންނެވެ. ޔުވެންޓަސްގައި ހުރެ އިޓާލިއަން ލީގު ކާމިޔާބު ކުރި ނަމަވެސް އެއް ފެންވަރެއްގައި ފޯމް ދެމެހެއްޓިފައި ނުވާތީ ސާރީގެ ކުރިމަގާ މެދު އޮތީ ސީޒަން މެދުތެރެއިން ވެސް ސުވާލު އުފެދިފަ އެވެ.
ޔުވެންޓަސް ގޮވައިގެން އެ ފަހަރު އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕުގެ ފައިނަލުން ބަލިވިއިރު، ލީގު ހޯދީ ވެސް ކުޑަ ފަރަގަކުންނެވެ. އެ ހުރިހާ ކަމަކަށް ބަލައި ސާރީ ވަކިކުރަން ޔުވެންޓަސް އިން ނިންމީ އެވެ. ސާރީގެ ބަދަލުގައި ޔުވެންޓަސްއާ ހަވާލުވި އަންދްރެއާ ޕިރްލޯ އަށް ވެސް ވަނީ އެއް ސީޒަނަށް ފަހު ޔުވެންޓަސްގެ ކޯޗުކަން ގެއްލިފަ އެވެ.
ޗެލްސީ އަށް ކޯޗުކޮށްދިން ސީޒަނުގައި ސާރީ ވަނީ އެ ޓީމަށް 2019 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ޗެލްސީގައި ވަގުތު ދިންނަމަ ކާމިޔާބު ހޯދޭނެ ކަމަށް ސާރީ ބުނެފައިވެ އެވެ.
ސާރީ އެންމެ ފުރަތަމަ ފުޓްބޯޅަ ކޯޗުކަން ކުރީ ބޭންކެއްގައި ވަޒީފާ އަދާކުރަމުން ހުސް ގަޑީގަ އެވެ. ފުޓްބޯޅަ ކޯޗިންގެ ތެރެއަށް 1990 ވަނަ އަހަރު ވަން ސާރީ ފުލްޓައިމްކޮށް ކޯޗިންގެ މަސައްކަތް ފެށީ 1999 ވަނަ އަހަރެވެ. ކޯޗިންގައި އޭނާގެ މަސައްކަތް ފާހަގަވާން ފެށީ 2012 އިން 2015 އަށް އެމްޕޮލީ އަށް ކޯޗުކޮށްދިން ދުވަސްވަރެވެ. ފަހުން ނަޕޯލީގައި ވެސް ވަނީ ތަފާތު ދައްކައި ޝައުގުވެރި ފުޓްބޯޅައެއް ކުޅުވައިފަ އެވެ.
Comment