Advertisement

ކެނެޑާގެ މުސްލިމް އާއިލާއެއްގެ ހަތަރު މެމްބަރުން މަރާލައިފި

މަރުވި މީހުންގެ ހަނދާނުގައި ބޭއްވި އިވެންޓެއް. -- ފޮޓޯ: ރޮއިޓާޒް


ކެނެޑާގެ މުސްލިމް އާއިލާއެއްގެ ހަތަރު މެމްބަރުން މަރާލައިފި

ރާވައިގެން ހިންގި ޓެރަރިޒަމްގެ އަމަލެއްގައި ޓްރަކަކަށް ހަމަލާދީ ކެނެޑާގައި މުސްލިމް އާއިލާއެއްގެ ހަތަރު މެމްބަރުން މަރާލައިފި އެވެ.

ކެނެޑާގެ ފުލުހުން ބުނީ އެ ހާދިސާ ހިނގީ އޮންޓާރިއޯ ޕްރޮވިންސްގެ ލަންޑަން ސިޓީގައި ކަމަށެވެ. ހަމަލާގައި މަރުވެފައި ވަނީ އުމުރުން 74 އަހަރާއި 44 އަހަރުގެ ދެ އަންހެނުންނާއި، 46 އަހަރުގެ ފިރިހެނަކާއި 15 އަހަރުގެ އަންހެން ކުއްޖެކެވެ.

ހަމަލާއިން ސަލާމަތްވީ އެ އާއިލާގެ އުމުރުން ނުވަ އަހަރުގެ ފިރިހެން ކުއްޖަކު އެކަންޏެވެ. އެ ކުއްޖާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ވާއިރު، މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ނަމަވެސް ފުރާނައެއް ނުރައްކާވާ ފަދަ ހާލަތެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ.

ހަމަލާއާ ގުޅިގެން އުމުރުން 20 އަހަރުގެ ކެނެޑާ ރައްޔިތަކާ ދެކޮޅަށް ވަނީ ދައުވާ އުފުލާފަ އެވެ.

މިއީ 2017 ވަނަ އަހަރު ކުވެބެކް ސިޓީގެ މިސްކިތަކަށް ހަމަލާދީ ހަ މީހުން މަރާލި ފަހުން ކެނެޑާގައި މުސްލިމުންނާ ދެކޮޅަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.

"މިހާތަނަށް ބެލެވޭ ގޮތުގައި މި އާއިލާއަށް ޓާގެޓު ކުރީ އެ މީހުންނަކީ މުސްލިމުން ކަމަށް ވާތީ،" ފުލުހުންގެ ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ޕޯލް ވްރައިޓް ނޫސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.

ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ގަސްތުގައި މީހުން މެރުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އުފުލަން ދަނީ ވިސްނަމުންނެވެ.

އެ މީހާ ދަނެގަނެ ފުލުހުން ވަނީ މީޑިއާއަށް ވަނަވަރު ހާމަކޮށްފަ އެވެ. އޭނާއަކީ އެ ސިޓީގައި ދިރިއުޅޭ އުމުރުން 20 އަހަރުގެ ނަތާނިއެލް ވެލްޓްމޭން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރީ ހަމަލާ ދިން ސަރަހައްދާ ހަ ކިލޯމީޓަރު ދުރުގައި ހުރި ޝޮޕިން ސެންޓަރެއް ތެރެއިންނެވެ. ފުލުހުން ހައްޔަރު ކުރުމުން އޭނާ ވަނީ ސުލްހަވެރިކަމާއެކު ގޮސްފަ އެވެ.

އޭނާއާ އެއްވެސް ގްރޫޕަކާ ގުޅުމެއް އޮތްކަން އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ އާއި މަރުވި މީހުންނަކީ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ހެދި ބޯހިމެނުމުން ދެއްކި ގޮތުގައި ޓޮރޮންޓޯގެ ހުޅަނގު ދެކުނުން 200 ކިލޯމީޓަރު ދުރުގައި އޮންނަ ލަންޑަން ސިޓީގައި އެކި ނަސްލުތަކާއި ދީންތަކަށް ނިސްބަތްވާ މީހުންގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން އެ ތަނުގައި އުޅޭ ކޮންމެ ފަސް މީހަކުން އެކަކަކީ އެހެން ގައުމަކަށް އުފަން، ކެނެޑާއަށް ހިޖުރަކޮށްފައިވާ މީހެކެވެ. އެ ތަނުގެ އެންމެ ބޮޑު މައިނޯރިޓީ ގްރޫޕަކީ އަރަބިންނެވެ.