Advertisement

ފްރެންޗް އޯޕަން: ސެރީނާ ކަޓައިފި، އަނިޔާވެގެން ފެޑެރާ ވަކިވެއްޖެ

7 ޖޫން 2021 - 13:04 0

ފްރެންޗް އޯޕަންގެ ތެރެއިން ފެޑެރާ (ކ) އާއި ސެރީނާ.


ފްރެންޗް އޯޕަން: ސެރީނާ ކަޓައިފި، އަނިޔާވެގެން ފެޑެރާ ވަކިވެއްޖެ

7 ޖޫން 2021 - 13:04 0

ޕެރިސް (ޖޫން 7) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުން މަޝްހޫރު އަންހެން ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ކެޓިއިރު، އަނިޔާ އިން ސަލާމަތްވެ ފިޓްކޮށް ހުންނަން ބޭނުންވާތީ ރޮޖާ ފެޑެރާ މުބާރާތުން ވަކިވެއްޖެ އެވެ.

ތޭވީސް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސެރީނާ މި ފަހަރުގެ ފްރެންޗް އޯޕަން އިިން ކެޓީ މުބާރާތުގެ ހަތަރު ވަނަ ބުރުގައި ކަޒަކްސްތާންގެ އެލީނާ ރީބަކީނާ އަތުން ބަލިވުމުންނެވެ. އުމުރުން 39 އަހަރުގެ ސެރީނާ އަތުން 21 އަހަރުގެ އެލީނާ މޮޅުވި މެޗުގެ ސެޓުތައް ދިޔައީ 6-3 7-5 އިންނެވެ.

މި މުބާރާތުން ސެރީނާ ކެޓުމާ އެކު 24 ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށް ކުރީގެ ކުޅުންތެރިޔާ މާގަރެޓް ކޯޓްގެ ރެެކޯޑާ ހަމަކުރަން އިތުރު އިންތިޒާރެއް ވަނީ ކުރަން ޖެހިފަ އެވެ. ސެރީނާ އެންމެ ފަހުން ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބުކުރީ 2017 ވަނަ އަހަރު އެވެ. އެއީ އެ ފަހަރުގެ އޮސްޓްރޭލިއަން އޯޕަން އެވެ.

"ކެރިއަރު ހުއްޓާލާކަށް ނުވިސްނަން. އަހަންނަށް އަދިވެސް އެންމެ މަތީ ލެވަލްގައި ކުޅެވޭނެކަން މެޗުތައް މިދާ ގޮތުން ވެސް އެބަ އެނގޭ. އެއް ޕޮއިންޓް ދެ ޕޮއިންޓެއް ގެއްލިގެން މެޗު އެނބުރިގެންދާ ތަން މި ފެންނަނީ،" ސެރީނާ ބުންޏެވެ.

އޭނާ ބުނީ ކުޅުން ރަނގަޅުކޮށް މި މަހު ފަހުކޮޅު ފަށަން ނިންމާފައިވާ ވިމްބަލްޑަން ޓެނިސް މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.

މިއަދު ފްރެންޗް އޯޕަންގެ ހަތަރު ވަނަ ބުުރުގައި އިޓަލީގެ މަޓެއޯ ބެރެޓީނީއާ ދެކޮޅަށް ފެޑެރާ ކުޅެން އޮތް މެޗު އޮތީ ތާވަލުކޮށްފަ އެވެ. އުމުރުން 39 އަހަރުގެ ފެޑެރާ މުބާރާތުން ވަކިވާން ނިންމީ އެ މެޗުގެ ކުރިންނެވެ.

ފެޑެރާ ބުނީ މުބާރާތުން ވަކިވާން ނިންމި އެންމެ ބޮޑު ސަބަބަކީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުނުވެ ހުރެ މެޗުތަކުގައި ކުޅެން ބޭނުންނުވާތީ ކަމަށެެވެ. ފެޑެރާ ބުނީ އެ ގޮތަށް ނިންމީ އޭނާގެ ޓީމާ މަޝްވަރާ ކުރުމަށް ފަހު ކަމަށެެވެ.

"އަހަރެން ފަހުރުވެރިވޭ ތިން މެޗުން މޮޅުވެގެން މި ހިސާބަށް އާދެވުނިތީވެ. އެކަމަކު މި ވަގުތު އަހަރެންގެ ހަށިގަނޑަށް އިތުރު ލޯޑެއް ދިނުން އެއީ ކެރިއަރުގައި ކުރިއަށްދާން ގޮންޖެހުން ކުރިމަތިވެދާނެ ކަމެއް ކަމަށް ބެލެވޭތީ މުބާރާތުން ވަކިވާން ނިންމީ،" ފެޑެރާ ބުންޏެވެ.

ފެޑެރާ ވަނީ މި މަހު ފަށާ ވިމްބަލްޑަންގައި ކުޅުމުގެ އުއްމީދު ދޫކޮށްނުލާ ކަމަށް ބުނެފަ އެވެ.

ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން 2009 ވަނަ އަހަރު ހޯދި ފެޑެރާ މިދިޔަ އަހަރު ވަނީ ކަކުލުގެ ދެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި މި ފަހަރުގެ ފްރެންޗް އޯޕަން އަށް އައުމުގެ ކުރިން މިދިޔަ 16 މަސް ދުވަހު ފެޑެރާ ކުޅުނީ ވާދަވެރި ތިން މެޗެވެ.