Advertisement

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


ރުއިމަކީ، މިހާގެ ހިތަށް ވެރިވާ އިންތިހާގެ ހިތާމަ އާއި މޮޅިވެރިކަން ފާޅުކުރާން އޮންނަ ގުދުރަތީ މަންސައެވެ. ލޮލުން ހޯސްލާފައި ކަރުނަ އޮހޭނެ އެވެ. އަޑުހަރުކޮށް ގިސްލެވޭނެ އެވެ. ފައިގެ އިނގިލިތަކުން ފެށިގެން ބޮލުގެ އިސްތަށިތަކަށް އެ މޮޅިވެރިކަން އިހުސާސްކުރެވި، ތުއްތު ކުއްޖެއް މައިމީހާގެ އުރުގައި ގުޅަވެލާ ބީދައިން ހަށިގަނޑު ކުރުގެޅުވޭނެ އެވެ. ތިމާގެ އިހުސާސްތަކުގެ މައްޗަށް އޮންނަ ބާރާއި އިހުތިޔާރު، އެ ހިނދުކޮޅަށް ތިމާގެ އަތުން ބީވެގެންދާނެ އެވެ. އެހެން ނަމަވެސް އެންމެ ވޭންހުރި ރުއިމަކީ ހިމޭން ރުއިންކަމުގައި ބުނާ އަޑު އަހަމު ހެއްޔެވެ؟

23 އޮކްޓޯބަރު 2020 ގައި ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓުގައި، ކުޅަދާނާ ލިޔުންތެރިޔާ، ތަޖުރިބާކާރު ނޫސްވެރިޔާ، މަޝްހޫރު ޕްރެޒެންޓަރު އަދި ގާބިލު ޅެންވެރިޔާ އަހުމަދު ޖަދުއާން ޝާއިއުކުރައްވާފައިވާ ޅެމުގައި ދައްކަވާފައިވަނީ މިފަދަ ވޭންހުރި ހިމޭން ރުއިމެއްގެ ވާހަކަ އެވެ. ދިވެހި ގައުމުގެ ރުއިމުގެ ވާހަކަ އެވެ. ދިވެހި ބަހާއި، ދީނާއި ސަގާފަތް "ޒަހަމުވެފައިވާތީ" ރޯ ރުއިމުގެ ވާހަކަ އެވެ.

ދިގުވަޒަނަށް ލިޔުއްވާފައިވާ ފަސް ބައިތުގެ މައްޗަށް އެލުވިގެންވާ މި ޅެމުގައި ކޮންމެ ބައިތެއްގެ ވެސް ސަދުރާއި އަޖުޒުގައި ބަނޑުވައްއަކުރާއި ފިލިކޯޅި ވަނީ އެއްގޮތްކުރައްވާފަ އެވެ. ކާފިޔާ ހަމަކުރައްވާފައިވަނީ ހުރިހާ ބައިތެއްގެ އަޖުޒުގެ ނިންމުން، ފުރަތަމަ ބައިތުގެ ނިންމުމާ އެއްގޮތްކުރައްވައިގެންނެވެ. ބަނޑުވައްއަކުރާއި ކާފިޔާ އެއްގޮތްކުރުމަކީ ޅެމުގެ ފަންވަރު ދައްކުވައިދޭ ނިޝާންތަކަށް ވާ ނަމަވެސް، ޅެމުގެ ހަގީގީ ހަޒަނާއަކީ ޅެމުގެ މައުލޫކަމުގައި އަޅުގަނޑު ދެކެމެވެ.

ދެ ހާސް ވަނަ އަހަރުގެ އޭޕްރިލް މަހު ޝާއިއުކުރި "ފަތްތޫރަ" މަޖައްލާގެ 253 ވަނަ އަދަދުގައި، "އަދަބީ ފާޑުކިޔުން" މި މައުލޫގެ ދަށުން މުހައްމަދު ވަހީދު ނަދުވީ ލިޔުއްވާފައިވެ އެވެ.

"މިޒަމާނުގެ އަދަބީ ފާޑުކިޔުމުގައި ލަފުޒުތައް ގިރިޓީކުރުމާއި އިބާރާތްތައް މުލަންމާކޮށްފައި ހުންނަ ހުރުމަށްވުރެ މުހިއްމު ކަމުގައި ދެކެނީ ޅެމުގެ މައުލޫ އެވެ. ޅެމުގައިވާ ހިޔާލުތަކާއި ފިކުރާއި ޖަޒުބާތެވެ. ޅެމުގައި އަސަރުކުރުވުމުގެ ބާރުހުރި މިންވަރެވެ،"

"ހިމޭން ރުއިން" މި ޅެމަކީ ނަދުވީ އެ ވިދާޅުވި ހުރިހާ ސިފައެއް ފެންނާންހުރި، އެމުނިއެކުލުވެން ވެސް ރީތި ޅެމެކެވެ. ބުނާތީ އަޑުއަހަމެވެ. މިއަދުގެ ޒުވާނުންގެ ތެރޭގައި ޔޫސުފް މުހައްމަދުފުޅުގެ އަރިހުން އެދުރުވެވަޑައިގެންނެވި ޅެންވެރިންގެ އެ ހުރި ފަންވަރު ހުރި ޅެންވެރިއެއް ނުހުންނާނެ އެވެ. މިއަދުގެ ޒުވާން ޅެންވެރިންގެ ޅެންތަކުގައި ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްވެ ކާފިޔާ ހަމައިއްޔާ ޅެމުގެ މައުލޫގައި ފުންމިނެއް، އަސަރެއް ނުހުންނާނެ އެވެ. އެހެން ނަމަވެސް މި ޒަމާނުގެ ޅެންވެރިންނަށް އަމާޒުކޮށް ބުނެވޭ މި ފަދަ ދެރަބަސްތަކަށް މި ޅެމުން ރައްދު ދެއޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ.

ޖަދުއާން ޅެން ފައްޓަވަނީ މުޅި ޅެމުގައި ދައްކަވަން ގަސްދުކުރައްވާ ވާހަކައަށް ސުރުހީ އަޅުއްވަމުންނެވެ.

"އަހާށޭ ކޮންމެ ވެލިފުކަކުން އިވޭނީ ގިސްލުމާ ރުއިމޭ

ބަހާ ދީނާ ސަގާފަތުގައި ޒަހަމުހުރެ ރޯ ހިމޭން ރުއިމޭ"

އެންމެ ފުރަތަމަ ވެސް ކިޔުންތެރިޔާގެ ކިބައިން އެދިވަޑައިގަންނަވަނީ އަޑުއެއްސެވުމަށެވެ. އެއަށް ފަހު، ދިވެހި ބިމުގެ ކޮންމެ ވެލިފުކަކުން ވެސް އިވެނީ، ދިވެހި ބަހާއި އިސްލާމް ދީނާއި، ސަގާފަތުގައި ޒަހަމް ހުރީތީ ރޯ ރުއިމުގެ އަޑުކަމަށް ވިދާޅުވެ އެވެ. ފުރަތަމަ ބައިތުގެ ސަދުރުގައި މިއީ "ކޮންމެ ވެލިފުކަކުން" އިވޭ އަޑެއްގެ ގޮތުގައި ސިފަކުރެއްވުމުން މައްސަލައިގެ ކުޑަބޮޑުމިން ކިޔުންތެރިންނަށް އޮޅިގެން ނުދެ އެވެ. ދިވެހިން މިސާލުޖެހުމުގައި ކޮންމެ ވެލިފުކެކޭ ބުނެ އުޅެނީ ގުނާ އަދަދު ނުކުރެވޭ މިންވަރު ދޭހަކޮށްދިނުމަށެވެ. މިއީ ކޮންމެހެން ހިތާމައިގެ އިންތިހާ ސިފަކޮށްދޭ މިސާލެއް ނޫނެވެ. ގައުމީ ކޮންމެ އިހުސާސެއްގެ އިންތިހާ ސިފަކުރުމަށް މި ލަފުޒު ބޭނުންކުރެ އެވެ. އަބްދުއްރަޝީދު ހުސައިންގެ މަޝްހޫރު ޅެންބައިތެއްގައި ދިވެހިންގެ ހުއްބުލްވަތަން ސިފަކުރައްވަމުން "މިވެލީ ކޮންމެ ފުކެއްގައި" ގައުމީ އިހުސާސްވާކަމަށް ސިފަކުރައްވާފައިވެ އެވެ. ޖަދުއާންވެސް މި މިސާލު ބޭނުންކުރައްވާފައިވަނީ އެ ގިސްލުމާއި ރުއިމުގެ މުހިއްމުކަން ދޭހަކޮށްދެއްވުމަށްޓަކަ އެވެ. އެ މައްސަލައިގެ ބޮޑުކަމަށް އިޝާރާތްކުރެއްވުމަށްޓަކައެވެ.

ފުރަތަމަ ބައިތުގެ އަޖުޒުގައި ގައުމު އެ ރޯ ރުއިމަކީ ހިމޭން ރުއިމެއްކަމަށް ޖަދުއާން ސިފަކުރައްވައި ޅެމުގެ މައުލޫ ތައާރަފުކުރައްވަ އެވެ. ކަރުނަ އާއި ގައުމިއްޔަތަކީ އަދަބިއްޔާތުގައި ވަރަށް ގިނައިން، އެކުއެކީގައި ފެންނަ ދެ އިހުސާސެވެ. ދިވެހި އަދަބިއްޔާތުގައި އެކަންޏެއް ނޫނެވެ. އަރަބި، އިނގިރޭސި އަދި އުރުދޫ ޅެންވެރިކަމުގައިވެސް މެ އެވެ. ޢއަރަބި ސިޔާސީ ޅެންވެރިކަން ދިރާސާކުރައްވާ ދިރާސާވެރިއެއްކަމުގައިވާ މުނާ މިޚައިލް ވިދާޅުވަނީ ސިޔާސީ ޅެންވެރިކަމުގައި، ހާއްސަކޮށް ގައުމީ ލޯބީގެ ތެރެއިން އިންގިލާބީ ރޫހެއް އުފަންކުރުވުމުގެ މާނައިގައި އެކުލަވާލާފައިވާ ޅެންޅެމުގައި، އެ މުޖުތަމައެއްގައި އަގުކުރާ ސިފަތަކެއް ގެއްލޭތީ ގައުމު ކަރުނައަޅާކަމަށް ސިފަކުރަނީ، ކިޔުންތެރިޔާގެ ހިތުގައި ހެޔޮ ބަދަލެއް ގެނައުމުގެ ރޫހު އަށަގެންނެވުމަށަވެ. ޖަދުއާންގެ މި ޅެމުގައިވެސް ފުރަތަމަ ބައިތުގެ އަޖުޒުގައި، މުނާ އެ ވިދާޅުވާފަދައިން، ދިވެހިން އަގުކުރާ ސިފަތަކެއްކަމުގައިވާ ދީނާއި، ބަހާއި ސަގާފަތުގައި ޒަހަމްތަކެއް ހުރި ކަމަށް ޖަދުއާން ސިފަކުރައްވާފައިވެ އެވެ. އެ ބައިތު ކިޔާލުމާއެކު ޒަހަމްވެފައިވާ ގައުމުގެ ހިމާޔަތުގައި ތެދުވުމުގެ އިންގިލާބީ ޖަޒުބާތު ކިޔުންތެރިންގެ ހިތްތަކުގައި އުފެދިގެންދެ އެވެ.

މީގެ އިތުރުން ހިމޭން ރުއިމެކޭ ދެންނެވުމުން އޭގައި ހިފެހެއްޓުމެއް ވާކަން ގަބޫލުކުރަން އެބަޖެހެ އެވެ. ގައުމު އެކުރާ ޝަކުވާ ވެސް މިނިވަންކަމާ އެކު ފާޅު ނުކުރެވޭކަން ދޭހަކުރެވިދާނެ އެވެ. މިއީ ބަލައިގަންނަން އެހާ ދަތި މާނަކުރުމެއް ނޫނެވެ. ވަރަށް ގިނަ ފަހަރަށް ބަހާއި ދީނާއި ސަގާފަތުގައި ހިފައިގެން ގައުމީ ލޯބި މާނަކުރާ މީހާ މިއަދު ވެގެންދަނީ ގިނަ ބައެއްގެ މަލާމާތް ރައްދުވާ މީހަކަށެވެ. ގައުމުގެ ހިތާމަ، ހިންދާލައިގެން، ހިމޭން ރުއިމެއް ރޯންޖެހޭ ސަބަބަކީ މިއީކަމަށް ވުންވެސް އެކަށީގެންވެ އެވެ.

ޅެމުގެ ދެންހުރި ބައިތަކުގައި މިކަމުގެ ތަފްސީލު ޅެންވެރިޔާ ސިފަކުރައްވައެވެ.

"ދިވެހި، ދިވެހީގެ ގޮތުގައި އިހުޒަމާނާ މިއަދުވެސް މި އޮތީ

ދިވެހި ބަހު، ވިންދުހުރުމުންކަން އޮޅޭތީ ރޯ ހިމޭން ރުއިމޭ"

ފުރަތަމަ ބައްލަވާފައި މިވަނީ ބަހަށެވެ. ދިވެހި ބަހަކީ މި ޒަމާނަށް އެކަށޭނަ ބަހެއްތޯ ނުވަތަ ނޫންތޯ މިއީ، މި ފަހަކަށް އައިސް ވަރަށް ގަދައަށް ކުރެވޭ ސުވާލެކެވެ. ޅެންވެރިޔާ މި ވިދާޅުވަނީ، ދިވެހިބަސް އޭރު ވެސް އަދި މިއަދުވެސް ދެމި އޮތީ، ދިވެހި ބަހުގައި ދިރުން ހުރުމުންކަން ބަޔަކަށް އޮޅިފައިވާ ވާހަކައެވެ. އަދި އެކަމާ ދިވެހި ކޮންމެ ވެލިފުކެއް ވެސް ހިތާމަކުރާ ވާހަކަ އެވެ. މިބައިތުން، ދިވެހި ބަހުގެ ބަހަވީ ގާބިލިއްޔަތާމެދު ޅެންވެރިޔާގެ އެއްވެސް ސުވާލެއް ނެތްކަން ސާބިތުވެ އެވެ. އަދި އެކަމާ ސުވާލު އުފައްދާ މީހުން އެވަނީ އޮޅުމެއްގެ ތެރޭގައިކަން އަންގައިދޭން، ޅެންވެރިޔާ ބޭނުންފުޅުވާކަން ވެސް ދޭހަވެގެންދެ އެވެ. ތިލަކޮށް ދަންނަވާނަމަ، މައްސަލައަކީ ބަހުގެ މައްސަލައެއް ނޫނެވެ. ބަސް ބަލައިނުގަތުމުގެ މައްސަލައެކެވެ. މިއީ ހަމައެކަނި ޖަދުއާންގެ ރައުޔެއް ނޫނެވެ. ބަހަވީ އިލްމުގެ ގިނަ ދިރާސާވެރިންގެ ރައުޔަކީ ވެސް މިއީ އެވެ. ދެ ހާސް އެއް ވަނަ އަހަރުގެ އޯގަސްޓު މަހު، ފަތްތޫރައިގެ 269 ވަނަ އަދަދުގައި "ގައުމު މުސްކުޅިވަމުން ދާންފެށުމުން..." މި މައުލޫއަށް މަޑުލު މުހައްމަދު ވަހީދު ލިޔުއްވާފައިވާ މަޒުމޫނެއްގައިވެ އެވެ.

"ދިވެހިބަހަށް މިވަގުތު މެދުވެރިވެފައިވާ ހަމައެކަނި މައްސަލައަކީ ގައުމުގެ ހަނދާން ބަލިވަމުންދާކަން އެކަންޏެއްނޫނެވެ. ކަންފަސޭހަމާއި، ފަރުވާކުޑަވުމާއި ކޮންމެ ގޮތެއް ވަރިހަމަވުމުގެ ނޭދެވޭ އަސަރުތައް ބަހަށް ފޯރަމުންދަނީ، ވަރަށް ބޮޑަށެވެ."

ޅެމުގެ ތިންވަނަ ބައިތުގައި ޖަދުއާން ބައްލަވާފައިވަނީ ދިވެހިންގެ ދީނުގެ މައްޗަށެވެ.

"ޖަހާލަތުގައި ލިބުނު އަނިޔާ ލަތީފީ ޖިންސު ދަންނާނޭ

ބަހާރުގެ ރޯޅިހެން އައި ދީން އޮޅޭތީ ރޯ ހިމޭން ރުއިމޭ"

ހާދަހާ ރީތި ސިފަކުރުމެކެވެ. ހާދަ ފުން މާނައެކެވެ. ހާދަ މުއްސަނދި ބަސްކޮށާރެކެވެ. ޖަހާލަތުގެ ދުވަސްވަރު ނުވަތަ އިސްމާލް ދީން ފާޅުވުމުގެ ކުރިން ދުނިޔެ ދުއް އަނިޔާ އާއި ނާއިންސާފު އެންމެ ރަނގަޅަށް ދެކެ ތަޖުރިބާކޮށްފައިވާނީ އޭރުގެ "ލަތީފީ ޖިންސު" ނުވަތަ އަންހެނުންކަމީ ދެބަސްވުމެއް ނެތް ކަމެކެވެ. މިއީ ސިޔަރަތުންވެސް ސާބިތުވާ ވާހަކަތަކެވެ. ދިވެހި ތާރީހަށް ބަލާލި ކަމުގައިވިޔަސް، އިސްލާމް ދީން އައުމުގެ ކުރިން "ރަންނަމާރި"އަށް ހަދިޔާކުރި އިއްފަތްތެރި އަންހެންކުދިންގެ ވާހަކައިން އެކަނިވެސް އޭރު އަންހެނުންނަށް ތަހައްމަލުކުރަން ޖެހުނު ނާއިންސާފާއި އަނިޔާ ފެންނާން އެބައޮތެވެ. މި އަނިޔާތަކުން ރައްކާތެރިކޮށްދިނުމަށް އިސްލާމް ދީން އައިސްފައިވަނީ "ބަހާރުގެ ރޯޅިއެއް"ފަދައިންކަމަށް ޅެންވެރިޔާ ސިފަކުރައްވާފައިވެ އެވެ. ޅެންވެރިކަމުގައި "ބަހާރު" ބޭނުންކުރަނީ މަޖާޒީ މާނައެއްގައި އުފާވެރިކަން ސިފަކުރުމަށެވެ. އުފާފާގަތިކަމާއެކު އެ އައި ދީން މިއަދު އޮޅޭތީ، ގައުމު ރޯ ހިމޭން ރުއިމުގެ ވާހަކަ ޅެންވެރިޔާ ވިދާޅުވެފައިވެ އެވެ. ދީން އޮޅުމުގެ ނަތީޖާ ޅެންވެރިޔާ ތަފްސީލުކުރައްވާފައި ނުވާ ނަމަވެސް، އުފާވެރިކަމާއި ތާޒާކަމާއި ފުރިހަމަކަން ރަމްޒުކޮށްދޭ ބަހާރުގެ ރޯޅިއެއްހެން އައި ދީން އޮޅުމުން ދެން ބަދަލުވާނީ ހަރީފަށްކަން ކިޔުންތެރިންނަށް ދޭހަ ކުރެވިދާނެ އެވެ.

ޅެމުގައި ދެން ޅެންވެރިޔާ އަލިއަޅުއްވާލަނީ ގައުމީ ވާޖިބުގެ މައްޗަށެވެ.

"ހިތާ ހަށިގަނޑުގެ ވާޖިބަކީ، ދިރޭ ހުއްބުލް ވަތަންކަމުގައި

މިތާ އަމަލާ ބަހުން ސާބުތު ނުވާތީ ރޯ ހިމޭން ރުއިމޭ"

މި ބައިތުގައި ގައުމު ހިތާމަކުރަނީ ހުއްބުލްވަތަން ދިރުވާ އާލާކުރުމަށް އަމަލާއި ބަހުން މަސައްކަތްކުރުމަކީ ފަރުދުންގެ ހިތާއި ހަށިގަނޑުގެ ވާޖިބުކަމުގައި ނުދެކޭތީ އެވެ. ޢަބްދުﷲ ސައީދު ލިޔުއްވާފައިވެ އެވެ.

"ހުއްބުލްވަތަން ނުވަތަ ޕެޓްރިއޮޓިޒަމްއަކީ ގައުމީ ލޯތްބެވެ. ގައުމު ދެކެ ލޯބިވުމެވެ. އެއީ ގައުމު، ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމުވެ. ގައުމުގެ ފަސްގަނޑާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކޮށް ދިފާއުކުރުމެވެ. ގައުމުގެ ސިޔާދަތަށް ކުޑަނަމަވެސް ލޮޅުމެއް އެރިޔަ ނުދިނުމެވެ،"

ޖަދުއާންގެ ޅެމުގައި އެ ހިތާމަ ފާޅުކުރައްވަނީ، މަތީގައި މި ދެންނެވި ފަދަ އިހުސާސްތައް މިއަދު ގައުމުން ނެތެމުންދާތީ އެވެ. އެއީ "ހިތާއި ހަށިގަނޑުގެ ވާޖިބެއްކަން" ތިމާގެ ބަހާއި އަމަލުން ނުދެއްކޭތީ އެވެ. މިފަދަ ޝުއޫރެއް ފާޅުކުރަން މިއީ ވަރަށް މުނާސަބު ދަނޑިވަޅެކެވެ. އެއްބަޔަކު ގައުމީ ލޯބީގެ ޝުއޫރުތައް ފާޅުކުރި ނަމަވެސް، އެކަމަށް އަމަލީ ސިފައެއް ނުގެނެ އެވެ. އަނެއް ބަޔަކު ގައުމީ ލޯބި ސިފަކުރަނީ އެބަޔަކު ތާއީދުކުރާ ސިޔާސީ ފިކުރަކަށް އޮންނަ ލޯބީގެ ގޮތުގަ އެވެ.

މިއި ދިވެހިންނަށް އެކަނި އޮތް ގޮންޖެހުމެއް ނޫނެވެ. "ޕޭޓްރިއޮޓިޒަމް: އެންޝަންޓް އެންޑް މޮޑާން" މި ނަމުގައި 2005 ވަނަ އަހަރު ހެރިސް މިލޯނަސް ކުރައްވާފައިވާ ދިރާސާއެއްގައި ޒަމާނީ ގައުމީ ލޯބި ސިފަކުރައްވަނީ، އޮޅުންބޮޅުން ބޮޑު މަފްހޫމެއްގެ ގޮތުގަ އެވެ. އެގޮތުން، ރައްޔިތަކު ވެރިއަކަށް ދޭ ހިފެހެއްޓުމެއް ނެތް އެއްބާރުލުމުން އޭނާ ފެއަށް ޖެހޭނީ ކިހާ ހިސާބަކުންތޯ މިލޯނަސް ސުވާލު އުފައްދަވަ އެވެ. އަދި ޖަމާއަތުގެ އަގުލަބިއްޔަތާ ހިޔާލު ތަފާތުވާ ހިނދު، އޭނާ އަގުލަބިއްޔަތުގެ ރޫހާ ދެކޮޅަށް މަސައްކަތްކުރުމަކީ ހުއްބުލްވަތަނާ ދެކޮޅަށް މަސައްކަތްކުރުންތޯ މިލޯނަސް ސުވާލުކުރައްވަ އެވެ. ދައުލަތަކަށްޓަކައި ވަކި ފަރުދަކު މަރުދޭންވީ ސަބަބެއް އެބައޮތްތޯ ވެސް އޭނާ ސުވާލުއުފައްދަވަ އެވެ.

ނަވާގަން އަލީ މޫސާ ދީދީގެ މަޝްހޫރު ފޮތް "ސިޔާސީ ކެންސަރު"ގައި މުސައްނިފު ސިފަކުރައްވާފައިވެ އެވެ.

"ދިވެހިންނަށް ޖެހޭ އެންމެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވަނީ ސިޔާސީ ކެންސަރެވެ. އަތުގައި ދެލާރިފޮތި ހަރުލާއިރަށް ދެން ޖެހެނީ ވެރިކަމާއި ލޮބާޑިލާށެވެ. އުޑެއްބުޑެއް ރައްބީއެއް ރަސޫލެއް ވަކިނުވިޔަސް ޝަހާދަތުގެ ދެކަލިމަ ނޭނގުނަސް އަދި ބޭރުބަހަކުން ޔޭސް ބުނަން އެނގިލީމާ މިއޮތީ ކަންތަކާ ލައިގެންފަ އެވެ."

މިހާ ހިސާބުން ދެން ފެންމަތިވަނީ، ޅެންވެރިޔާ މި ވިދާޅުވާ ހުއްބުލްވަތަނަކީ މިނިވަން މި ހިޔާލުގެ މި ޒަމާނުގައި އާލާނުކުރެވޭނެ ޝިއާރެއްތޯ އުފެދޭ ސުވާލެވެ. ޅެންވެރިޔާ ދެކިވަޑައިގަންނަވަނީ ގައުމީ ލޯތްބަކީ ވާޖިބެއްކަމަށެވެ. އަދި އެ ލޯބި ބަހާއި އަމަލުން ދައްކާ ބަޔަކު ނެތުމަކީ ވެސް ގައުމުގެ ރުއިމަށް މަގުފަހިވާ ސަބަބެއްކަމަށެވެ. މިހުރިހާ ސިފަތައް ގއުމުގައި ގެއްލެމުން ދިއުމުގެ ނަތީޖާ ޖަދުއާން ހުލާސާކުރައްވަނީ ޅެމުގެ ފަހު ބައިތުގައެވެ.

"ޖެހޭހައި އެކި ނުބައި ވައިގައި، ޖެހޭ މިސްރާބަކަށް ދާތީ

ބެހޭ ހެން އޮޑި އޮޔާދާތީ، ބިމުން ރޯ މީ ހިމޭން ރުއިމޭ"

ދިވެހި އަދަބިއްޔާތުގައި އަދި ބަސްމޮށުންތެރިކަމުގައިވެސް ގައުމު، އޮޑިއެއްގެ ގޮތުގައި ސިފަކުރުމަކީ އާއްމުކަމެކެވެ. ވެރިކަމުގައި ހުންނަ ބޭފުޅަކު ހިއްޕަވަނީ "ގައުމުގެ ހުންގާނުގަ"އެވެ. ވެރިޔާ ގައުމާއެކު ދަތުރުކުރައްވަނީ "ކޮޅި ގަނޑެއްގައި ނުޖެހި" "އަމާން ބަނދަރަކަށެވެ." ޅެންވެރިކަމުގައިވެސް މިއީ އާއްމު މިސާލެކެވެ. ފާތިމަތު ސައީދުގެ ޅެން، "އަޅުގަޑުމެންގެ އަޒުމް"ގައިވެސް ގައުމިއްޔަތައިގެން ކުރިއަށް ދާނީ "ހަރުދުވެއްޔެއްގައި"، "ފަރުތަކަށް ނާރާގޮތަށް ބަނދަރަށް ދެވޭތޯ"ކަމަށް ސިފަކުރައްވާފައިވެ އެވެ. ވަށައިގެން ކަނޑު އޮންނަ ގައުމެއްގައި ކަނޑުދަތުރުފަތުރާ ގުޅޭ މިސާލުބަސްތައް ގެންގުޅުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ.

ޖަދުއާން ވެސް ގައުމު ސިފަކުރައްވާފައިފައި މިވަނީ މިސްރާބު ގެއްލިފައިވާ އޮޑިއެއްގެ ގޮތުގަ އެވެ. ދިވެހި ގައުމިއްޔަތުގެ ރުކުންތައް "ޒަހަމު"ވެފައިވާ ހިނދު، ގައުމިއްޔަތުގެ އޮޑި ބެހިގެން ނުދާންވީ ކީއްވެގެން ހެއްޔެވެ. ނުބައި ވައިގައި ނުޖެހޭންވީ ކީއްވެގެން ހެއްޔެވެ؟ އޮޑީގެ މުހިއްމު ބައިތަކަކަށް ގެއްލުންވެ، މިސްރާބު ގެއްލިފައިވުމުން، ޖެހޭ ކޮންމެ ނުބައިވައެއްގައި އޮޑި ބެހިގެންދާތީ ގައުމު ހިތާމަކުރާކަން ޅެންވެރިޔާ ސިފަކުރައްވަ އެވެ.

"ހިމޭން ރުއިން" މި ޅެމުގެ ޖުމުލަ މާނައަށް ބަލާއިރު، ސިފަވެގެންދަނީ ގައުމު ދެކެ ލޯބިވާ ރައްޔިތެއްގެ މާޔޫސީ އެވެ. ދިވެހި ބަހުން ގައުމީ ޅެން ހަދާތާ އެތައް ޒަމާނެއް ވެފައިވާ ނަމަވެސް މި މާޔޫސީ އާއި ހިތްދަތިކަމުގެ ސިފަތައް ފެންނަ ފަދަ ޅެންވެރިކަން ވުޖޫދުވާން ފަށާފައިވަނީ 20 ވަނަ ގަރުނުގެ ފަހުކޮޅާއި 21 ވަނަ ގަރުނުގައެވެ. އޭގެ ކުރިން ދިވެހި ގައުމީ ޅެންވެރިކަން ބޮޑަށް ވެފައި އޮތީ، އެ އިރެއްގައި ވެރިކަމުގައި ތިބި ބަޔަކަށް ތާރީފުކުރުމަށް ކިޔާއުޅުނު ޅެންތަކެއްކަމުގަ އެވެ. މީގެ އެންމެ ފުރިހަމަ އެއް މިސާލަކީ ގައުމީ ސަލާމުގެ ނަން ކިޔައިގެން ލަވައެއް ކިޔާންފެށުމުގެ ކުރިން ގައުމީ ސަލާމުގެ ގޮތުގައި ނުރަސްމީކޮށް ބޭނުންކުރި ހުސައިން ސަލާހުއްދީންގެ، "ނަސްރާ ނަޞީބު ވެރިކަން މަތީ" މި ލަވައެވެ.

"ނަސްރާ ނަސީބު ވެރިކަން މަތީ

ދެމިތިއްބަވާ މަތިވެރިވެދާން

އެދި އެތިބީ އެންމެން އެކީ

ދައުލަތުގެ މޮޅުކަން އަލިކަމާ

ވަލްއިއްޒު ދާއިމް މުޅި ދޭހުގާ

ނިޔަނެތި ކަމައިގެން ފާގަތި ކަމައިގެން

ނަސްރާ ނަސީބު"

މި ނޫނަސް ގައުމަށް ކޮންމެ ވެސް ލީޑަރެއް ގެނެސްދެއްވި ތަރައްގީގެ ވާހަކަ އާއި ގައުމު މި ދެކޭ ރަންޒަމާނުގެ ވާހަކަ، އެއީ ގައުމީ ޅެންވެރިކަމުގެ މައުލޫކަމުގައި ދިވެހި އަދަބިއްޔާތުގެ ހިނގައިގަނެވުނު ދައުރުގެ އަދަބިއްޔާތު ހެކިވެ އެވެ. އެހެންނަމަވެސް މިއަދު، ޒަމާނީ ޅެންވެރިކަމުގައި ފެންނަނީ ގައުމު ހަލާކަށް ހުށަހެޅެމުންދާކަމަށް ސިފަކޮށް، އެ ކަމާ ހިތާމަކުރާކަމާއި، އިހުގައި އޮތް ހެޔޮ އާދަކާދަތަކަށް އެދި އަމުނަމުންދާ ހިޔާލުތަކެވެ. މިއީ ދުނިޔޭގެ އަދަބިއްޔާތަށް ބެލިކަމުގައިވިޔަސް ޒަމާނީ އަދަބިއްޔާތުގެ މުހިއްމު އެއް ސިފަ އެވެ. މުޅި މުޖުތަމައުގެ ނަޒަރިއްޔާ ދޫކޮށްލާ، ވަކި ފަރުދުންގެ ނަޒަރިއްޔާ އިސްކުރުމާއި، އިޖުތިމާއީ ފާޑުކިޔުމާއި، އާދަކާދަތައް ނެތެމުންދާކަމުގެ ބިރުވެރިކަމުގެ އިހުސާސްތަކާއި، ތަރައްގީ އާއި ޓެކްނޮލޮޖީއަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫންކަން ތަޖުރިބާކުރެވިފައިވުމާއި، މިނިވަން ހިޔާލާއި، ނުރުހުމުގެ އިހުސާސްތައް މިނިވަންކަމާއެކު ފާޅުކުރެވުމަކީ ޒަމާނީ އަދަބިއްޔާތައް ނުފޫޒު ފޯރުވާ ކަންކަމެވެ.

"ހިމޭން ރުއިން" މި ޅެމަކީ، "ކްލެސިކަލް" ދިވެހި ޅެންވެރިންގެ ރުހުން ލިބޭނޭ ފަދަ އޮނިގަނޑެއްގެ ތަރަހައިގައި ބިނާކޮށްފައިވާ ޒަމާނީ ހިޔާލެކެވެ. ގައުމުގައި މިއަދު ބަހުސްކުރެވޭ، ގައުމުގެ އަދުގެ ހާލަތުގެ ސަބަބުން ގައުމުގެ މުސްތަގުބަލަށް ކޮށްފާނޭ އަސަރަކާމެދު ވިސްނަން ލާޒިމުކުރުވާ އަދަބީ މަސައްކަތެކެވެ. ޅެމުގެ މައުލޫގެ ބާވަތުން ޅެމެއްގެ ސިފައިގައި މި ލަފުޒުތައް އަމުނާލެއްވުމުގައި އެ ގެންގުޅުއްވި ފަރުވާތެރިކަމުގެ ސަބަބުން، ކިޔުންތެރިޔާ މި ޅެމުގެ ގެތުންތައް މުހާލުމުގައިވެސް ގެންގުޅެން މަޖުބޫރުކުރުވައެވެ. އެހެންނަމަވެސް، މި ޅެމުގައި ޅެންވެރިޔާ އެ ސިފަކުރައްވާ ހާލަތު އަދު ތަޖުރިބާކުރަމުންދާ، ގައުމު ދެކެ ލޯބިވާ ދިވެއްސަކަށް، ޖަދުއާންގެ މި ޅެމުގައި ގައުމުގެ ކޮންމެ ވެލިފުކަކުން އެ ރޯރުއިން އަޑުއިވޭނެކަން ގައިމެވެ.