Advertisement

ޒުވާން ކުޅުންތެރިން ގައުމީ ޓީމުގައި ތަފާތު ދައްކަން ވަގުތު ނަގާނެ: ސެންޓޭ

28 މޭ 2021 - 09:49 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ސެންޓޭ.


ޒުވާން ކުޅުންތެރިން ގައުމީ ޓީމުގައި ތަފާތު ދައްކަން ވަގުތު ނަގާނެ: ސެންޓޭ

28 މޭ 2021 - 09:49 0

ގައުމީ ޓީމުގައި ހިމެނިގެން ޒުވާން ކުޅުންތެރިން ތަފާތު ދައްކަން ވަގުތު ނަގާނެ ކަމަށް ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ސެންޓޭ އަކީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން 2018 ވަނަ އަހަރު، ނިސްބަތުން ޒުވާން ސްކޮޑަކާ އެކު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު މުހިއްމު ކުޅުންތެރިއެކެވެ.

މި މަހު 30 އިން އަންނަ މަހުގެ 15 އާ ހަމައަށް ގައުމީ ޓީމުން ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ ތިން މެޗެއް އޮންނާނެ އެވެ. އެ މެޗުތަކަށް ނެގި ގައުމީ ސްކޮޑުގައި ޒުވާން ކުޅުންތެރިން ގިނަ އެވެ. ސެންޓޭ ބުނީ އެ ކުޅުންތެރިންގެ ފަރާތުން ޓްރެއިނިންތަކުގައި ފެންނަ މަސައްކަތުގެ ރޭޓް ވަރަށް ރަނގަޅު ކަމަށެވެ.

"ޔަންގް (ޒުވާން) ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް އެބަފެނޭ. ޓީމަށް އަރަން ބޭނުންވާ ތަން. އަނެއްކާ އެ ކޮލިޓީ އެބަހުރި ޔަންގް (ޒުވާން) ހުރިހާ ޕްލޭޔަރުންގެ. މެޗު އެއްޗެހި އެބަ ނިންމާލާ އަމިއްލަ އަށް ވެސް. މީގެ ވާނެ ގޮތަކީ ގައުމީ ޓީމަށް އަންނައިރުގައި ވަގުތުނަގާނެ އެ މީހުންގެ އެންމެ ބެސްޓް އަންނަން. އަންނަ ގޮތަށް އައިސް ކުޑަކޮށް އުނދަގޫތަކެއް ދިމާވާނެ މާހައުލު ތަފާތުވީމަ،" ސެންޓޭ ބުންޏެވެ.

ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ ސެންޓޭ ބުނީ ޒުވާން ކުޅުންތެރިން ވެސް މެޗަކަށް ފަހު މެޗެއް ރަނގަޅުކޮށް ފަރިތަކުރުންތަކުގައި މަސައްކަތް ކޮށްގެން މެޗާ ހަމައަށް ދާން ވާއިރަށް 100 ޕަސެންޓްގައި ތިބުން މީގެ ވަރަށް މުހިއްމު ކަމަށެވެ.

ކޮވިޑާ ހެދި ތިން ފަހަރު ފަސްކުރަން ޖެހުނު ކޮލިފައިން ދެން ސެންޓްރަލައިޒްކޮށް ޗައިނާގައި ކުޅޭއިރު، ގައުމީ ޓީމަށް އޮތީ ބާކީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށީ އަށް މަސް ދުވަހު ނުކުޅެ ތިބުމަށް ފަހު މިދިޔަ ޑިސެމްބަރު މަހު އެވެ. ފެށުމަށް ފަހު ފެބްރުއަރީ ދެ ވަަނަ ދުވަހު ކޮވިޑް-19ގެ ކޭސްތައް މާލޭގައި ގިނަ ވާތީ ލީގު ހުއްޓާލި އެވެ. އަލުން ފެށީ މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މާޗް 26 ގަ އެވެ. އޭގެ ފަހުން މެއި މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ކުޅެ ލީގުގެ ދެ ވަނަ ބުރު ނިންމާލި ފަހުން އަދި މެޗެއް ނުކުޅެ އެވެ.

ރާއްޖޭގައި ބާއްވަން އުޅުނު ދެކުނު އޭޝިއާގެ އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރިއިރު، ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިން މާލޭގައި ހަފްތާއެއް ވަންދެން ހޮޓެލް ޖެންގައި ކޭމްޕް ކޮށްގެން ތިއްބެވެ. އެކަަމަކު އެހެން ތިބިއިރު ޕްރެކްޓިސް ކުރަން ފުރުސަތެއް ނުލިބުނެވެ. ޓީމުގެ ޓްރެއިނިން ކުރިއަށް ގެންދިޔައީ ހޮޓެލް ޖެންގެ ބޯލްރޫމުގަ އެވެ. ގައުމީ ޓީމަށް ދަނޑުގައި ޕްރެކްޓިސް ކޮށްލަން ލިބެން ފެށީ މީގެ ފަސް ދުވަސް ކުރިން ދުބާއީ އަށް ދިޔަ ފަހުންނެވެ.

ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަސަދުﷲ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސަކޮ) ބުނީ މި ގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ތިބެފައި މެޗުތައް ކުޅެން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"އެބަހުރި ވަރަށް ބޮޑެތި އުނދަގޫ ހަމަ. ޕްރީ ސީޒަނެއް ފެށުމޭ އެއްގޮތަކަށް މިދަނީ. އަދި އެ އަށް ވުރެ އުނދަގޫވޭ އިރު އިރުކޮޅާ ސީޒަން ހުއްޓާލާފައި އަނެއްކާ ފަށާފައި އަނެއްކާ ހުއްޓާލައި އެހެން ހަދަން. ހަމަ އިންޖަރީތަކާ އެއްޗެހި ވަރަށް ފަސޭހައިން އަންނާނެ،" އަސަދުﷲ ބުންޏެވެ.

"ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދީގެން އުޅެނީ. މިހެން ހުއްޓަ ހުއްޓާފައި ފެށުން މިއީ ވަރަށް އިންޖަރީ އަންނާނެ ކަމެއް އަދި އަމުދުން މިހާ މެޗުތައް ކައިރި ވީމަ ޕްރީ ސީޒަނާ ވެސް ތަފާތު،"

ކޮލިފައިން މެޗުތައް ކުޅެން ގައުމީ ޓީމު ޗައިނާ އަށް ދާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.