Advertisement

އެއްބަސްވެފައިވާ ގޮތަށް ހިދުމަތް ނުދޭ އައިސްއެސްޕީތައް ޖޫރިމަނާ ކުރާނެ

27 މޭ 2021 - 12:47 4

އަމަން ހަލީމް

އަމަން ހަލީމް

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަހުމަދު: ރާއްޖޭގެ މުވާސަލާތީ ހިދުމަތާ ގުޅޭ ކަންކަން މޮނީޓާ ކުރަނީ ކޮމިއުނިކޭޝަން އޮތޯރިޓީން -- ފޮޓޯ: ރައީސް އޮފީސް


އެއްބަސްވެފައިވާ ގޮތަށް ހިދުމަތް ނުދޭ އައިސްއެސްޕީތައް ޖޫރިމަނާ ކުރާނެ

27 މޭ 2021 - 12:47 4

ސަރުކާރުގެ އާ އިންޓަނެޓް ސިޔާސަތުގެ ދަށުން އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ (އައިއެސްޕީ) ވިޔަފާރިތަކުން ކަނޑައަޅާފައިވާ އަގުތަކާއި ސްޕީޑްތައް ހިފަހައްޓާތޯ ބަލަމުން ގެންދާނެ ކަމަށާއި އެއްބަސްވި އަގުތަކަށް ހިދުމަތް ނުދޭ ނަމަ ޖޫރިމަނާކުރާނެ ކަަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން މިއަދު ބުނެފި އެވެ.

ސަރުކާރުން މިއަދު އިއުލާންކުރި އާ ސިޔާސަތުގެ ދަށުން ޖުލައި މަހުން ފެށިގެން ރާއްޖޭގެ ފިކްސްޑް ބްރޯޑްބޭންޑް އަގުތަކަށް ބަދަލު އަންނާނެ އެވެ. އެ ދުވަހުން ފެށިގެން ރާއްޖޭގައި އިންޓަނެޓް ދޫކުރެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް އެވެ. ޑޭޓާ އެލަވަންސް ހުސްވެގެން ތްރޮޓްލް ކުރި ނަމަވެސް، މި ސްޕީޑަށް ވުރެ ދަށް ކުރުމަކީ މަނާ ކަމެކެވެ.

އިންޓަނެޓުގެ ހެޔޮއަގުތައް އިއުލާންކުރަން ބޭއްވި "ނެޓު ހެޔޮ" ރަސްމިއްޔާތުގައި ކޭމްގެ ދައުރާ ގުޅޭގޮތުން އެ އޮތޯރިޓީގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ، ސަރުކާރުން މި ގެނައި ހެޔޮ ބަދަލުގެ މަންފާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން އެއްބަސްވެވި، ކަނޑައަޅާފައިވާ މިންގަނޑުތަކަށް އައިއެސްޕީތަކުން އަމަލު ކުރާތޯ ބަލާ، އަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓަނެޓް ހިދުމަތްދޭ ފަރާތްތަކުން ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ސްޕީޑާ ފެންވަރު ކޮމިއުނިކޭޝަން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހުރޭތޯ، ކޮމިއުނިކޭޝަން އޮތޯރިޓީން ބަލަމުން ގެންދާނެ. އަދި އެހެން އެކަން ނުވާނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން" އިލްޔާސް ވިދާޅުވި އެވެ.

އައިއެސްޕީތައް އޮތީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދޭން ތައްޔާރަށް

ނެޓު ހެޔޮ ކުރަން ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ދިރާގާއި އުރީދޫގެ ވެރިން ބައިވެރިވި އެވެ. އަދި ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ އަގު ހެޔޮ ކުރުމަށާއި، ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ދިނެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރިއުޅުމުގެ ހުރިހާ ކަމަކާ މިއަދު ގުޅިފައިވާ އިންޓަނެޓަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުއްގެ ތަރައްގީއަށް މުހިއްމު އެއްޗެއް ކަމަށެވެ. އަދި އެގޮތުގެ މަތީން ސަރުކާރުން ގެނެސްފައިވާ ބަދަލުތަކަށް ދިރާގުން ފުރިހަމަ އެއްބާރުލުން ދިނުމާ އެކު، ޑިޖިޓަލް ރާއްޖެއަށް ކުރާ ދަތުރުގައި އެ ކުންފުނިން ބައިވެރިވާނެ ކަމުގެ ޔަގީންކަން އެރުވި އެވެ.

"ދިރާގުގެ މަގުސަދަކީ ބަދަލުވަމުންދާ ޑިޖިޓަލް ދުނިޔެއަށް އަޅުގަނޑުމެންގެ މުޖުތަމައު އަހުލުވެރިކޮށް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުން ތަނަވަސްކޮށްދީ، އަދި ޑިޖިޓަލް ރާއްޖެއަކަށް ވާސިލުުވުމަށްޓަކާ ދިވެހި މުޖުތަމައު ބާރުވެރިކުރުވާ ޑިޖިޓަލް ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރުން" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވެސް ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަމުން ވިދާޅުވީ ސަރުކާރާ ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން މުޅި ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭން ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. މިހާރު ވެސް އެ ކުންފުނިން ގިނަ އިންވެސްޓްމަންޓްތަކެއް މި ދާއިރާއިން ކުރަމުން އަންނަ ކަމަށް އެނާ ވިދާޅުވި އެވެ.

"އުރީދޫން އަންނަނީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އިންވެސްޓްމަންޓްތައް ކުރަމުން. ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރާ ގުޅިގެން ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިންފްރާސްޓްރަކްޗާއަށް އިންވެސްޓް ކުރާނަން" ނަޖީބް ހާން ވިދާޅުވި އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި އިންޓަނެޓުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން 75 ޕަސެންޓަށް ވުރެ ގިނަ ފަރާތުން އިންޓަނެޓަށް ކުރާ ހަަރަދުތައް ކުޑަ ވާނެ އެވެ. އަދި އިންޓަނެޓުގެ ސްޕީޑަށް ގެނައި ބަދަލުގެ އަސަރު އިންޓަނެޓް ބޭނުންކުރާ ހުރިހާ އެންމެނަށް ކުރާނެ އެވެ.