26 މޭ 2021 - 10:47 0
ލިލްގެ މެޗެއްގެ ތެެރެއިން ގަލްޓިއޭ.-- ފޮޓޯ: ފްރާންސް ފުޓްބޯލް
26 މޭ 2021 - 10:47 0
ނޭޕްލްސް (މެއި 26) - ފްރާންސްގެ ޗެމްޕިއަންކަން ލިލް އަށް ހޯދައިދިންތާ ދެ ދުވަސް ފަހުން އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމި ކްރިސްޓޮފް ގަލްޓިއޭ އިޓަލީގެ ނަޕޯލީ އަށް ބަދަލުވާން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ދިހަ އަހަރު ތެރޭ ލިލް އަށް ފުރަތަމަ ފަހަރަށް ފްރާްންސްގެ ޗެމްޕިއަންކަން ހޯދައިދިން ގަލްޓިއޭ ބުނީ އޭނާ އެ ޓީމު ދޫކޮށްލަން ނިންމީ ޗެމްޕިއަންކަން ހޯދުމަށް ފަހު ކާމިޔާބީއަކާ އެކު ޓީމާ ދުރަށް ދިއުން ރަނގަޅުވުމުން ނޫން ކަމަށެވެ. ކޮންމެ މަގާމެއްގައި ނިންމި ކަމުގައި ވިޔަސް ވިސްނައިގެން ހުރީ ލިލް ދޫކޮށްލުމަށް ކަމަށެވެ.
"އަހަރެން ސެއިން އެޓިއެންގައި ހުރީ އަށް އަހަރު އޭގެ ތެރެއިން ހަތް އަހަރާއި ބައި އެއީ ހެޑް ކޯޗެއްގެ ގޮތުގައި. ދެން މި ފަހަރު ލިލްގައި މިވީ ހަތަރު އަހަރު. އަހަރެން ދެކެނީ މި ހިސާބުން މިއީ އެހެން މިސްރާބަކަށް ދާންވީ ވަގުތު ހެން. ލިލް އަށް އެބަ ބޭނުންވޭ ބަދަލުތަކެއް. އަހަރެންގެ ވަޒީފާ މި ހިސާބުން ނިމުނީކަން ކްލަބްގެ ރައީސް އަށް ވެސް އަންގައިފިން،" ފްރާންސްގެ ކުރީގެ ޑިފެންޑަރު ގަލްޓިއޭ ބުންޏެވެ.
ފްރާންސް ފުޓްބޯލް އިން ރިޕޯޓްކުރާ ގޮތުގައި ގަލްޓިއޭ ލިލް ދޫކޮށްލަން ނިންމި އެއް ސަބަބަކީ އޭނާ ޑިވެލޮޕްކުރި ޒުވާން ކުޅުންތެރިންތަކެއް ވިއްކާލަން ލިލްގެ ބޯޑުން ނިންމި ހިސާބުންނެވެ. އެ ގޮތުން ގަލްޓިއޭ ޑިވެލޮޕްކުރި ދެ ކުޅުންތެރިން ބޯބަކަރީ ސޫމާރޭ ލެސްޓާ އަށް ވިއްކާލަން ނިންމާފައިވާއިރު، ގޯލްކީޕަރު މައިކް މައިގްނަން ވަނީ އިޓަލީގެ އޭސީ މިލާނަށް ބަދަލުވާން ނިންމައިފަ އެވެ. އަދި އިތުރު ކުޅުންތެރިން ވެސް އަންނަނީ އެކި ކްލަބްތަކާ ވާހަކަ ދައްކަމުންނެވެ.
ގަލްޓިއޭ ހޯދަން ފްރާންސްގެ ނީސް އާއި ލިޔޯނުން މަސައްކަތްކުރި ނަމަވެސް އޭނާ މިހާރު ބޭނުމީ އެހެން ގައުމެއްގައި ކޯޗުކަން ކުރާށެވެ. އެ ގޮތަށް ބަލާއިރު އޭނާ އަށް އެންމެ ފަހި ފުރުސަތެއް އޮތީ ނަޕޯލީންނެވެ.
މި ފަހަރު ފަހު ވަގުތު އިޓާލިއަން ލީގުގެ ގަދަ ހަތަރަކުން ނަޕޯލީ އަށް ފުރުސަތު ގެއްލުމުން އެ ޓީމުގެ ކޯޗަކަށް ހުރި ކުރީގެ މިޑްފީލްޑަރު ޖެނާރޯ ގަޓޫސޯ ވަނީ މަގާމުން ވަކިވެފަ އެވެ. ކުރިން އޭސީ މިލާނަށް ވެސް ކޯޗުކޮށްދިން ގަޓޫސޯ ވަނީ ފިއޮރެންޓީނާ ކޯޗުކަމާ ހަވާލުވެފަ އެވެ.
ގަލްޓިއޭ ގެންދަން ނަޕޯލީން މަޝްވަރާތައް ފަށާފައިވާ ކަމަށް އިޓަލީ އާއި ފްރާންސްގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ލިލްގައި ގަލްޓިއޭއާ އެކު މަސައްކަތްކުރި ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސިމްހެއިން ކުޅެނީ ނަޕޯލީ އަށެވެ.
Comment