26 މޭ 2021 - 10:23 0
ވިޔަރެއާލްގެ ކޯޗު އުނާއި އެމެރީ.-- ފޮޓޯ: ގެޓީ އިމޭޖަސް
26 މޭ 2021 - 10:23 0
ގަޑާންސްކް، ޕޮލެންޑް (މެއި 26) - ޔޫރޮޕާ ލީގުގެ ފައިނަލަށް މިރޭ ވިޔަރެއާލް ގޮވައިގެން ނުކުންނައިރު, މުބާރާތުގައި އޭނާގެ ރެކޯޑް އޮތްގޮތާ މެދު އެއްވެސް ވަރަކަށް ނުވިސްނާނެ ކަމަށް ވިޔަރެއާލްގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
ސްޕެއިނަށް އުފަން ކޯޗު އެމެރީ ވަނީ މީގެ ކުރިން ސެވިއްޔާއާ އެކު ޖެހިޖެހިގެން ތިން އަހަރު ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފަ އެވެ. އެއީ 2014 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ޕޯޗުގަލްގެ ބެންފީކާ ބަލިކޮށްގެންނާއި 2015 ވަނަ އަހަރު ޔޫކްރޭންގެ ޑިނިޕްރޯ އަތުން 3-2 އިން މޮޅުވެގެންނާއި 2016 ވަނަ އަހަރު ފަހަތުން އަރައި 3-1 އިން ލިވަޕޫލް ބަލިކޮށްގެންނެވެ.
ރަނގަޅު ރެކޯޑަކާ އެކު އެމެރީ ވަނީ 2019 ވަަނަ އަހަރުގެ ފައިނަލަށް އާސެނަލް ގޮވައިގެން ނުކުމެފަ އެވެ. އެކަމަކު އެ ފަހަރު ފައިނަލްގައި ބަލިވީ މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ކުޅުނު ޗެލްސީ އަތުން 4-1 އިންނެވެ.
އެމެރީ ޔޫރޮޕާ ލީގުގެ ތަށްޓައް ބޮސްދެނީ: އޭނާ ވަނީ މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައި.-- ފޮޓޯ: ޔުއެފާ
އެމެރީ އަކީ ތަފާތު ތިން ޓީމެއް ގޮވައިގެން ޔޫރޮޕާ ލީގުގެ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ކޯޗެވެ. އަނެއް ކޮޅުން މިރޭ ވިޔަރެއާލް މޮޅުވެއްޖެނަމަ އެމެރީ ވެގެންދާނީ ޔޫރަޕްގެ ބޮޑު މުބާރާތްތަކުގައި ހަތަރު ތަށި ހޯދި ހަތަރު ވަނަ ކޯޗަށެވެ. މީގެ ކުރިން އެކަން ހާސިލްކޮށްފައި ވަނީ ހޯސޭ މޮރީނިއޯ، ބޮބް ޕެއިސްލީ އަދި ޖިއޮވާނީ ޓްރައްޕަޓޯނީ އެވެ.
"އަހަރެން ފައިނަލަށް ފޯކަސް މި ކުރަނީ. އެއްވެސް ރެކޯޑަކަށް ނޫނީ ކުރިން ހިނގާފައި ހުރި އެއްވެސް ކަމަކަށް ބަލައިގެން ކުރެވޭނެ ކަމެއް އޮތް ކަމަކަށް ނުދެކެން،" ފައިނަލުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރީ ބުންޏެވެ.
މިއީ ވިޔަރެއާލުން ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެމެރީ ބުނީ މި ވަގުތު ގިނަ ބަޔެއްގެ ނަޒަރުގައި ފައިނަލުގެ ފޭވަރިޓަކީ ޔުނައިޓެޑް ކަމަށެވެ.
"އަހަަންނަށް އެނގޭ ޔުނައިޓެޑްކަން މި ވަގުތަށް ބަލާއިރު ފޭވަރިޓަކީ. އެ ޓީމުން އެންމެ މޮޅަށް ކުޅޭއިރު ދުނިޔޭގެ ކޮންމެ ޓީމެއް އަތުން ވެސް މޮޅުވާނެ. އަހަރެމެންނަށް މީގެ އޮތް ފުރުސަތަކީ ޕްލޭނެއް ހަދައިގެން މި ޗެލެންޖާ ކުރިމަތިލުން. ފޭވަރިޓުން އޮންނާނީ މެޗުގެ ކުރިން. މެޗު ފެށީމަ އޮންނާނީ ދަނޑުމަތީގައި 90 މިނިޓް ވަންދެން ކުރާ މަސައްކަތް،" އެމެރީ ބުންޏެވެ.
މި ފަހަރު ސްޕެނިޝް ލީގުގެ ހަތް ވަނައިގައި ނިންމާލަން ޖެހުމުން އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރާނަމަ މިރޭގެ މެޗުން ވިޔަރެއާލަށް މޮޅުވުން މަޖުބޫރެވެ. މޮޅުވެއްޖެނަމަ ވިޔަރެއާލަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ.
އެމެރީ ބުނީ މިއީ ޕްރެޝަރެއްގެ ގޮތުގައި ނުނަގައި މޮޓިވޭޝަނަކަށް ބަލައިގެން ކުޅެފިނަމަ މީގެ ފައިދާތަކެއް އެބަހުރި ކަމަށެވެ. ވިޔަރެއާލް ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލައިފިނަމަ ބޮޑު މެޗުތަކުގައި ޕްރެޝަރާ ކުރިމަތިލެވޭނެ ކުޅުންތެރިން އެބަތިބި ކަމަށް އެމެރީ ބުންޏެވެ.
ޕޮލެންޑްގެ މަޝްހޫރު ސްޓޭޑިއަމް މިޔޭސްކީގައި މިރޭ ވިޔަރެއާލާއި ޔުނައިޓެޑް ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.
Comment