Advertisement

ނޭޕާލްގެ މަޖިލިސް އުވާލައިފި

ނޭޕާލްގެ ގާނޫނު ހަދާ މަޖިލިސް.-- ފޮޓޯ: ސިއޯޓެބް


ނޭޕާލްގެ މަޖިލިސް އުވާލައިފި

ކޮވިޑުގައި ހާލަތު ގޯސްވެފައިވާ ނޭޕާލްގެ މަޖިލިސް އުވާލުމަށް ފަހު އަންނަ ނޮވެމްބަރު މަހު އާ އިންތިހާބެއް ބާއްވަން ރައީސް ބިދްޔާ ދޭވީ ބަންދާރީ އިއުލާނު ކުރައްވައިފި އެވެ.

މީގެ ދެ ހަފްތާ ކުރިން ނޭޕާލުގެ މަޖިލީހުން ވަނީ ބޮޑު ވަޒީރު ކޭޕީ ޝަރުމާ އޮލީއަށް އިތުބާރު ނެތް ކަމަށް ކަނޑައަޅާ މަގާމުން ދުރުކޮށްފަ އެވެ.

އެއާއެކު ޝަރުމާގެ ޕާޓީ އާއި އިދިކޮޅު ލީޑަރު ޝޭރް ބަހާދުރް ދެއުބާގެ ޕާޓީއަށް ވެސް ވަނީ އާ ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ މެޖޯރިޓީ ހޯދަން ނުކުޅެދިފަ އެވެ.

ނޭޕާލްގެ ރައީސް ބިދްޔާ ދޭވީ ބަންދާރީ.-- ފޮޓޯ: އޭޕީ


އެހެންވެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލިސް އުވާލުމަށް ފަހު އާއްމު އިންތިހާބުގެ ފުރަތަމަ ބުރު ނޮވެމްބަރު 12 ގައި އަދި ދެ ވަނަ ބުރު ނޮވެމްބަރު 19 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ ބޮޑު ވަޒީރުކަމުގެ މަގާމު ގެއްލުނު ކޭޕީ ޝަރުމާ އޮލީގެ ކެބިނެޓުގެ ލަފާގެ މަތިން ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ޕާޓީގެ އެތެރެގޭ ކޯޅުންގަނޑެއްގައި އޮލީގެ އެދިވަޑައިގެންނެވުމަށް ރައީސް ބަންދާރީ މިދިޔަ އަހަރު ވެސް ވަނީ ނޭޕާލުގެ މަޖިލިސް އުވާލައްވާފަ އެވެ.

އެއަށްފަހު އާ އިންތިހާބެއް މި އަހަރު ބާއްވަން ތައްޔާރު ވަނިކޮށް ކޯޓުން ވަނީ އަލުން އެ މަޖިލިސް ޖަލްސާތައް ފެށުމަށް އަންގާފަ އެވެ.

އަނެއްކާވެސް މަޖިލިސް އުވާލަން ރައީސް ނިންމެވުމުން ސިޔާސީ ޕާޓީތަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ސިޔާސީ ހަމަޖެހުން ނޭޕާލަށް ނުލިބެގެން އުޅޭ އިރު، ކޮވިޑުގެ ދެ ވަނަ ރާޅެއްގައި އެ ގައުމުގެ ހާލަތު އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް 8،207 މީހުން ޕޮޒިޓިވް ވެ އެވެ.