Advertisement

ނޭޕާލްގައި 72 މީހުންނާ އެކު މަތިންދާބޯޓެއް ވެއްޓިއްޖެ

15 ޖަނަވަރީ 2023 - 14:15 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މަތިންދާބޯޓު ވެއްޓުނު ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އެމްޕިކްސް


ނޭޕާލްގައި 72 މީހުންނާ އެކު މަތިންދާބޯޓެއް ވެއްޓިއްޖެ

15 ޖަނަވަރީ 2023 - 14:15 0

ނޭޕާލްގައި 72 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެއް އެ ގައުމުގެ މެދުތެރޭގައި އޮންނަ އެއާޕޯޓެއް ކައިރިއަށް ވެއްޓިއްޖެ އެވެ.

އޮފިޝަލުން ބުނީ ވެއްޓުނު ޔެޓީ އެއާލައިންސްގެ ބޯޓުން މިހާތަނަށް 40 ހަށިގަނޑު ފެނިފައިވާ އިރު، އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ކަތުމަންޑޫއިން ފުރައިގެން ފަތުރުވެރިންގެ މަދުގައި މަގުބޫލު ޕޮހާރާ އަވަށަށެވެ. ބޯޓު ވެއްޓި އަލިފާން ރޯވީ ބިމަށް ތިރިކުރަން އުޅުމުގެ ތެރޭގަ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަނީ މީހުން ދިރިއުޅޭ ހިސާބެއް ކައިރިން ވަރަށް ތިރިން ބޯޓު ދަތުރުކޮށްފައި ގޮސް އެނބުރެން ފަށާ މަންޒަރެވެ.

އެ ބޯޓުގައި 68 ޕަސެންޖަރުން ތިބި އިރު، 15 މީހުންނަކީ އެހެން ގައުމުތަކުގެ ރައްޔިތުންނެވެ. އޭގެ އިތުރުން ހަތަރު ކްރޫ މެމްބަރުން ވެސް ތިއްބެވެ.

ބޯޓު ވެއްޓިފައިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ސިފައިން ބުނީ އިތުރު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޮޑު ވަޒީރު ޕުޝްޕާ ކަމާލް ދަހާލް ވަނީ ކެބިނެޓުގެ ކުއްލި ބައްދަލުވުމަކަށް ފަހު، ހުރިހާ އެޖެންސީތަކުން ގުޅިގެން އަވަހަށް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް އަންގަވައިފަ އެވެ.

ޕަސެންޖަރުންގެ ތެރެއިން 53 މީހުންނަކީ ނޭޕާލް ރައްޔިތުންނެވެ. ދެން ތިބީ އިންޑިއާގެ ފަސް މީހުންނާއި، ރަޝިއާގެ ހަތަރު މީހުންނާއި ކޮރެއާ ދެ މީހުންނެވެ. އޭގެ އިތުރުން އަޔަލޭންޑް، އޮސްޓްރޭލިއާ، އާޖެންޓީނާ އަދި ފްރާންސްގެ މީހުން ވެސް ތިއްބެވެ.

ނޭޕާލްގައި ދޭތެރެދޭތެރެއިން ވައިގެ ހާދިސާތައް ހިނގަ އެވެ. އެއީ ރަންވޭތައް ހުންނަ ހިސާބުތައް ދުރުވުމާއި ކުއްލިއަށް މޫސުން ބަދަލުވެ، ބޯޓުތަކަށް ނުރައްކާތެރި ހާލަތްތައް އުފެދޭތީ އެވެ.

މިދިޔަ އަހަރުގެ މޭ މަހު ޓާރާ އެއާގެ ބޯޓެއް ވެއްޓި 22 މީހުން މަރުވި އެވެ. އޭގެ ކުރިން 2018 ވަނަ އަހަރު ޔޫއެސް ބަންގްލާ ބޯޓެއްގައި ރޯވެ 51 މީހުން މަރުވި އެވެ.