Advertisement

މަރަޑޯނާގެ މަރުގެ ދައުވާ މެޑިކަލް ޓީމަށް އުފުލައިފި

21 މޭ 2021 - 10:04 0

އާޖެންޓީނާގެ ފުޓްބޯޅަ ލެެޖެންޑް މަރަޑޯނާ.


މަރަޑޯނާގެ މަރުގެ ދައުވާ މެޑިކަލް ޓީމަށް އުފުލައިފި

21 މޭ 2021 - 10:04 0

ބީނޯސް އޭރީސް (މެއި 21) – ހާޓް އެޓޭކެއް ޖެހިގެން މަރުވި ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަަރަޑޯނާގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލުވެފައިވާ ކަމަށާއި ގަސްދުގައި އޭނާ މަރުވާނެ ހާލަތަށް ދޫކޮށްލި މައްސަލަައިގައި މަރަޑޯނާގެ މެޑިކަލް ޓީމުގެ މައްޗަށް ދައުވާ އުފުލާފައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު 25 ވަނަ ދުވަހު އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވިއިރު، އޭގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެގެން އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި އޭނާ އަށް ދިޔައީ މަސްތުވާތަކެތީގެ ސަބަބުން ތަކުރާރުކޮށް ފަރުވާ ދެމުންނެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން މަރަޑޯނާގެ މަރަށް ފަހު އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ އަށް އެކަށީގެންވާ ފަރުވާ ދީފައިނުވާ ކަމަށް މީޑިއާގައި އަޑުފެތުރެން ފެށި އެވެ. އަދި އޮޕަރޭޝަނެއް ކޮށްފައި ހޮސްޕިޓަލްގައި ނުބާއްވައި އަވަހަށް ދޫކޮށްލުމަކީ ވެސް އާއިލާގެ ކަންބޮޑުވުމެކެވެ.

މަަރަޑޯނާގެ މަރާ ގުޅޭ މައްސަލައެއް އާޖެންޓީނާގެ ޕްރޮސެކިއުޓަރުން ތަކެއް އަމިއްލަ އަށް އިސްނަގައިގެން ބަލަން ފެށީ މަރަޑޯނާގެ ދެ އަންހެން ދަރިންގެ ބޮޑެތި ޝަކުވާތަކެއް ހުރުމުންނެވެ.

މަރަޑޯނާގެ މަރާބެހޭ ހަގީގަތް ދެނެގަންނަން ޕްރޮސެކިއުޓަރުން ވަނީ 20 ސިއްހީ ތަޖުރިބާކާރުން ހިމެނޭ ޓީމަކާ އެކަން ދިރާސާކުރަން ހަވާލުކޮށްފަ އެވެ. އެ ޓީމުން އެކުލަވާލި 70 ސޮފުހާގެ ރިޕޯޓްގައިވާ ގޮތުން މަަރަޑޯނާގެ ބޭސްފަރުވާގެ ކަން ކަމަށް އޭނާގެ މެޑިކަލް ޓީމުން އޮތީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން މަރަޑޯނާ މަރުވީ އެތައް އިރެއް ވަންދެން އޮތްއިރު ވެސް ފަރުވާއެއް ނުލިބި ހިތް ހުއްޓުމުންނެވެ.

މަރަޑޯނާ އާޖެންޓީނާ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ.


މަރަޑޯނާގެ މެޑިކަލް ޓީމުގައި މަސައްކަތްކުރި ނިއުރޯސާޖަން، ސައިކެޓްރިސްޓް، ދެ ނަރުހުން، ނަރުސް ކޯޑިނޭޓަރު، ޑޮކްޓަރެއް އަދި ސައިކޮލޮޖިސްޓްގެ މައްޗަށް ޕްރޮސެކިއުޓަރުން އިއްޔެ އުފުލާފައިވާ ދައުވާ އަކީ ގަސްދުގައި މީހެއް މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެކަން ސާބިތުވެއްޖެނަމަ 25 އަހަރު ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ.

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މެޑިކަލް ޓީމުގެ މައްސަލަ ކޯޓުގައި ފަށަން ތާވަލުކޮށްފައިވާއިރު، ޕްރޮސެކިއުޓަރުން ވަނީ މަރަޑޯނާގެ މެޑިކަލް ޓީމަށް އެ ގައުމު ދޫކޮށް ނުދެވޭނެ ގޮތް ހަދައިދޭން ކޯޓުގައި އެދިފަ އެވެ.

ސިއްހީ ތަޖުރިބާކާރުން ތައްޔާރުކުރި ތަފްސީލް ރިޕޯޓްގައިވާ ގޮތުން މަރަޑޯނާ މަރުވުމުގެ 12 ގަޑިއިރު ކުރިން އޭނާ ވަރަށް ބޮޑަށް ބަލިވި އެވެ. އޭގެ ފަހުން އޭނާ ރަނގަޅަށް މޮނިޓާކުރެވިފައި ނުވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ގޭގެ ބަދަލުގައި ނޮވެމްބަރު 12 ވަނަ ދުވަހު ކުރި އޮޕަރޭޝަނަށް ފަހު މަހެއްހާ ދުވަސް ވަންދެން ހޮސްޕިޓަލެއްގައި މަރަޑޯނާ އަށް ފަރުވާދިންނަަމަ އޭނާ ސަލާމަތްވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ރިޕޯޓްގައިވެ އެވެ.

މަރަޑޯނާގެ އޮޕަރޭޝަން ކުރި ނިއުރޯސާޖަން ޑރ ލިއޮޕޮލްޑޯ ލޫކޭ އާއި ސައިކެޓްރިސްޓް އޮގަސްޓީނާ ވަނީ އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައިނުވާނެ ކަމަށާއި އެކަން ސާބިތުކޮށްދެވޭނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެކަމަކު މަރަޑޯނާ އާއި މެޑިކަލް ޓީމުގެ މެދުގައި ދެކެވިފައި ހުރި ބައެއް ވާހަކަތައް އާޖެންޓީނާގެ މީޑިއާގައި މިހާރު ލީކުވެފައިވާއިރު، މެޑިކަލް ޓީމުން ބައެއް ކަންކަން ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަން ހާމަވެ އެެވެ.

މަރަޑޯނާގެ އާއިލާ އިން ކުރާ ބައެއް ކަހަލަ ތުހުމަތުތަކަށް އިޝާރާތްކޮށް ޑރ. ލޫކޭ ބުނީ އެ މީހުން ބޭނުންވީ މަރަޑޯނާ ހޮސްޕިޓަލުގައި ބޭއްވުމަށް ކަމަށެވެ. އެކަމަކު އޮޕަރޭޝަން ކުރިތާ އަށް ދުވަސް ފަހުން މަރަޑޯނާ ގެޔަށް ޑިސްޗާޖް ކުރަން ނިންމީ މަރަޑޯނާ އާއި އޭނާގެ ދަރިން އެ ގޮތަށް ބޭނުންވާތީ އާއި ގޭގައި ވެސް ޝިފްޓް ޑިއުޓީ ބަހައިގެން ނަރުހުން ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސޭނެތީ ކަމަށް ޑރ ލޫކޭ ބުންޏެވެ.