20 މޭ 2021 - 10:37 0
އައްޒާމް އަލިފުޅު
20 މޭ 2021 - 10:37 0
މާޒިޔާގެ ދެ މިޑްފީލްޑަރުން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހުސެއިން ނިހާން (ނިހާޓް) ކޮވިޑުން ރަނގަޅުވެ ގައުމީ ޓީމާ ގުޅެން ނިންމައިފި އެވެ.
މި މަހު ކުރީކޮޅުގައި ކުރި ކޮވިޑް ޓެސްޓްތަކުން ޕޮޒިޓިވްވި ހަމްޕު އާއި ނިހާޓް އިއްޔެ ޓެސްޓްކުރުމާ ހަމައަށް ހުރީ އައިސޮލޭޝަނުގަ އެވެ. މުއްދަތު ހަމަވެގެން އިއްޔެ ކުރި ޕީސީއާރް ޓެސްޓްތަކުން ދެ ކުޅުންތެރިން ވެސް ކޮވިޑަށް ނެގެޓިވްވެފައިވާއިރު، މިއަދުގެ ވަގުތެއްގައި ދެ ކުޅުންތެރިން ގައުމީ ޓީމުން ހޮޓެލް ޖެންގައި ޖަހާފައިވާ ކޭމްޕާ ގުޅޭނެ އެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ގައުމީ ޓީމުގެ ކުޅުންތެރިން ހޮޓެލް ޖެންގައި ކޭމްޕްކުރީ މި މަހު 30 އިން އަންނަ މަހު 15 ސެންޓްރަލައިޒްކޮށް ޗައިނާގައި ކުރިއަށްދާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް ފުރުމުގެ ކުރިން ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. ކޭމްޕް ކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، ކުޅުންތެރިން ވެސް ޕޮޒިޓިވްވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ކޯޗު މާޓިން ކޫޕްމަން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ސީޒަނުގައި މާޒިޔާ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަމްޕު އާއި ނިހާޓް ޓީމާ ގުޅުމަކީ ކޯޗަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވުމުން ކޯޗުގެ ޕްލޭނުގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް ގައުމީ ޓީމުގެ ކޭމްޕާ ގުޅެވެން ނެތުމުންނެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކުޅުންތެރިއަކީ ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) އެވެ. އީސަ ކޮވިޑަށް ޕޮޒިޓިވްވީ ރަށުގައި ހޯމް ކަރަންޓީނުގައި ހުއްޓަ އެވެ.
ހަމްޕު، 26 އާއި ނިހާޓް، 28، އަކީ ފާއިތުވި އަހަރުތަކުގައި ގައުމީ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންނެވެ. ފުރަތަމަ އެގާރައިގައި ހިމެނިގެން ވެސް ވަނީ ގިނަ މެޗުތަކެއް ކުޅެފަ އެވެ. ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ޗެމްޕިއަންކަން ހޯދި ޓީމުގައި ހަމްޕު އާއި ނިހާޓް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އަންހެނުން ޕޮޒިޓިވްވެގެން ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ދާދި ފަހުން ވަނީ އައިސޮލޭޝަނަކަށް ގޮސްފަ އެވެ. އަލުން ކޮވިޑް ޓެސްޓެއް ހެދުމަށް ފަހު ނެގެޓިވްވުމުން ދަގަނޑޭ އިއްޔެ ވަނީ ޓީމާ ގުޅިފަ އެވެ.
ޖެންގައި ކޭމްޕްކޮށްފައި ތިބި ގައުމީ ޓީމުގެ ކުޅުންތެރިން ކޮވިޑަށް ޓެސްޓް ކުރުމަށް ފަހު ކޮލިފައިން މެޗުތަކަށް ފައިނަލްކުރާނީ 25 ކުޅުންތެރިންގެ ސްކޮޑެކެވެ. އެފްއޭއެމުން މީގެ ކުރިން ބުނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ގައުުމީ ޓީމު ރާއްޖޭން ފުރާނެ ކަމަށެވެ. ޗައިނާ އަށް ދިއުމުގެ ކުރިން ގައުމީ ޓީމު ދުބާއީގައި ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދާނެ އެވެ.
ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment