20 މޭ 2021 - 10:52 1
އަހުމަދު ސާއިލް އަލީ
ހިމަންދޫގައި ހައްދުފަހަނަ އެޅި މީހުންތަކެއް ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށް ހަތިޔާ ހިފައިގެން: މިހާރު އެ ރަށުން އެ ފިކުރު ވަނީ ނައްތާލާފައި-- -ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު
20 މޭ 2021 - 10:52 1
އއ. ހިމަންދޫ، ހުސައިން މުހައްމަދު، 51، (އަސްލު ނަމެއް ނޫން) އޭރު އުޅެވުނު ގޮތާ މެދު މިހާރު ދެރަވެ ހިތާމަ ކުރެ އެވެ. އޭރު އޭނާ އަބަދުމެ އުޅެމުން ދިޔައީ ހައްދުފަހަނައެޅި ފިކުރުގެ ތެރޭގަ އެވެ. އޭރު އޭނާ ގަބޫލުކުރާ ގޮތުގައި ސަރުކާރުން މުސާރަ ދޭ އިމާމުން ފަހަތުގައި ނަމާދު ކުރުމަކީ ވެސް ހަރާމު ކަމެކެވެ. އެހެންވެ މުޅިން ނަމާދު ކުރަމުން ދިޔައީ ވަކިން ޖަމާއަތް ހަދައިގެންނެވެ. އެފަދަ ހައްދުފަހަނާޅައިދިއުމުގެ އެތައް ވިސްނުމަކަށް އޭނާ އޭރު ތަބާވި އެވެ.
ދީނީގޮތުން ހައްދުފަހަނައެޅުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރު ކުރި އެވެ. އެވަރުން ވެސް އުޅެމުންދިޔައީ އެ ފިކުރުގެ ތެރޭގަ އެވެ. އެ ހަރުކަށި ކަންމަތީގަ އެވެ.
އެ ފިކުރުގެ ތެރެއަށް ވަދެވުނު ގޮތް ކިޔައިދެމުން ހުސައިން ބުނީ އެ ރަށުގެ ރައްޔިތުންނަކީ ދީނީ ކަންކަމަށް ލޯބިކޮށް ދީނީ މައުލޫމާތު ހޯދަން ލޯބި ކުރާބައެއް ކަމަށެވެ. ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭރު ދީނީ މައުލޫމާތު ފަސޭހައަކުން ލިބޭ ގޮތެއް ނޯވެ އެވެ. އެހެންތިއްބާ ރަށަށް އައިސް ދީނީ މައުލޫމާތު ދޭން ފެށި ބައެއްގެ ބަސް ރަށުގެ ގިނަ ބަޔަކު އަހަން ފެށީ އެވެ.
ހިމަންދޫގައި ހިންގި ހަމަނުޖެހުން: ސަލާމަތީ ބާރުތަކާ ކުރިމަތިލުމުގައި އިސްކޮށް އުޅުނު މީހުން ހައްޔަރު ކުރި. -- ފޮޓޯ/ ހަވީރު
ގިނަ ރަށްރަށެކޭ އެއްގޮތަށް ހިމަންދޫގައި ވެސް އޭރު އޮތީ ސިޔާސީ ދެ ފިކުރެވެ. އެއީ އޭރުގެ ރައީސް މައުމޫނަށް ތާއީދު ކުރާ ބަޔަކާއި އެވެރިކަމާ ދެކޮޅު ބައެކެވެ. އެހެން އެކަން އޮއްވައި އެ ރަށަށް އިސްވެ ދިޔައީ ހައްދުފަހަނާޅާފައިވާ ފިކުރު ރާއްޖޭގައި ފަތުރަމުންދާ މައްސަލާގައި އަންގާރަ ދުވަހުގެ ރޭ ހައްޔަރުކުރި އަބްދުﷲ އަލިމަނިކު އެވެ.
އެ ރަށުގައި ހަރުކަށި ފިކުރު ފެތުރުމަށް އިސްކޮށް ހުރީ އޭނާ އެވެ. ސަރުކާރާ ދެކޮޅު ގިނަ ބަޔަކަށް އޭނާ ވިސްނައިދިނީ އޭރުގެ ސަރުކާރުން ދީނީ މައުލޫމާތު ރައްޔިތުންނަށް ބުނެދީފައިވަނީ ގޯސްކޮށް ކަމަށެވެ. އެގޮތަށް އޭނާ ވިސްނައިދީ ގިނަ ބަޔަކު އޭނާގެ ކޮޅަށް ލެންބުވި އެވެ.
އޭގެ ނަތީޖާއަކަށްވީ މުދިމުންގެ ފަހަތުގައި ނަމާދު ކުރުމަކީ ހަރާމް ކަމެއް ކަމަށް ބުނެ ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަން ރަށުގެ ގިނަ ބަޔަކު ފެށުމެވެ. އަދި ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެނީ އިސްލާމީ ތައުލީމު ނޫން ކަމަށް ބުނެ ޅަދަރިން ސްކޫލަށް ފޮނުވުން ހުއްޓާލުމެވެ. އޭގެ އިތުރުން ވެކްސިން ޖެހުން ފަދަ ކަންކަން ހުއްޓާލައި ކޯޓުން ބޭރުގައި ކައިވެނި ކުރުމުގެ ނަމުގައި ގޯސް އެތައް އަމަލެއް ހިންގި އެވެ. އެކަންކަން ހައްދު ފަހަނާޅައިދިއުމުން ސަލާމަތީ ބާރުތަކުން އެ ރަށަށް އެރި އެވެ. އެ ހިސާބުން ހަނގުރާމަ އިއުލާންކޮށް ސަލާމަތީ ބާރުތަކާ ވެސް 2007 ވަނަ އަހަރު އެ މީހުން ކުރިމަތިލީ އެވެ.
ސަލާމަތީ ބާރުތަކާ ކުރިމަތިލި މައްސަލައިގައި ހިމަންދޫ ޓެރަރިޒަމްގެ ތުހުމަތުކުރި 53 މީހުންގެ ތެރެއިން ދައުވާ އުފުލީ 37 މީހުންނަށެވެ. އެ މީހުން ހުކުމްކޮށް ޖަލަށް ވެސް ލި އެވެ. ނަމަވެސް ފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭގެ ތެރެއިން ގިނަ މީހުންނަށް މާފުދީ ވަނީ މިނިވަންކޮށްފަ އެވެ.
އެ ރަށުން ވާހަކަ ދެއްކި ގިނަ މީހުން ބުނި ގޮތުގައި ހައްދުފަހަނާޅައި ދިޔަ މީހުންގެ ތެރޭގައި އުޅުނު ހިމަންދޫ މީހުން މިހާރު ވަނީ އިސްލާހުވެފަ އެވެ. އަލުން އަނބުރާ ހަމަ މަގަށް އާދެވުނު ސަބަބެއް ކަމަށް އެ މީހުން ބުނަނީ އޭރުގެ އިސްލާމިކް މިނިސްޓްރީގެ މަސައްކަތެވެ. ހިމަންދޫގައި ހައްދުފަހަނައެޅި މީހުންގެ ތެރެއިން އިސް މީހުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ދީނީ ގޮތުން ކަންކަން ހުރި ނެތް ގޮތް އޮޅުން ފިލުވައި ދީފަ އެވެ.
"އިސްލާމިކް މިނިސްޓްރީން ރަނގަޅު ގޮތް ބުނެދިނީ. [ޖަލަށްލި] ހުރިހާ އެންމެން ދޫކޮށްލީ. ދޫކޮށްލިފަހުން ހުރިހާ މީހުން ވެސް ނަމާދަށް ދޭ ޖަމާއަތަށް. ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރާ އެއްވެސް މީހަކު މިހާރު ނޫޅޭނެ މި ރަށަކު. ހަމަ އެންމެން ވެސް ދާނީ މިސްކިތަށް. ހަރުކަށި ފިކުރުގެ މީހެއް މިހާރު މިރަށަކު ނޫޅޭ،" ހުސައިން ބުންޏެވެ.
"ސްކޫލަށް ވެސް ހުރިހާ ކުދިން ވެސް ދާނެ މިހާރު. މިހާރު އެނގޭ އޭރު އުޅެވުނީ ރަނގަޅަކަށް ނޫންކަން،"
އޭރު ހަރުކަށި ފިކުރަށް ތަބާވެ ވަކި މަސައްކަތެއް ނޫނީ ނުކުރަން ތިބި އެތައް ބަޔަކު ވަނީ އެ ގަބޫލު ކުރުން ދޫކޮށްލައިފަ އެވެ. ރަނގަޅު ވަޒީފާތަކާ ގުޅިފަ އެވެ. ވަކި ފިކުރެއްގެ ބަޔަކު ވަކިވެގަނެގެން އުޅުނު އެ ރަށުން މިހާރު ފެންނަނީ އެކުވެރި ކަމެވެ. ކުރިން ހަރާމް ކަމެއް ކަމަށް ދެކުނު ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ބާއްވަ އެވެ.
ހައްދުފަހަނައެޅުމުގެ ފިކުރު އެ ރަށުން އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް ރަށު ކައުންސިލުން ވެސް ބުނެ އެވެ.
ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް ވިދާޅުވި ގޮތުގައި ހައްދުފަހަނައެޅި މީހުންގެ ފިކުރުގެ އެއްވެސް ހަރަކާތެއް އަދި އެ ވިސްނުމުގެ މީހެއް ވެސް އެ ރަށުގައި މިހާރަކު ނޫޅެ އެވެ. ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުން ފަދަ ކަމެއް ވެސް މިހާރު ރަށުގައި ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މައްސަލާގައި ހައްޔަރު ކުރި މީހުން ވެސް އުޅެނީ ރަށުގައި. މިރަށުގައި މި ހުންނަނީ އެންމެ މިސްކިތެއް. އެންމެންވެސް ހަމަ މިސްކިތަށް ޖަމާއަތުގައި އަރައި ނަމާދުކޮށް އުޅެނީ،" ހާލަތު ރަނގަޅުވެފައިވާ ކަން ސިފަކުރައްވަމުން ހުޝާމް ވިދާޅުވި އެވެ.
ހިމަންދޫގައި މިވަގުތުވެސް ދެ ގެސްޓް ހައުސް ހިންގަމުން އަންނައިރު އެރަށް ލޯކަލް ޓޫރިޒަމަށް ފައްކާ ކުރުމަކީ ރަށުގެ ރައްޔިތުންގެ ވިސްނުމެވެ. ހުޝާމް ވިދާޅުވީ އެ ރަށަށް އައިސް އުޅޭ ޓޫރިސްޓަކަށް ވެސް އެއްވެސް މީހަކު ގޯނާ ކޮށްފައިނުވާ ކަމަށެވެ. އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ރައްޔިތުން އެއްބާރުލުން ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިމަންދޫގައި ހިންގާ ގެސްޓް ހައުސްއަކަށް ގޮސްތިބި ޓޫރިސްޓުން ތަކެއް: އެރަށުގައި މިހާރު ހަރުކަށި ފިކުރެއް ނެތް--
ކުރީގެ ރައީސް ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު ހައްދުފަހަނާޅައިދިއުމުގެ މައްސަލަ ރާއްޖޭގައި އޮތީ ބޮޑުވެފަ އެވެ. މާލެ އާއި ހިމަންދޫ ފަދަ ބައެއް ރަށްރަށުގައި ވެސް ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ފަދަ ކަންކަން ބޮޑުވެ އެކަން ހައްލު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމި އެވެ. އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއެކު އެކަމުގައި އިސްކޮށް އުޅުއްވީ އޭރު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އޭގެ އިތުރުން ރާއްޖޭގެ ގިނަ އިލްމުވެރިންތަކެއް ބައިވެރިވެވަޑައިގަތެވެ.
އޭރު ހިމަންދޫ މައްސަލާގައި އެއް ބަޔަކު ޖަލުގައި ތިބިއިރު އެ ރަށުގައި ވެސް އެ ފިކުރުގެ މީހުން އުޅެމުން ދިޔަ އެވެ.
ރާއްޖެ އޮތް ނުރައްކާ ފައްތަރުން، އެ މީހުންނަށް ހެޔޮ މަގު ދައްކައިދޭން ކުރެއްވި މަސައްކަތް ކިޔައިދެއްވަމުން ޝަހީމް ވިދާޅުވީ ހައްދުފަހަނަ އެޅި މީހުންގެ ތެރެއިން ހިމަންދޫގައި އުޅެމުން ދިޔަ މީހުން އިސްލާމިކް މިނިސްޓްރީއަށް ހާޒިރު ކުރި ކަމަށެވެ. އަދި ޖަލުގައި ތިބި މީހުންނާ ޖަލުގެ ތެރެއިން ބައްދަލު ކުރެއްވި ކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެ ބައްދަލުވުންތަކުގައި އެ މައްސަލަ ހައްލު ކުރީ ދީނީ ބަހުސްތައް ކޮށްގެންނެވެ.
"ދީނީގޮތުން ނެގޯޝިއޭޓްކުރީ. ކުރިއިރު އެނގުނީ ދީނީ މައުލޫމާތު އެ މީހުންނަށް ނޭނގޭކަން. އެހެންވެ އިލްމީ ބަހުސް ކޮށްގެން އެ މީހުން ރަނގަޅު ކުރީ،" ޖަލަށް ކޯސް ހިންގަން ވެސް ވަޑައިގެންނެވި ޝަހީމް ވިދާޅުވި އެވެ.
ހިމަންދޫ މައްސަލާގައި ޖަލު ބަންދުގައި ތިބި މީހުންނަށް ވަކި ކޯސްތަކެއް ޖަލުގައި ހިންގިއިރު ދޫވެފައި ތިބި 15 ވަރަކަށް މީހުންނަށް ހާއްސަކޮށްގެން ގުރުއާނާ ބެހޭ މަރުކަޒުގައި ވަކި ކޯހެއް ހިންގި އެވެ. ޝަހީމް ވިދާޅުވި ގޮތުގައި އެ ކޯސް ފަރުމާ ކުރީ އެ މީހުންނަށް ދީނީގޮތުން އޮޅިފައިވާ ކަންކަން ބުނެ ދިނުމަށެވެ.
"އިލްމީ ގޮތުން ވަރަށް މަސައްކަތް ކޮށްގެން އެ މީހުން ރަނގަޅު ކުރެވުނީ. ރަނގަޅު ގޮތް އެ މީހުންނަށް ބުނެ ދިނީމައި އެ މީހުން ރަށަށް ގޮސް އެހެން މީހުންނަށް އެ ގޮތް ބުނެދޭ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްގެ ނަތީޖާ ވަރަށް ރަނގަޅެވެ. އޭގެ ފަހުން އެ ރަށުގައި އެންމެން ވެސް ޖަމާއަތުގައި ނަމާދު ކުރާއިރު އެ މީހުންގެ ދަރިން ސްކޫލްތަކަށް ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިމަންދޫ މައްސަލާގައި އިސްކޮށް ހުރި ނަމަވެސް އެ ޕްރޮގްރާމްތަކުގައި އަބްދުﷲ އަލީ ބައިވެރިއެއް އޭރު ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ބައިވެރި ނުކުރީ އެހެން މައްސަލައެއްގައި ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި އޭނާ ޖަލު ބަންދުގައި ހުރުމުންނެވެ.
އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި އަދި ދީނީގޮތުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޝަހީމް ވިދާޅުވިގޮތުގައި ހައްދުފަހަނާޅައި ދިއުމުގެ މައްސަލަ ހައްލު ކުރެވޭނީ ދީނީ ސައްހަ މައުލޫމާތު އެ ފިކުރުގެ މީހުންނަށް ދީގެންނެވެ.
"އެ ކަހަލަ މީހުންނަށް ބަލާއިރު އެ މީހުންނަކީ ކިޔަވައިގެން ތިބި މީހުންނެއް ނޫން. އެ މީހުން ދީނީ ރަނގަޅު އިލްމުދީގެން އިސްލާހު ކުރެވޭނީ. ގާނޫނީ ގޮތުން އަދަބުދީގެން މިކަން ހައްލެއް ނުވާނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެފަދަ ކުށްތަކުގައި ހައްޔަރު ކުރާ މީހުން އެހެން ކުށްވެރިންނާ އެކުގައި ނުބޭއްތިބުމަށް ވެސް ވިސްނަން ޖެހެ އެވެ. އެގޮތުން އެފަދަ ކުށްތަކުގައި ހައްޔަރު ކުރާ މީހުން ވަކި ސެންޓަރެގައި ބަންދުކޮށްގެން އެ މީހުންނަށް ރަނގަޅު ގޮތް ބުނެދޭން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ކުރިން ހައްދުފަހަނަ އެޅި ފިކުރުގައި ތިބި ހުސައިން ފަދަ ގިނަ ބަޔަކު މިއަދު ވަނީ އިސްލާހުވެފަ އެވެ. އެ މީހުންނަށް ހެޔޮމަގު ފެނުނީ ދީނީ ރަނގަޅު މައުލޫމާތު ލިބެންފެށި ހިސާބުންނެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހައްދުފަހަނާއަޅައިދިއުމުގެ މައްސަލަ ހައްލު ކުރަން ހިމަންދޫން މިސާލު ނަގަން ޖެހެ އެވެ.
Comment